ވިލިމާލެ: އަމާން މަގުތައް، ނުރައްކާ އެކްސިޑެންޓްތަކަކަށް މަގުފަހިވެފައި

ވިލިމާލޭގައި ސައިކަލްތަކެއް ޕާކްކޮށްފައި-- އަމާން އެއަވަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި-- ފޮޓޯ: ކިޔުންތެރިއެއް

ކާރުބާރޫ ބޮޑު، އަޑުގަދ،ަ ގުދުރަތީ ރީތިކަން މަދު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރިކަމުގެ އިހުސާސްކޮށްލުމުގެ ނަސީބު އެންމެ ކައިރިން ލިބޭ އަވަށަކީ މާލޭގެ ފަސް ވަނަ އަވަށް ކަމުގައިވާ ވިލިމާލެ އެވެ. އެއަވަށަކީ މިނިވަންކަން މަތީ ހިނގާބިނގާވެ އުޅުމުގެ ނަސީބް ލިބިފައިވާ އަވަށެކެވެ.

ވިލިމާލޭގައި މީހުން ދިރިއުޅޭތާ 25އަށް ވުރެ ގިނަ އަހަރުވެފައިވާ އިރު އެ ރަށަކީ އާންމުކޮށް އިންޖީނުލީ އުޅަނދު ދުއްވާ ރަށެއްނޫނެވެ. އެރަށު ދުއްވަނީ ދައުލަތުގެ އެކި މުއައްސަސާތަކުން ދުއްވާ ދެތިން ވެހިކަލްއެކެވެ. އެހެންކަމުން އެއަވަށުގެ މަގުތަކަކީ ހިނގާވެ ބިނގާވެ އުޅެން ފަސޭހަ އަމާން މަގުތަކެކެވެ.

ވިލިމާލެ މަނގުމަތީގައި ފުލުހުން ހަރަކާތް ތެރިވަނީ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ނަމަވެސް އެއުފާވެރިކަމަށް މިއަދު މިވަނީ ބަދަލު އަންނަން ފަށައިފަ އެވެ. ވިލިމާލެ ފެރީޓާމިނަލްއަށް ބަލާލިކަމުގައިވީ ނަމަވެސް މިއަދު އެންމެ ގިނައިން ފެންނަ އެކަށްޗަކީ ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ބެޓެރި ސައިކަލުތަކެވެ. އެއީ ފެންނަފެނުމަށް ޕެޓްރޯލްއަޅައިގެން އާންމުކޮށް ދުއްވާ ސައިކަލްތައް ފަދަ ސައިކަލްތަކެކެވެ. އަދި އެއީ ބާރު ސްޕީޑުގައި ދުއްވޭ ވެހިކަލްތަކެވެ. މިއަދު އެއަވަށުގައި އެފަދަ އެތައް ވެހިކަލެއް އެބަދުއްވަ އެވެ.

ވިލިމާލޭގައި ދިރިއުޅޭތާ 17 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، އަދި ދަމާސް ކުންފުނީގެ ސީއީއޯ މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި އެ ރަށުގައި ދިރިއުޅޭ މީހުން ހޭނިފައިތިބީ މަގުތަކުގައި މިނިވަންކަންމަތީ ހިނގާ އުޅުމަށް ކަމަށާއި ނަމަވެސް މިއަދު އެއަވަށު މަގުތަކަކީ އަމާންމަގުތަކެއް ނޫން ކަމަށެވެ.

"މިހާރު އެއީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު އޮތްތަނެއް، ކުރީގައި އޮތް ހިތްފަސޭހަ ކަމެއްނެތް،" ޝިހާބް ވިދާޅުވި އެވެ.

ވިލިމާލޭގައި ސައިކަލްތަކެއް ޕާކްކޮށްފައި-- އަމާން އެއަވަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި-- ފޮޓޯ: ކިޔުންތެރިއެއް

އެއަވަށުގައި ބެޓެރި ސައިކަލް އިންތިއާއަށް އިތުރުވެފައިމިވަނީ މި އަހަރު ކުރީކޮޅު އެއަވަށުގެ ފިހާރައަކުން ގެނެސް ވިއްކަން ފެށި ސައިކަލްތަކަކާ އެކު އެވެ.

އެއަވަށުގައި ދިރިއުޅޭ ރައްޔިތުން ބުނާ ގޮތުން އެސައިކަލްތައް ވަރަށް ބާރު ސުޕީޑުގައި ދުއްވަ އެވެ. އަދި އެސައިކަލްތަކަކީ އަޑު މަޑު އެއްޗަކަށްވުމާއި އެހާބާރަށް ދުއްވާތީ އެކްސިޑެންޓު ހިނގުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބުންޏެވެ.

"ތިއީ ރަނގަޅު ވާހަކައެއް، ވަރަށް ބާރަށް ދުއްވާ، މިހާރު ދަރިން މަގުމައްޗަށް ދޫނުކޮށްލެވޭ،" ވިލިމާލޭގައި އާއިލާ ގޮވައިގެން ދިރިއުޅޭ މީހަކު ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުންޏެވެ.

ވިލިމާލެ

އެކުޑަ އަވަށުގައި އިންތިހާއަށް ވެހިކަލް ގިނަވާ އެއް ސަބަބެއް ކަމަށް ފާހަގަ ކުރެވެނީ ބަގީފަދަ ތަކެތި ލިބުން ދަތިވުމެވެ. ޝެޑިއުލްއަށް އެދަތުރުތައް ނުކުރެވުމެވެ.

އެކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތްނުވެފަ އެވެ.

ކޮންމެ އަކަސް އެހިތްގައިމު އަވަށުގެ ހިތްގައިމުކަން ވެސް މިވަނީ ގެއްލުމުގެ މަގުމަތީގަ އެވެ. އަމާންމަގުތަކުގެ ނުރައްކާތެރިކަން ބޮޑުވެއްޖެ އެވެ. އުފަލާއި މިނިވަންކަމާ އެކު ހިނގާބިނގާވެ އުޅުނު މީހުންނަށް ބިރުވެރިކަން މިވަނީ އިހުސާސް ކުރަންޖެހިފަ އެވެ.

comment ކޮމެންޓް