ޕީއެސްޖީން ނޭމާ ގެންދަން އުޅެނީ ސަންޗޭޒް ލިބޭނެ ގޮތެއް ނެތުމުން: ވެންގާ

އާސެނަލްގެ ކޯޗު ވެންގާ(ކ)އާއި އެ ކްލަބުގެ ޗިލީ ތަރި ސަންޗޭޒް(ވ): އާސެނަލްއާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން އަހަރަކަށްފަހު ނިމުމަކަށް އަންނާނެ ---

ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އިން ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ ގެންދަން މަސައްކަތްކުރަނީ އާސެނަލްގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް ލިބޭނެ ގޮތެއް ނެތުމުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ނޭމާގެ ސޮއި ހޯދުމަށްޓަކައި ބާސާއަށް 222 މިލިއަން ޔޫރޯގެ ރިލީސް ފީ ދެއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ޕީއެސްޖީން ކުރަމުންދާ ކަމަށް ހަބަރުތައް ބުނަމުންދިޔަ ނަމަވެސް، ބާސާގެ ބައެއް ކުޅުންތެރިންނާއި އެ ކްލަބުގެ ކޯޗު އަދި ރައީސް ވެސް ބުނަމުންދަނީ އޭނާ އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

އާސެނަލްއާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ނިމެން ސީޒަނަކަށް ވެފައިވުމުން ޕީއެސްޖީން ވަނީ ސަންޗޭޒް ގެންދިއުމަށް ވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން ޕީއެސްޖީގެ ވެރިންނާ ބައްދަލުކުރުމަށް ފްރާންސްގެ ޕެރިހަށް ވެސް ސަންޗޭޒް ގޮސްފައިވެ އެވެ.

ކުރިއަށް އޮތް ސީޒަން ނިމުމުން އާސެނަލްއާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަގޮތަށް އޮތް ކަމުގައިވިޔަސް، ތަކުރާރުކޮށް ވެންގާ ބުނަމުން ދަނީ ސަންޗޭޒް ނުވިއްކާނެ ކަމަށެވެ. ކުރިއަށް އޮތް ސީޒަން ނިމުމުގެ ކުރިން އާސެނަލްއާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން އާނުކޮށްފި ނަމަ، އެ ސީޒަނަށް ފަހު ސަންޗޭޒް އެ ކްލަބު ދޫކޮށް ދާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

"އަހަރެންނަށް ހިއެއް ނުވޭ އޭނާ ޕެރިހަށް ދިޔަ ހެނެއް. ޕީއެސްޖީއަށް ސަންޗޭޒް ނުލިބޭނެތީ އެ ކްލަބުން މިހާރު ނޭމާ ހޯދުމުގެ މަސައްކަތް އެކުރަނީ. ފާއިތުވެ ދިޔަ ތިނެއް ނުވަތަ ހަތަރު ދުވަހު އަހަރެން އެލް އިކުއިޕް ނޫހުގެ ހަބަރުތައް ބަލަމުންދިޔައިން. ސަންޗޭޒްގެ ވާހަކައަށް ފަހު މިހާރު އެ ނޫހުން ދައްކަނީ ނޭމާގެ ވާހަކަ،" ވެންގާ ބުންޏެވެ.

އާސެނަލްގެ ކޯޗު ބުނީ، ސަންޗޭޒްގެ ޓްރާންސްފާގެ ކަންތަކުގައި ގޮތެއް ނިންމިތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި ވެސް ބުނަމުން ގޮސްފައި ވާނީ ސަންޗޭޒަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

comment ކޮމެންޓް