ޞަޙާބީންގެ މަތިވެރިކަން -5

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

.

ޙައްޤަށް އިޢުތިރާފުވެ ވަޑައިގަތުން

"އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ތެދުވެ ވަޑައިގެން ވިދާޅުވިއެވެ. ވަރަށް ގިނަ މުނާފިޤުން ހީކުރާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. ނަމަވެސް މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެކަލޭގެފާނު މާތްﷲގެ ޙަޟުރަތަށް ވަޑައިގެންނެވީއެވެ. މޫސާ ބިން ޢިމްރާން ވަޑައިގެންނެވި ފަދައިންނެވެ. އެކަލޭގެފާނުވެސް ސާޅިސް ދުވަސް ވަންދެން އެކަލޭގެފާނުގެ ޤައުމުގެ މީހުނަށް ޣާއިބުވެވަޑައިގެން ހުންނެވިއެވެ. އެކަލޭގެފާނު އަވާހަރަވީ ކަމުގައި ބުނެވޭން ފެށުމުން އެބައިމީހުންގެ ތެރެއަށް އަނބުރި ވަޑައިގެންނެވިއެވެ. މާތްﷲ ގަންދެއްވަމެވެ. މާތްﷲގެ ރަސޫލާވެސް ހަމައެފަދައިން އެނބުރި ވަޑައިގަންނަވާނެކަން ކަށަވަރެވެ. މުސާގެފާނުވެސް އެނބުރި ވަޑައިގެންނެވި ފަދައިންނެވެ. އެކަލޭގެފާނު ވަޑައިގެން، އެކަލޭގެފާނު އަވަހާރަވީ ކަމުގައި ހީކޮށްގެން އުޅުނު މީހުންގެ އަތްފައި ކަނޑުއްވާނެއެވެ.

އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް އެޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނުވެސް ވަޑައިގެންފިއެވެ. މިސްކިތުގެ ދޮރުކޮޅުމައްޗަށް ފައިބައިވަޑައިގެންނެވިއިރު ޢުމަރުގެފާނު މީސްތަކުންގެ މެދުގައި ތަޤްރީރު ކުރައްވަނީއެވެ. އަބޫބަކުރުގެފާނު ސީދާ ވަޑައިގަތީ އިތުރު ސާހިބާ އޮންނެވި ކޮޓަރިކޮޅަށެވެ. އިތުރު ސާހިބާގެ މޫނުފުޅުމަތިން ސާލުކޮޅު ނަންގަވައި ބައްލަވައިލެއްވުމަށްފަހު އެކަލޭގެފާނުގެ މޫނުފުޅުގައި ބޮސް ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނުގެ މައްޗަށް ޤުރްބާނެވެ. މާތްﷲ ކަލޭގެފާނުގެ މައްޗަށް މިންވަރުކުރައްވައިފައިވާ އަވަހާރަވުން ކަލޭގެފާނުގެ މައްޗަށް އަތުވެއްޖެއެވެ. މީގެފަހަކުން ކަލޭގެފާނުގެ މައްޗަކަށް އަވަހާރަވުމުގެ މުޞީބާތެއް އައުމެއްނެތެވެ. މިހެން ވިދާޅުވުމަށްފަހު އަބޫބަކުރުގެފާނު އިތުރު ސާހިބާގެ މޫނުފުޅުމަތީގައި އަލުން ސާލުކޮޅު އަޅުއްވައިފައި ބޭރަށް ނުކުމެވަޑައިގެންނެވިއެވެ. އޭރުވެސް ޢުމަރުގެފާނު ހުއްޓައިނުލައްވައި ވާހަކަ ދައްކަވަމުން ގެންދަވަނީއެވެ. އަބޫބަކުރުގެފާނު މިސްކިތަށް އަރައިވަޑައިގެން ވިދާޅުވިއެވެ. "އޭ ޢުމަރުގެފާނެވެ. ވާހަކަފުޅު ހުއްޓައިލައްވާށެވެ. ހިމޭންވެ ވަޑައިގަންނަވާށެވެ." ނަމަވެސް ޢުމަރުގެފާނު ވާހަކަފުޅު ހުއްޓަވައެއް ނުލެއްވިއެވެ. އެކަމާކުރެއްވީ އިންކާރެވެ. ޢުމަރުގެފާނު އެކަލޭގެފާނު ވާހަކަފުޅު ހުއްޓައިލައްވަން އެއްބަސްވެ ވަޑައިނުގެންނެވުމުން އަބޫބަކުރުފާނު އެއްފަރާތަކަށް ޖެހިވަޑައިގެން މީސްތަކުންނާ މުޚާޠަބުކުރައްވައި ވާހަކަ ދައްކަވާން ފެއްޓެވިއެވެ. މީސްތަކުންނަށް އަބޫބަކުރުފާނުގެ އަޑުފުޅު އިވުމުން އެންމެން އެކަލޭގެފާނާ ދިމާޔަށް އެނބުރިއްޖެއެވެ. ޢުމަރުގެފާނު ދޫކޮށްލިއެވެ.

އަބޫބަކުރުފާނު މާތްﷲ އަށް ޙަމްދާއި ޘަނާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! މުޙައްމަދުގެފާނަށް އަޅުކަންކުރާމީހުން ދަންނާށެވެ. ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އަދި މާތްﷲ އަށް އަޅުކަންކުރާ މީހާ ދަންނާށެވެ. މާތްﷲ ދިރިދެމި ވޮޑިގެންވެއެވެ. އެކަލާނގެއީ ދުވަހަކުވެސް ފަނާވާނެ ކަލެއް ނޫނެވެ." އަބޫބަކުރުފާނު އެއަށްފަހު ކިޔަވައި ވިދާޅުވި އާޔަތުގެ މާނައިގައިވެއެވެ.

"ރަސޫލަކު ކަމުގައި މެނުވީ، މުޙައްމަދުގެފާނުން ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރީންވެސް ރަސޫލުން އިސްވެ ގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނުން އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރިގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަން މީހާ (ދަންނާށެވެ!) ފަހެ އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ." (އާލު ޢިމްރާން : 144)

ރިވާކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އެ އާޔަތް ކިޔަވައި ވިދާޅުވުމުން ހީވީ ކީރިތި ޤުރްއާނުގައި އެ އާޔަތްވެސް ބާވައިލައްވައިފައިވާކަން މީސްތަކުން ހަނދާންވެސް ނެތްހެންނެވެ. މީސްތަކުން އެ އާޔަތް ލިބިގަތީ އަބޫބަކުރުގެފާނު އެދުވަހު ވިދާޅުވި އަޑުފުޅު އިވުމުން ހެންނެވެ.

ރިވާކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އެދުވަހު ޢުމަރުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެއްވަމެވެ. އަބޫބަކުރުގެފާނު އެއާޔަތް ކިޔަވައި ވިދާޅުވާ އަޑު އިވުމުން ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތެވެ. ބިރުފުޅުގެންގޮސް ތިމަންކަލޭގެފާނުގެ ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނުގެ ދެފައިންޕުޅަކަށް ތިމަންކަލޭގެފާނުގެ ހަށިކޮޅުގެ ބަރެއް ނުއުފުލުނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވީކަންވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. (ސީރަތު އިބްނު ހިޝާމް 4/335-334 )

އާދެ، އެދުވަހު ޢުމަރުގެފާނަށް ލިބިވަޑައިގެންފައި ހުންނެވި ޖޯޝްގައި އެކަލޭގެފާނު އަބޫބަކުރުފާނު ވިދާޅުވުމުންވެސް ހިމޭންވެ ވަޑައެއް ނުގެންނެވިއެވެ. ނަމަވެސް އަބޫބަކުރުފާނު ކީރިތި ޤުރްއާނުގެ އާޔަތެއް ކިޔަވައި ވިދާޅުވާއިރަށް ކުއްލިއަކަށް ޢުމަރުގެފާނު ބިރުފުޅުން ވެއްޓިވަޑައިގެންފިއެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ކުރީންވެސް ވިދާޅުވީ ލަފުޘު ތަކެކެވެ. އެކަލޭގެފާނުގެ ދޫފުޅުން ދެވަނައަށްވެސް ވިދާޅުވި ލަފުޒުތަކެކެވެ. އެކަލޭގެފާނު ދެފަހަރަށް ވިދާޅުވި ލަފުޒުތަކުގެ އަސަރު ތަފާތު ވުމުގެ ސަބަބަކީ އެކަލޭގެފާނު އެންމެ ފުރަތަމަ ވިދާޅުވި ލަފުޡުތަކަކީ އިންސާނީ ލަފުޡު ތަކަކަށްވެފައި ދެވަނައަށް ވިދާޅުވި ލަފުޡުތަކަކީ މާތްﷲ ގެ ކަލާމްފުޅުގެ ލަފުޡުތަކެއް ކަމުގައިވުމެވެ.

ރަސޫލާގެ ޞަޙާބީންގެ ވަރަށް މުހިންމު ސިފަފުޅެއް މި ޙާދިޘާއިން ހާމަވެއެވެ. އެސިފަފުޅަކީ ރަސޫލާގެ ޞަޙާބީންނަކީ މާތްﷲގެ އަމުރުފުޅު އައުމާއެކު އެ އަމުރުފުޅުގެ ކުރިމަތީގައި އިސްތަށިފުޅު ލަންބަވައި ތިރިވެވަޑައިގަންނަވާ ބޭކަލުންކަމެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ހަޟުރަތަށް އެބޭކަލުން އެ ތިރިވެވަޑައިގަންނަވާ ގޮތަށް އެހެނިހެން ޢާންމު އިންސާނުން ތިރިވާނީ ޤިޔާމަތް ދުވަހުން އެބައިމީހުންގެ ލޯތަކަށް އެކަލާނގެ ރަސްކަންފުޅު ފެންނަހިނދުގައެވެ. ރަސޫލާގެ ޞަޙާބީންނަކީ އެބޭކަލުންނަށް އެކަލާނގެ ރަސްކަންފުޅު ފެނިވަޑައިގަތުމަކާނުލައި މިދުނިޔޭގައި އެކަލާނގެ ޙަޟުރަތަށް ތިރިވެ ވަޑައިގެންނެވި ބޭކަލުންނެވެ. މާތްﷲ އާމެދު އިންކާރު ކުރާ މީހުންނަށް ޤިޔާމަތް ދުވަހުން އަންނާނެ ޙާލަތެއް، ރަސޫލާގެ ޞަޙާބީންގެ މައްޗަށް އެއައީ އެބޭކަލުން ދިރިތިއްބަވަނިކޮށް މިދުނިޔޭގައެވެ. އެހެންމީހުން މަޖްބޫރުވެގެން ޤަބޫލުކުރާނެކަމެއް ރަސޫލާގެ ޞަޙާބީން އެ ޤަބޫލޫކުރެއްވީ އެބޭކަލުންގެ އަމިއްލަފުޅު އިޚްތިޔާރުގައެވެ. މިނިވަންކަމާއެކު އަމިއްލަފުޅަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމެއްގެ ގޮތުގައެވެ.

އިންސާނުން މިދުނިޔޭގައި ލެއްވެވީ މިދެންނެވި ޚާއްޞަ އިމްތިޙާނަށްޓަކައެވެ. މިދުނިޔޭގައި އިންސާނުންނަށް ވަނީ މިނިވަންކަން ދެއްވައިފައެވެ. ނަމަވެސް އެ މިނިވަންކަން ދެއްވީ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އިނާމު ދެއްވުމަށްޓަކައެއް ނޫނެވެ. މާތްﷲ ބައްލަވައި ވޮޑިގަންނަވަނީ މިނިވަންކަން ލިބުމުން ބޯހަރުވެ ހަރުކަށިވަނީ ކޮންބައެއް ކަމެވެ. މިނިވަންކަން ލިބިފައި އޮތުމާއެކުވެސް މާތްﷲ އަށް ބޯލަނބަނީ ކޮންބައެއްކަމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ މާތްﷲ އެދިވޮޑިގެންވާ ގޮތުގެ ޢަމަލީ ނަމޫނާތަކެކެވެ. އެބޭކަލުން މާތްﷲގެ އަމުރުފުޅަށް ޢަމަލީގޮތުން އިޖާބަދެއްވައި އެ ހާމަކޮށްދެއްވީ އިންސާނުން ވާންޖެހޭނީ ކޮންކަހަލަ ބަޔަކަށްކަމެވެ. އިންސާނުން އެބައިމީހުންގެ މިނިވަންކަމުގެ ބޭނުންކުރާން ޖެހޭނީ ކޮން ގޮތަކަށްކަމެވެ.

comment ކޮމެންޓް