ޓްރެވަލް އެވޯޑްސް އިޝްތިހާރުކުރަން މަޓާޓޯއާ އިންޑިއާގެ ކުންފުންޏަކުން ގުޅިއްޖެ

މަޓާޓޯއާ ތިންކް ސްޓްރޯބެރީޒްއާ ދެމެދު ސޮއިކުރުން --- ފޮޓޯ/ މަޓާޓޯ

މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންޑިއާގައި އިޝްތިހާރު ކުރުމަށް އިންޑިއާގެ ޕީއާރު ކުންފުންޏަކާއެކު މަޓާޓޯ ގުޅިއްޖެއެވެ.

މިއީ މަޓާޓޯއިން ބޭރުގެ ޕީއާރު ކުންފުންޏަކާ ގުޅުނު ފުރަތަމަ ފަހަރެވެ. މަޓާޓޯއާ އެކު ޓްރެވަލް އެވޯޑްސް އިޝްތިހާރު ކުރުމަށް އިންޑިއާއިން އައްޔަނުކޮށްފައި ވަނީ ތިންކް ސްޓްރޯބެރީޒް ކިޔާ ކުންފުންޏެކެވެ.

މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިޔަށްދާ އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާކެޓުގައި، މަޓާޓޯއާ ތިންކް ސްޓްރޯބެރީޒްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް އަދި ތިންކް ސްޓްރޯބެރީޒްގެ މީޑިއާ އެންޑް ޕީއާރު މެނޭޖަރ ޝީކާ މިޝްރާއެވެ.

ތިންކް ސްޓްރޯބެރީޒަކީ އިންޑިއާގެ އެންމެ ނަން މަޝްހޫރު އެއް ޕީއާރު ކުންފުންޏެވެ. އެ ކުންފުނީގެ ކްލަޔަންޓުންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ދައުލަތުގެ އިދާރާ އެމްއެމްޕީއާރުސީ، ޓޫރިޒަމް ޖޯޑަން، ފެރާރޯ ވޯލްޑް އަދި ޓައިވާން ޓޫރިޒަމް ހިމެނެއެވެ.

މަޓާޓޯއިން ބުނީ، އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދަނީ ނޮވެމްބަރު މަހު އޮންނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އިވެންޓަށް އިންޑިއާގެ ޓްރެވަލް މީޑިއާތަކާއި ޓްރެވަލް ރައިޓަރުން ރާއްޖެ ގެނެވޭތޯ ކަމަށެވެ.

އަދި ޓްރެވަލް އެވޯޑްސްގެ ގާލާގެ ކުރިން، "ރޯޑް ޓު މޯލްޑިވްސް ޓްރެވަލް އެވޯޑްސް"ގެ ނަމުގައި ސަރަހައްދުގެ އެކި ޓްރެވަލް ޓްރޭޑް ފެއާތަކުގައި ނެޓްވޯކިންގް އިވެންޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް މިއަހަރު ބާއްވަނީ ހަތަރު ހަރަކާތެއްގެ ގޮތުގައެވެ. ފުރަތަމަ ހަރަކާތް، މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން މި މަހުގެ ތެރޭގައި ބާއްވާފައިވާ އިރު، ދެން އޮންނާނީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނާއި، ޓްރެވަލް ކޮންފަރެންސް އަދި ގާލާ އިވެންޓެވެ.

comment ކޮމެންޓް