މަޖިލީހަށް ވަދެވޭނީ މުވައްޒަފުންނަށް އެކަނި ކަމަށް ސިފައިން ބުނެފައިވޭ: އަމީންއާންމު

މަޖިލީހުގެ ހުޅަނގުފަރާތު ގޭޓުގައި ތަޅު އަޅުވައިގެން ސިފައިން ފާރައަށް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޖިލީހުގެ ގޭޓްތަކުން ވަދެވޭނީ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އެކަނި ކަމަށް މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން ބުނެފައިވާ ކަމަށް މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ވަނީ މަޖިލީހުގެ ހުރިހާ ގޭޓެއްގައި ތަޅު އަޅުވާފަ އެވެ. ގޭޓުތަކުގައި ތަޅު އެޅުވުމަށްފަހު، ބައެއް ގޭޓުތަކުގެ ކައިރީގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

އެކަމާ ގުޅިގެން ބަހެއް ހޯދާލުމަށް އެމްއެންއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކޮށްފައި ވަނީ ސިފައިންނާއެވެ.

މަޖިލީހުގައި ތަޅު އަޅުވާފައި މި ވަނީ އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ދޮރުތަކުގައި ތަޅު އެޅުވި ސަބަބާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ހެނދުނު ވިދާޅުވީ އެމްއެންޑީއެފްއަކީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތް ކަމަށާއި ނަމަވެސް ތަޅުއެޅުވި ސަބަބާ ބެހޭ ގޮތުން މަޖިލީހާ ސުވާލު ކުރުން ރަނގަޅު ކަމަށެވެ.

މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ތަނަކީ އެމްއެންޑީއެފް ކަމަށެވެ.

މަޖިލީޙުގެ ޖަލްސާއެއް ދެން އޮންނާނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން އިއްޔެ އިއުލާނުކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއަދު ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އަދި އެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދު ﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ވޯޓަށް އަހަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް