'ދަ ކަޕިލް ޝަރްމާ ޝޯ' ނިމުމަކަށް އައީތަ؟

ކޮމީޑިއަން ކަޕިލް ޝަރްމާ އަދި ސުނިލް ގްރޯވަރުގެ ކޯޅުމަށް ފަހު، 'ދަ ކަޕިލް ޝަރްމާ ޝޯ' އަށް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ކުރިން އެންމެ ގިނަ ބަޔަކު ބަލަމުން ގެންދިޔަ ޝޯ މިހާރު ވަނީ 15 ވަނަ އަށް ވެއްޓިފަ އެވެ.

ޖުލައި 22 ވަނަ ދުވަހުގެ ރޭ ވެސް ކަޕިލް ޝަރްމާ ޝޯގެ އައު އެޕިސޯޑެއް ބެލުންތެރިންނާ ހަމައަށް އައިސްފައެއް ނުވެ އެވެ. އެ ރޭ ޓީވީ އިން ދައްކާފައި ވަނީ ކުރީގެ އެޕިސޯޑެކެވެ.

އެއާއެކު ޝޯ ހުއްޓާލަން އުޅޭކަމަށް މިވަނީ ބެލެވެން ފަށައިފަ އެވެ. އަދި ގިނަ ބަޔަކު އަންނަނީ ޝޯވ ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ ވާހަކަ ވެސް ދައްކަމުންނެވެ.

އެހެން ނަމަވެސް ޝޯގެ އާ އެޕިސޯޑުތައް ޝޫޓު ނުކުރެވިގެން އުޅެނީ ކަޕިލްގެ ބަލިހާލު ހުރިގޮތުންނެވެ. އަނިލް ކަޕޫރު އަދި އަރްޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'މުބާރަކާން' ގެ ކާސްޓާއެކު ކަޕިލް ޝަރްމާ ޝޯގެ އެޕިސޯޑެއް ޝޫޓު ކުރަން ހަމަޖެހުނު ނަމަވެސް، ކަޕިލް ބަލިވުމުގެ ސަބަބުން ޝޫޓިން ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ އިތުރުން ޝާހުރުކް ޚާންގެ ޝޫޓިން އަކާއި، 'ގެސްޓް އިން ލަންޑަން' ގެ ކާސްޓާ އެކު ކުރިއަށް ގެންދަން އޮތް ޝޫޓިން އެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޝޫޓިންތައް ކެންސަލް ކުރަން ޖެހުނީ ސެޓުގައި ކަޕިލް ހޭނެތުމުންނެވެ. އަދި ކަޕިލްގެ އިންތިޒާރުގައި 'މުބާރަކާން' ގެ ކާސްޓަށް ހަތަރު ގަޑިއިރު މަޑުކުރަން ޖެހުނު ކަމަށް ބުނެ ވެސް ރިޕޯޓުތައް ފެންމަތިވި އެވެ.

އަންޕްރޮފެޝަނަ؛ލް ކަމަށް ބުނެ ކަޕިލް ޝަރްމާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު، އަނިލް ކަޕޫރު ވަނީ ރިޕޯޓުތައް ދޮގުކޮށްފަ އެވެ. އަނިލް ބުނީ ޝޫޓިން ކުރިއަށް ނުގެންދެވުނީ ކަޕިލް ވަރަށް ބޮޑަށް ބަލިވުމުން ކަމަށާއި، ހަތަރު ގަޑިއިރު ވަންދެން ސެޓުގައި މަޑުކުރަން ނުޖެހޭ ކަމަށެވެ.

"މުބާރަކާންގެ ޓީމުން އެދެނީ ކަޕިލް އަށް އަވަސް ޝިފާއެއް. އަދި ރަނގަޅުވެގެން އައިސް އެންމެން ހެއްވާލުން،" އަނިލް ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ކަޕިލްގެ ދައްތަ ޕޫޖާ ދޭވްގަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަޕިލް އަކީ އަބަދު ވެސް އޭނާގެ މަސައްކަތަށް އިހްތިރާމް ކުރާ މީހެއް ކަމަށާއި، ޝޫޓިން ކެންސަލް ކުރުމަށް ކަޕިލް ބަހަނާ ނުދައްކާނެ ކަމަށެވެ.

އަދި ޝޯ ބަލާ މީހުންގެ އަދަދު ދަށްވަމުން އަންނާތީ ކަޕިލް އަށް ވަރަށް ބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއްް ލިބިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ސިއްހީ ހާލު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށް ޕޫޖާ ބުނެފައިވެ އެވެ.

comment ކޮމެންޓް