ވިކްޓަރީގެ މެސީއާއި ކީޕަރު މަހްމޫދު އަދި ކެރިޗު މާޒިޔާއަށް

ވިކްޓަރީ ދޫކޮށް މާޒިޔާއާ ގުޅުނު ކެރިޗް(ކ)، ކީޕަރު މަހްމޫދު(މ) އަދި މެސީ(ވ): އެ ތިން ކުޅުންތެރިން ވެސް ވިކްޓަރީއާ ގުޅުނީ މިއަހަރު ފެށުނުތަނާ --- ފޮޓޯ/ މާޒިޔާ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ)އާއި ސީރިއާ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް އަދި ކްރޮއޭޝިއާ ފޯވަޑް ކެރިޗް އަންދްރޭޖް، މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެ އެވެ.

މެސީއާއި މަހްމޫދު އަދި ކެރިޗް، މާޒިޔާއާ ގުޅިފައި ވަނީ ވިކްޓަރީއަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ނުލިބުމުގެ އިތުރުން އެ ކްލަބުގެ ތެރޭގައި ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މި ސީޒަނުގައި ވިކްޓަރީއާ ގުޅުމުގެ ކުރިން މެސީ ވަނީ މާޒިޔާގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. މިއީ މެސީ މާޒިޔާއާ ގުޅުނު ތިންވަނަ ފަހަރެވެ. ކުރިން 2012 ވަނަ އަހަރު މާޒިޔާއާ ގުޅުނު މެސީ، ފުރަތަމަ އެ ކްލަބު ދޫކޮށް ދިޔައީ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށެވެ. ދެވަނަ ފަހަރަށް އޭނާ މާޒިޔާއާ ގުޅުނީ 2015 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން މާޒިޔާއަށް ކުޅުމަށް ފަހު އޭނާގެ ސީނިއާ ކެރިޔަރު ފުރަތަމަ ފެށި ވިކްޓަރީއާ ގުޅުނީ މިއަހަރެވެ.

މާޒިޔާ އިން ސީރިއާ ކީޕަރު މަހްމޫދު ގެނެސްފައި ވަނީ މާލޭ ލީގުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް ދޫކޮށްލުމަށްފަހު އެވެ. މިއަހަރު ވިކްޓަރީއާ ގުޅުމުގެ ކުރިން މިދިޔަ އަހަރު މަހްމޫދު ފެނިގެންދިޔައީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިންނެވެ.

މާޒިޔާއާ ގުޅުނު ކްރޮއޭޝިއާ ފޯވަޑް ކެރިޗްއަކީ ވެސް މިއަހަރު ވިކްޓަރީއަށް ގެނައި ކުޅުންތެރިއެކެވެ. ކީޕަރު މަހްމޫދެކޭ އެއްގޮތަށް ވިކްޓަރީއާ ގުޅުމުގެ ކުރިން މިދިޔަ އަހަރު ކެރިޗް ވެސް ފެނިގެންދިޔައީ ޔޫވީ އިންނެވެ.

މަޓިއާޝްއާ އެކު މާޒިޔާއިން މި އަހަރުގެ ސީޒަން ފެށުނުއިރު ޖުމްލަ ހަތަރު ބިދޭސީ ކުޅުންތެރިން ގެނެސްފައިވެ އެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން މާޒިޔާ އިން ދޫނުކޮށްލާ ހަމައެކަނި ބިދޭސީ ކުޅުންތެރިޔަކީ ޑިފެންޑަރު މިލޮސް ކޮވަސެވިޗް އެވެ. މަޓިއާޝްގެ އިތުރުން މާޒިޔާ އިން ވަނީ ފޯވަޑް އެލެކްސެންޑާ ރަކިޗް އަދި ޑިފެންޑަރު އަންދްރޭ އެލެކްސެންޑްރޫ ކޯޑޯސް ވެސް ދޫކޮށްލައިފަ އެވެ.

މާޒިޔާ އިން ދެން ނުކުންނަން ޖެހޭނީ ދިވެހި ޕްރިމިއާ ލީގަށެވެ. އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާއާއެކު ލީގުގައި ދެން ވާދަކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދު އާއި ގދ. ތިނަދުއާއި އއ. މާޅޮސް އަދި ށ. މިލަންދު އެވެ.

comment ކޮމެންޓް