ފުލުހުންގެ ހުއްދައަކާ ނުލައި ބާއްވާ މުޒާހަރާތައްް ލައިވްކުރާނަމަ ފިޔަވަޅު އަޅަނީ

ބްރޯޑުކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން ---- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ހުއްދައެއް ނެތި ގާނޫނާ ގަވައިދާ ހިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކޮށް ލައިވްކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަމާލުވުމަށް ބްރޯޑްކާސްޑިންގް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ އަމަން ގެއްލޭގޮތަށް އަދި ގާނޫނީ ސަރުކާރެއް ވައްޓާލަން ހިތްވަރު ލިބޭގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ލިބެންމުންދާ ކަމަށެވެ.

އެގޮތުން ބައެއް ބްރޯޑްކާސްޓަރުން ހާގީގަތް އޮޅޭގޮތަށް ހަބަރު ފަތުރާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނޭ،" ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ގައުމުގެ އާމާންކަން ދެމެހެއްޓުމަށް ސަމާލުކަން ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށެވެ.

އަދި ގައުމުގެ އަމާންކަން ގެއްލޭ ގޮތަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ނުބެހެއްޓުމަށް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ހަނދާންކޮށްދެ،" ސާކިއުލާގައި ބުނެފައިވެ އެވެ.

ސާކިއުލާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބްރޯޑްކޮމްއިން ވަނީ ބުނެފަ އެވެ.

ބްރޯޑްކޮމްއިން އެގޮތަށް ސާކިއުލާ ނެރިފައިވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ މާދަމާއަށް އެއްވުމަކަށް ނުކުނަން ގޮވާލަމުންނެވެ. ފުލުހުން ބުނެފައި ވަނީ އެއްވެސް އެއްވުމަކަށް ފުލުހުން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

comment ކޮމެންޓް