އެއްބާރުލުން ދޭނީ ގާނޫނީ ހަމަތަކުން ހިންގާ ތަހުގީގަކަށް: ފާރިސް

ފާރިސް ފުލުހުންގެ ލޯންޗުގައި މާލެ ގެންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޯޓު އަމުރުގައި ބަންދުގައި ބަހައްޓަން ބުނެފައިވާ ތަން ނޫން އެހެން ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދާތީ، ތަހުގީގަށް އެއްބާރުލުން ދެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ބުނެފައި ވަނީ އޭނާ ރިމާންޑު ޖަލެއްގައި ބަހެއްޓުމަށް ކަމަށެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެފަދަ ޖަލުތަކަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ކޯޓު އަމުރުގައި އެހެން ބުނެފައިވީ ނަމަވެސް މިއަދު ހެނދުނު ފާރިސްގެ ތަހުގީގު ކުރިއަށްގެންދަން އުޅުނީ ދޫނިދޫގައި ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ހަމީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ފާރިސް މިއަދު ފުލުހުންނަށް ބަޔާނެއް ދެއްވާފައިވާނެ. ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ތަހުގީގަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސްއާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްތުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ ފާރިސް ގެންދިޔައީ ދޫނިދު އަށެވެ. ޖެހިގެން އައި ދުވަހު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. ފާރިސް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ މއ. ސުނޯރޯސްގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށް އެތަނުން ޕެންޑްރައިވެއް ގެންގޮސްފަ އެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފަ އެވެ. ދެން ގެންދިޔައީ އެގޭގެ ސީސީޓީވީގެ ހާޑު ޑިސްކެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފާރިސް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކުރި އިރު، އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.

comment ކޮމެންޓް