ވިސާމަށް މަރުގެ ހުކުމް އިއްވީ އިސްލާމީ ޝަރީއަތުގައިވާ މިންގަނޑަށް ހެކި ނުލިބެނީސް: ވަކީލު

މުހައްމަދު ވިސާމް

ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމަށް މަރުގެ ހުކުމް އިއްވީ އިސްލާމީ ޝަރީއަތުގައިވާ މިންގަނޑަށް ހެކި ނުލިބެނީސް ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.

މިއަދު ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފު ފުރަތަމަ އަޑުއެހުމުގައި ވިސާމްގެ ވަކީލު ވިދާޅުވީ އެ މައްސަލަ ވިސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ ވެސް ގާނޫނީ ގޮތުން ސައްހަ ގަރީނާތަކާ ދަލީލުތަކަށް ބިނާކޮށްގެން ނޫން ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ އިރަށް އޮންނަ ލޮރެންޒޯ ޕާކުގައި އަރުހަމަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ހެކީން ހެކިބަސްދީފައިވާއިރު، އެމީހުން އެތަނުގައި ތިބެންޖެހުނު ސަބަބެއް ބުނެދެވިފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ހަމަލާދިނުމުން އަރުހަމަށް ވީގޮތެއް ހެކީންނަށް ބުނެދެވިފައިނުވާއިރު، އެމީހުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އަށް ވިސާމް އިންކާރުކޮށްފައިވާއިރު، އެ އިންކާރުގެ މައްޗަށް އެކަށޭނަ ހެއްކެއް ދައުލަތަށް ދެެއްކިފައިނުވާ ކަމަށެވެ. އަދި ދިފާއީ ހެކީންގެ ހެކިބަހުން ވިސާމްގެ ގަސްތާއި ނިޔަތް ނަފީ ވެފައިވާ ކަމަށާއި އެކަމުގެ މައްޗަށް މައްސަލަ ނިންމިއިރު ކްރިމިނަލް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވިސާމް ކުރި އިންކާރުގެ މައްޗަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ދިފާއީ ވަކީލު ވިދާޅުވިނަމަވެސް، ދިފާއީ ހެކީންނަށް ފުރުސަތުދީފައިވުމަކީ އެކަންކަމަށް ރިއާޔަތްކޮށްފައިވާކަން އެނގޭ ކަމެއް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި ދައުވާގައި ބުނާ އަމަލު ވިސާމް ހިންގިކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އަރުހަމަށް ވިސާމް ވަޅިއަކުން ހަމަލާދިން ކަމަށް ހެކީން ބުނާއިރު، އަރުހަމް މަރުވީ ތޫނު އެއްޗަކުން ދިން ހަމަލާގެ ސަބަބުން ހަށިގަނޑުން ލޭ މަދުވުމުގެ ސަބަބުން ކަމަށް މެޑިކަލް ލިޔުންތަކުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގްރޫޕަކުން ވަޅިން ދިން ހަމަލާގެ ސަބަބުން އަރުހަމް މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ މައްސަލާގައި ވިސާމްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރިއެވެ. ނަމަވެސް އެކަށީގެންވާ ހެކި ލިބިފައިނުވާތީ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް