ދިރާސާ އަދި އެހެނިހެން ދާއިރާތަކުން އެހީތެރިވުމަށް އައިޔޫއެމްއާ ވިލާ ކޮލެޖުން އެއްބަސްވެއްޖެ

އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޔޫއެމްއާ ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމަށް މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ދިރާސާ ކުރުމުގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުން އެހީތެރިކަމާ އެއްބާރުލުން ދިނުމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޔޫއެމްއާ ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމަށް މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ވިލާ ކޮލެޖާއި އައިޔޫއެމްއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގައި ދެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ހިމަނާފައިވަނީ ދިރާސާ ކުރުމުގެ ދާއިރާ އިންނެވެ.

އެގޮތުން، ދަރިވަރުން އަދި މުވައްޒަފުންގެ ރިސާޗް މަސައްކަތްތައް ފުޅާކުރުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ލައިބްރަރީ ރިސޯސަސް ބަދަލު ކުރުމަށާއި ދެ ފަރާތުގެ ރިސާޗް ހޯދުންތަކާއި ރިސާޗް ކުރުމަށް ބޭނުންވާ ވަސީލަތްތައް ބަދަލުކުރުން ހިމެނެއެވެ.

އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޔޫއެމްއާ ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމަށް މިއަދު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ކޮންފަރެންސްތަކާއި ރިސާޗް ސެމިނާސް އިންތިޒާމްކޮށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކޮންފަރެންސްތަކަށް ހުށަހެޅޭ ލިޔުންތައް ރިވިއުކޮށް ދެ ފަރާތުގެ އެކެޑަމިކް ޖާނަލްތަކަށް ހަދިޔާ ކުރުން ވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ދެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ދެ ފަރާތުގެ އެކެޑަމިކް އަދި އެޑްމިން މުވައްޒަފުން ބައިވެރިކޮށް ވޯކްޝޮޕް، ކޮންފަރެންސް އަދި ލެކްޗަރ ތަކަށް އެކެޑަމިކް ސްޓާފުން ބަދަލުކުރުމަށް ވެސް ދެ ފަރާތުން މިއަދު އެއްބަސްވެފައިވެއެވެ.

އައިޔޫއެމް އިން ބުނީ، ވިލާ ކޮލެޖާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދަރިވަރުންނަށާއި މުވައްޒަފުންގެ ތައުލީމަށާއި ދެ މުއައްސަސާގެ ތަރައްގީއަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް