އަފްގާނިސްތާނުގެ ހަތް ރަހީނަކު މަރާލައިފި

އަފްގާނިސްތާނުގެ ފުލުހުން ޗެކްޕޮއިންޓަކުން ދަތުރުކުރާ އުޅަނދުތައް ފާސްކުރަނީ --- ފޮޓޯ: އިޕީއޭ

ތާލިބާން ޖަމާއަތުން، އަފްގާނިސްތާނުގެ އަވަށަކުން ރަހީނުކުރި މީހުންގެ ތެރެއިން ހަތް މީހަކު މަރާލައިފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ހަބަރުދޭ ގޮތުގައި ތާލިބާނުން ވަނީ ކަންދަހާރު ޕްރޮވިންސްގެ އަވަށަކުން ގާތްގަނޑަކަށް 12 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފަ އެވެ. މިހާދިސާ ހިނގާފައިވާ ކަމަށް ލަފާ ކުރެވެނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އަފްގާނިސްތާނުގައި އިދިކޮޅު ހަނގުރާމަވެރިން އެންމެފަހުން އެގައުމުގެ ރައްޔިތުންތަކެއް ރަހީނުކޮށްފައި ވަނީ ކަންދަހާރާއި އުރުޒްގާން ގުޅުވައިދޭ ހައިވޭ ކައިރީގައި ހުންނަ އަސްކަރީ ކޭމްޕަކަށް އެމީހުން ހަމަލާދިންއިރުގަ އެވެ.

ޔޫއެންއިން ރިޕޯޓުކުރާ ގޮތުގައި އަފްގާނިސްތާނުގެ އެތެރޭގެ ހަމަނުޖެހުމުގައި މަރުވާ އާންމުންގެ އަދަދު މިހާތަނަށް މައްޗަށް ނުދާވަރަށް މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ގޮސްފައިވާ ކަމަށާއި މިހާތަނަށް އެފަދަ ހަމަލާތަކުގައި 1600 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ޝިކާރައަކަށް އަފްގާނު ރައްޔިތުންވެފައިމިވާ ސަބަބަކީ އެމީހުން ސަރުކާރާ އެއްކޮޅަށް މަސައްކަތް ކުރާކަމަށް ހަނގުރާމަވެރިން ތުހުމަތު ކުރުމުގެ ސަބަބުން ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

comment ކޮމެންޓް