ފިލްމު، "ނޭދެން ވަކިވާކަށް"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން!

ފިލްމު، "ނޭދެން ވަކިވާކަށް"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމު، "ނޭދެން ވަކިވާކަށް"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

ސަން މީޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މާކެޓިން މެނޭޖަރު އަލީ އަމީރެވެ. ފިލްމު އުފެއްދި މީ ޕްރޮޑަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ.

ސޮއިކުރުމަށް ފަހު މާއެނބޫ ބުނީ، އޭނާގެ ހަޔާތުގައި ހެދި އެންމެ މަސައްކަތް ބުރަ އަދި އެންމެ ބޮޑު ހަރަދެއް ކުރި ފިލްމުގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ފިލްމު، "ނޭދެން ވަކިވާކަށް"ގެ ޕޯސްޓަރެއްގައި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ޔޫއްޕެ އަދި އަޒޫ ---

އަދި ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކާ އެކު ސަން މީޑިއާ ގްރޫޕުން ބާއްވަމުން އަންނަ ގާތް ގުޅުން ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި ސަން މީޑިއާ އަކީ ފިލްމީ ދާއިރާއަށް މުހިއްމު ކުންފުންޏެއް ކަމަށް ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަން މީޑިއާގެ ވިސްނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއެރުމަށްޓަކާ އެއްބާރުލުން ދިނުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފިލްމީ ދާއިރާގެ ކުރިއެރުމަށް ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމު، "ނޭދެން ވަކިވާކަށް" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަހުދީ އަހުމަދުގެ ވަރަށް ތަފާތު ވާހަކަ އެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމު، "ނޭދެން ވަކިވާކަށް"ގެ ޕޯސްޓަރެއްގައި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ އަޒޫ އަދި ނެށުންތެރިޔާ ޖާދު: މިއީ ޖާދު ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރު ކަމަށް މާއެނބޫ ބުނޭ ----

ފިލްމުގެ މަންޒަރުތައް ކެމެރާ ކޮށްފައި ވަނީ، މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި) އެވެ.

ބަދުނަސީބު އަންހެން ކުއްޖެއްގެ ދިރިއުޅުމަށްދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެ ފިލްމުގެ ޑައިރެކްޓަރަކީ މިހާތަނަށް 11 ފީޗާ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު މާއެނބޫ އެވެ.

އއ. ތޮއްޑުއާއި މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "ނޭދެން ވަކިވާކަށް"ގެ ލީޑުރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތިމަތު އާޒިފާ (އަޒޫ) އަދި ޖާދުއްﷲ އިސްމާއިލް (ޖާދު) އެވެ.

އޭގެ އިތުރުން ނާޝިދާ (ނާއްކޮ)، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ސައީދާއި އާރިފާ އިބްރާހީމް އަދި އިބްރާހީމް ރިޔާޒް (ބައޯ)އާއި އަލީ ޝާހިދު (ސްޓެޕް އައްޔަ) ފަދަ ތަރިންގެ އެކްޓިންނެވެ.

comment ކޮމެންޓް