ސައޫދީ ދީނީ ފުލުހުންގެ ވެރިޔާ އަވަހާރަކޮށްލައިފި

ސައޫދީ އަރަބިޔާގެ ދީނީ ފުލުހުންގެ މުއައްސަސާ "ހައިއަތުލްއަމުރު ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" ގެ ރައީސް ޝައިޚު ފަހްދުލްޚުޟައިރު ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ.

މިޚަބަރު އާންމު ވެގެންދިޔައީ ޝައިޚު ފަހްދުލްޚުޟައިރު ގެ ޅިޔަނެއް ކަމަށްވާ ސައޫދީ މަޝްހޫރު ވިޔަފާރިވެރިޔާ ޚާލިދުއްރާޖިހީ ކުރެއްވި ޓުވީތަކުންނާއި ސައޫދީ އޮންލައިން ބައެއް ނޫސްތަކުންނެވެ. ސައޫދީ ދާޚިލީ ވުޒާރާއިން ވަނީ ޝައިޚު ފަހްދުލްޚުޟައިރު ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލި މައްސަލައިގެ އެއްވެސް ތަފްސީލެއް ދިނުމަށް ފަސްޖެހިފަ އެވެ.

ނަމަވެސް ސައޫދީ މަދަނީ ދިފާއީ ބާރުތަކުގެ ތަރްޖަމާން ކާނަލް އިބްރާހީމް އަބުލްޚައިލް ސައޫދީ ނޫހެއް ކަމަށްވާ "އާޖިލް"އަށް ރޭ ދެއްވި ބަސްދީ ގަތުމެއްގައި ވަނީ ޝައިޚު ފަހްދުލްޚުޟައިރު ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލިކަން ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެއީ ޖަރީމާއެއް ކަމަށާ ފުލުހުން އެޖަރީމާ ތަހްގީގް ކުރަމުން ގެންދާކަމުގައެވެ. ޝައިޚު ފަހްދުލްޚުޟައިރު ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލި މީހުން އެކަން ފޮރުވުމަށްޓަކައި އޭނާ ދިރިއުޅުއްވާ އިމާރާތުގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށްވެސް ސައޫދީ ނޫހެއް ކަމަށްވާ "އާޖިލް" އަށް ދެއްވި ބަސްދީގަތުމުގައި ކާނަލް އިބްރާހީމް އަބުލްޚައިލް ވިދާޅުވެފައިވެއެވެ. ސައޫދީ އަރަބިޔާގެ ދީނީ ފުލުހުންގެ މުއައްސަސާއަކީ ކުރިން ވަރަށް ބާރުގަދަ މުއައްސަސާއެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު ސައޫދީ ވަޒީރުންގެ މަޖިލީހުންވަނީ އެމުއައްސަސާގެ "ފިޔަގަނޑު ކޮށާލައި" ބާރު މުޅިން ކަނޑުވާލާފައެވެ.

މުހައްމަދު ބިން ސަލްމާން އާއި ޓްރަމްޕް

" ހައިއަތުލްއަމުރު ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" އަކީ ސައޫދީ އަރަބިޔާގެ އެތެރޭގައި މާތްވެގެންވާ އިސްލާމް ދީނާ ޚިލާފަށް ހިންގާ އަދި ކުރާ ކޮންމެ އަމަލެއް ވަގުތުން ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިގެންވާ ވަރަށް ބާރުގަދަ މުއައްސަސާއެކެވެ. މީގެތެރޭގައި މީހުން ހައްޔަރު ކުރުމާއި މީހުންގެ މައްސަލަ ތަހްގީގްކޮށް ޝަރުޢީ ފަރާތްތަކަށް ފޮނުވުމުގެ ގާނޫނީ ބާރުވެސް އެމުއައްސަސާއަށް ލިބިގެންވެއެވެ. އަދި އެމުއައްސަސާއިން ކުރާ އެއްވެސް ކަމަކަށް އަދި ހިންގާ އަމަލަކަށް ހުރަސްއެޅުމުގެ ބާރެއް ސައޫދީ ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި ހިމެނޭ އެހެން ފަރާތަކަށްވެސް ނޯވެއެވެ.

ނަތީޖާއަކަށްވީ ދީނުގެ ނަމުގައި އާންމުންގެ ފަރުދީ އަދި ޝަޚްސީ މިނިވަން ކަމަށް އެމުއައްސަސާއިން އަރައިގަތުމާއި ލިބިފައިވާ ބާރު ނަމަހަގޮތުގައި ބޭނުންކޮށް ދީނުގެ ނަމުގައި އަމިއްލަ މަސްލަޙީ ކަންކަން ކުރާކަމުގެ ތުހުމަތު ސައޫދީ އާންމުރައްޔިތުން އެ މުއައްސަސާގެ މައްޗަށް ކުރަން ފެށުމެވެ. އަދި އެންމެފަހުން އެ މުއައްސަސާގެ އިސްވެރިންނާ ގުޅޭ މިފަދަ ޝަކުވާތައް ސައޫދީ ކުރީގެ ވަލީއުލްއަހްދުގެ ނައިބު އަދި މިހާރުގެ ބާރުގަދަ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ގެ އަރިހަށް ގެންދިޔުމެވެ. މިއާއެކު މިދިޔަ އަހަރުގެ ކުރީކޮޅު ސައޫދީ ވަޒީރުންގެ މަޖިލީހުންވަނީ ދީނީ ފުލުހުންގެ މުއައްސަސާއަށް ގާނޫނުން ދީފައިވާ ބާރުތައް ވަކި މުއްދަތެއްނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން އެމުއައްސަސާ މިހާރު ވެފައިވަނީ އާރެއް ބާރެއްނެތް ހަމައެކަނި ނަމެއްގައި އޮތް މުއައްސަސާއަކަށް ވެފައެވެ.

ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ދީނީ ވިސްނުމުގައި ހަރުކަށި އަދި ކޮންޒަވެޓިވް މީހުންނާއި އެވިސްނުމުގެ އިލްމުވެރިން، ދީނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ތާއީދުކުރެއެވެ. އަދި އަދި އެމުއައްސަސާއަށް ކުރިން ދީފައިވާ ބާރުތައް އަލުން ދިނުމަށް ސައޫދީ ސަރުކާރަށް އެފަރާތްތަކުން ހުށަހަޅަމުންވެސް ގެންދެއެވެ. ނަމަވެސް ޒަމާނީ ތައުލީމު ޙާސިލްކޮށްގެންތިބި ދީނީ ގޮތުން މެދުމިނުގެ ފިކުރު ގެންގުޅޭ ސައޫދީ ރައްޔިތުންނާއި އިލްމުވެރިން ސަރުކާރުގެ ކިބައިން އެދެމުން ގެންދަނީ އެމުއައްސަސާ އުވާލުމަށެވެ.

އަނެއްކޮޅުން ލާދީނީ ނުވަތަ އިލްމާނީ ފިކުރުގެ ސައޫދީ ބައެއް ރައްޔިތުން ގެންދަނީ ދީނީ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނަށް ބިރު ދައްކައި އެމީހުންނަށް މަރުގެ އިންޒާރުތައްވެސް ދެމުންނެވެ.

ސައޫދީ އަރަބިޔާ މިހާރު ދަތުރު ކުރަމުން ދަނީ ވަރަށް ހައްސާސް މަރްޙަލާއެއްގައެވެ. ދާދިފަހުންވަނީ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ނާއިފް ކުއްލި ގޮތަކަށް މަގާމުން ދުރުކޮށް އެމަގާމަށް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އިސްކޮށްފައެވެ. މިއާއެކު މަގާމުން ދުރުކުރެވުނު މުހައްމަދު ބިން ނާއިފް ގޭބަންދުގައި ބަހައްޓާފައިވާ ކަމުގެ ޚަބަރުތަކެއްވެސްވަނީ ފެތުރިފައެވެ. ނަމަވެސް ސައޫދީ ސަރުކާރުން މިކަން ދޮގުކުރެއެވެ.

ކިންގް އަބްދުލްއަޒީޒް އާއި ސައޫދީގައި ކުރިން ރަސްކަން ކުރެއްވި އޭނާގެ ބައެއް ދަރިން

މިހާރު އިވެމުންދާ ޚަބަރަކީ ވަލީއުލްއަހްދު ކަމަށް ދާދިފަހުން އައްޔަންކުރެއްވި ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރުމަށް ސަލްމާން ރަސްގެފާނު ތައްޔާރުވެ ވަޑައިގަންނަވާ ވާހަކައެވެ. މިގޮތުން ރަސްކަން ހަވާލުކުރުމާބެހޭ ޚިތާބެއް ސަލްމާން ރަސްގެފާނު ލައްވައި ރެކޯޑްކޮށް ނިމިފައިވާކަމަށާ ދިގުމުއްދަތަކަށް ސަލްމާން ރަސްގެފާނު މަޣްރިބްގެ ރެސޯޓް ރަށެއްކަމަށްވާ ތަންޖާ އަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާ ކަމުގެ ޚަބަރުތައްވަނީ ސައޫދީގެ އެތެރޭގައާއި ބޭރުގައި ވަރަށް ބޮޑަށް ފެންމަތިވެފައެވެ. ސަލްމާންގެ ދަތުރުފުޅު ލަސްވެފައިވަނީ ވަލީއުލްއަހްދުގެ ނައިބު ކަމުގެ މަގާމަށް އައްޔަންކުރާނެ ޕްރިންސެއްގެ ނަން އަދި އިޚްތިޔާރު ނުކުރެވޭތީ ކަމަށްވެއެވެ.

