އޭޑީކޭއަށް ވިހޭ އެއްމާބަނޑު ހަތަރު ކުދިންނަށް ހިލޭ ޑްރައިޕާސް ނެޕީ!

އޭޑީކޭގައި ވިހޭ އެއްމާބަނޑު 4 ކުދިން: މިއީ އޭޑީކޭގެ ތާރީހުގައި އެ ހޮސްޕިޓަލަށް ފުރަތަމަ ވިހޭ އެއްމާބަނޑު ހަތަރު ކުދިން --- ފޮޓޯ/ އޭޑީކޭ ޖެނެރަލް ޓްރޭޑިން

ދިވެހި އަންހެނަކު އޭޑީކޭއަށް ވިހޭ އެއްމާބަނޑު ހަތަރު ކުދިންނަށް އެއް އަހަރު ދުވަސް ވަންދެން ޑްރައިޕާސް ބްރޭންޑުގެ ނެޕީ ހިލޭ ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި އުފަންވި އެ ހަތަރު ކުދިންނަކީ ދިވެހި ދެމަފިރިއެއްގެ އަލަތު ކުދިންނެވެ. ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖާ ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ.

އޭޑީކޭ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު ނަވައިލާ ނާޝިދު ވިދާޅުވީ، އެއްމާބަނޑު ހަތަރު ކުދިންނަށް އެއް އަހަރު ދުވަހަށް ޑްރައިޕާސް ބްރޭންޑުގެ ނެޕީ ފޯރުކޮށްދިނުމަށް އެކުދިންގެ ބެލެނިވެރިންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި މިއީ އޭޑީކޭ ގްރޫޕްގެ ސީއެސްއާރު ދަށުން އެ ހަތަރު ކުދިން ވިހެއުމުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ދެވޭ ހަދިޔާއެއް ކަމަށް ވިދާޅުވިއެވެ.

"މި ހަތަރު ކުދިންގެ ޑެލިވަރީ އަކީ އޭޑީކޭ ހޮސްޕިޓަލްގައި ޑެލިވަރ ކުރެވުނު މިގަދަ ފުރަތަމަ ޑެލިވަރީ، މިކަހަލަ ހަތަރު ކުދިން ރާއްޖޭގައި ޑެލިވަރީ ކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް،" ސޯސަންމަގު ގައި ހުންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޖީޓީ ސްނެޕް ފިހާރާގައި ބޭއްވި ކުޑަ ހަފްލާ އެއްގައި ވާހަކަދައްކަވަމުން ނަވައިލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއްމާބަނޑު ހަތަރު ކުދިން ކާމިޔާބު ކަމާއެކު ޑެލިވަރީ ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ މަސައްކަތަށް އޭޑީކޭ ގްރޫޕްގެ ފަރާތުން މަރުހަބާ ކިޔާ ކަމަށާއި އެގޮތުން އޭޑީކޭ ގްރޫޕްގެ ފަރާތުން ކުދިންގެ އާއިލާއަށް އިތުރު ހަދިޔާ އަދި އެހީތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރާއްޖޭގައި ވެސް އެއް މާބަނޑު ދެ ކުދިން ވަރަށް ގިނަ އާއިލާތަކުގައި ތިބި ނަމަވެސް، ތިން ކުދިންނާއި ހަތަރު ކުދިން ލިބުމަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

comment ކޮމެންޓް