ވަލީއުލްއަހްދުގެ ނައިބަކީ ރަސްކަމުގެ ރޭންކްގައި ތިންވަނައަށް ހުންނަވާ ފަރާތެވެ. މިމަގާމަށް އައްޔަންކުރާނީ ސައޫދީ ރަސްކަމުގެ ބާނީ އަދި ސައޫދީ ޝާހީ ޚާންދާންގެ މުއައްސިސް ކިންގް އަބްދުލްއަޒީޒް އާލް ސައޫދުގެ ކާފަދަރިކަލެއް ކަމަށްވިޔަސް ކާފަދަރިންގެ އަދަދު އެތަށް ސަތޭކައަކަށް އަރާތީ ޝާހީ އާއިލާގެ މަސްލަހަތު ނުގެއްލޭގޮތަށް އެމަގާމަށް ކަމަށް އެކަށޭނަ ބޭފުޅަކު އިޚްތިޔާރު ކުރުންވަނީ ދަތި ކަމަކަށްވެފައެވެ.

މުހައްމަދު ބިން ސަލްމާން ރަސްކަން ހަވާލުކުރުމާބެހޭ ޚިތާބެއް ރަސްގެފާނު ލައްވައި ރެކޯޑް ކޮށް ނިމިފައި އޮތްނަމަވެސް ރަސްކަން ހަވާލުކުރުމުގެ ކަންތައް ކުރަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހު ތެރޭގައި ކަމަށް ނަން ހާމަކުރަންނޭދޭ ސައޫދީ ޝާހީ އާއިލާގެ ބޭފުޅަކުވަނީ ވިދާޅުވެފައެވެ. ސައޫދީ ބާރުގަދަ މީހާގެ ނަމުން ނަންދީފައިވާ މިހާރުގެ ވަލީއުލްއަހްދު އަދި ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންއަކީ ދީނީ ފުލުހުންގެ މުއައްސަސާ އެގޮތުގައި ބޭއްވުމަށް ތާއީދު ކުރައްވާ ބޭފުޅެއްނޫން ކަމަށްވެއެވެ. މުހައްމަދު ބިން ސަލްމާންއަކީ ދީނީ ކަންކަމުގައި މެދުމިނުގެ ފިކުރުގެ ބޭފުޅެއް ކަމަށްވެއެވެ. މިގޮތުން އޭނާ ސައޫދީ ހަރުކަށި ވިސްނުމުގެ ޝައިޚުންގެ ފިކުރާ އިދިކޮޅު ކަމަށްވެއެވެ.

މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން އިޢްލާން ކުރައްވާފައިވާ "ސައޫދީ ވިޝަން 2030" ގައި ކޮންމެވެސް ވަރަކަށް މިޔުޒިކް ހުއްދަކުރުމާއި ސައޫދީ ގައި ސިނަމާތަކާއި މުނިފޫހި ފިލުވުމުގެ މަރުކަޒުތައް ގާއިމް ކުރުން ހިމެނެއެވެ. މިއީ ސައޫދީ ހަރުކަށި ވިސްނުމުގެ ޝައިޚުންގެ ނަޒަރުގައި މުޅިން ހަރާމް ކަންކަމެވެ. ދާދިފަހުން ސައޫދީ ގައިވަނީ އަރަބި ފަންނާނެއްގެ މިޔުޒިކީ ހަފްލާއެއް ވެސް ބާއްވާފައެވެ. މިކަމާދެކޮޅަށް ހަރުކަށި ބައެއް ޝައިޚުން އަޑުއުފުލިނަމަވެސް އެކަން ސައޫދީގައި މާބޮޑު މައްސަލައަކަށް ނުވުމަކީ މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ދީނީ މެދުމިނުގެ ފިކުރަށް ސައޫދީ ގިނަބައެއްގެ ތާއީދު އޮތްކަން ހާމަވެގެން ދިޔަކަމެކެވެ.

ސައޫދީ ދީނީ ފުލުހުންގެ މުއައްސަސާގެ ރައީސް ޝައިޚު ފަހްދުލްޚުޟައިރު އަވަހާރަކޮށްލުމުން ސައޫދީ ދާޚިލީ ވުޒާރާއިން އެކަމުގެ ތަފްސީލް ދީފައިނުވުމާއި ދާދިފަހުން ސައޫދީ ރަށްފުށުގެ ހިސާބަކުން ކުރު ހެދުން ލައިގެން މަގުމަތީގައި އުޅުނު އަންހެން ކުއްޖާ ގެ މައްސަލަވެސް މާބޮޑު މައްސަލައަކަށް ނުވެ އެކުއްޖާއަށް ނަސީހަތް ދީފައި ދޫކޮށްލުމަކީ ސައޫދީ ގައި ކުރިން ނުހިނގާ ބާވަތުގެ ކަންކަން ކަމަށް ބުނެ އެގައުމުގެ ބައެއް ފަރާތްތަކުން ޓުވީޓްތައް ކުރަމުން އެބަގެންދެއެވެ.

އަދި ދީނީ ފުލުހުންގެ އެމުއައްސަސާގެ ބައެއް ވެރިންނާއި ބައެއް އޮފްސަރުންނަށް މަރުގެ އިންޒާރުތައް ދެމުން ގެންދިޔައިރު އެކަން ސައޫދީ ސަލާމަތީ ބާރުތަކަށް ހުށަހެޅި ނަމަވެސް އެ ބޭފުޅުންނަށް އިތުރު ޙިމާޔަތް ދީފައިނުވާކަންވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ. އެހެންކަމުން މިއީ ސައޫދީ އަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ކޮޅުމަތި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ސައޫދީ އެތެރޭގެ ކަންކަމަށް މިފަދަ ބަދަލުތައް އަންނައިރު އެގައުމުވަނީ އަވަށްޓެރި ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައެވެ. އަވަށްޓެރި އެންމެ ބޮޑު ގައުމުކަމަށްވާ އީރާނާއި ސައޫދީ ގެ ގުޅުންތައްވެސްވަނީ މިފަހަކަށް އައިސް ގޯސްވެފައި ނުވާވަރަށް ގޯސްވެ ހަނގުރާމައިގެ ޙާލަތުގައެވެ. އަނެއްކޮޅުން ގަތަރާ ދެކޮޅަށް އަރަބި ހަތަރުގައުމަކުން އެޅި ފިޔަވަޅުތަކުގައިވެސް ސައޫދީ އިސް ދައުރެއް އަދާކުރެއެވެ. މި ފިޔަވަޅުތަކުންވެސް އަދި ޔަމަން ގެ ހަނގުރާމައިންވެސް އެއްވެސް ކާމިޔާބެއް އަދި ލިބިފައެއް ނުވެއެވެ.

މީގެއިތުރުން ސައޫދީންގެ ތާއީދު ލިބިފައިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައްވެސް ދަނީ ބައްޝާރުގެ ސިފައިންގެ ލަޝްކަރުގެ ކުރިމަތީގައި މަޑުމަޑުން ބަލިކަށިވަމުންނެވެ. އަނެއްކޮޅުން ތެލުގެ އަގު ދަށްވުމުން ސައޫދީ އަށް ލިބޭ އާމްދަނީ ދަށަށްދާން ފަށާފައިވާ މިދުވަސްވަރު އެމެރިކާ ގެންދަނީ ސައޫދީ އަތުން ގިނަ އަދަދަކަށް ފައިސާ ހޯދުމަށް (ހަތިޔާރު ވިއްކައިގެން) ސައޫދީ އަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. މިހުރިހާ ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު މިފިއްތުންތަކުން ސަލާމަތްވެ އެމެރިކާގެ ރުހުން އިތުރަށް ހޯދުމަށްޓަކައި ސައޫދީން ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބަދަހި ކުރަމުން ގެންދާކަމުގެ ޚަބަރުތައް ބައިނަލްއަގްވާމީ މީޑިޔާގައި ދަނީ ފެންމަތިވަމުންނެވެ.

ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސައޫދީ އަކީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާ ވާ ގައުމެކެވެ. ސައޫދީ ރަސްކަމަށް ބޮޑު ބަދަލެއް އަންނައިރު އެއީ އެމެރިކާ ރުހޭ ގޮތަށް ނޫނީ އެކަން ނުކުރެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އަދި ސައޫދީ އަށް އަންނަމުންދާ ބަދަލުތަކަކީ އެމެރިކާގެ ރުހުމުގެ މަތިން އަންނަ ބަދަލުތަކެއް ކަަމަށްވެސް މިފަރާތްތަކުން ދެކެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު