ޕެނަލްޓީގައި ހައުސިން ބަލިކޮށް، ގޭސް އިން ޗެމްޕިއަންކަން ހޯދައިފި

ވިލި މުއައްސަސާ ކަޕްގެ ޗެމްޕިއަން މޯލްޑިވް ގޭސް: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހައުސިން ބަލިކޮށްގެން --- ފޮޓޯ/ އެންޓޮމް

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބޭއްވި ފުރަތަމަ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީމް ހައުސިން ބަލިކޮށް، މޯލްޑިވް ގޭސްއިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ރޭ ފުރިހަމަ ވަގުތު ހަމަވި އިރު، 6-6 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ހައުސިންގެ މައްޗަށް ގޭސްއިން ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ވިލި މުއައްސަސާ ކަޕްގެ ޗެމްޕިއަން މޯލްޑިވް ގޭސް: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހައުސިން ބަލިކޮށްގެން --- ފޮޓޯ/ އެންޓޮމް

އެ މެޗުގައި ފުރިހަމަ ވަގުތުގެ ތެރޭގައި ގޭސްއިން ކާމިޔާބުކުރި ހަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި ހައުސިނުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު މުހައްމަދު މައުރޫފް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު މައުސޫމް މުހައްމަދެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ގޭސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އައްމަޑޭއާއި އަލީ ނާޒް އަދި އިބްރާހިމް ވިޝާހު އެވެ. ހައުސިންގެ މުހައްމަދު އަފްޒަލް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވި އިރު، އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މައުރޫފް އަދި މައުސޫމެވެ.

ވިލި މުއައްސަސާ ކަޕްގެ ރަނަރަޕް ޓީމް ހައުސިން: ފައިނަލުގައި އެ ޓީމު ގޭސް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެން --- ފޮޓޯ/ އެންޓޮމް

ފައިނަލް މެޗަށް ފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދިނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމާއި އެމްޓީސީސީގެ ސީއެފްއޯ ހިލްމީއާއި ކްލަބު އެމްޓީސީސީގެ ޗެއާމަން ހުސައިން ޒުހުރީއާއި އެ ކްލަބުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލުއައްޔުއާއި އެ ކްލަބު ސޯޝަލް ކޯޑިނޭޓަރު މަރިޔަމް އިފާޝާއާއި އެމްޓީސީސީ ވިލިމާލެ ޔުނިޓްގެ މެނޭޖަރު މުޖާޒް މުހައްމަދާއި ވިލިމާލެ ޕޮލިސްގެ ހެޑް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ރަމްޒީއާއި މޯލްޑިވް ގޭސްގެ ހެޑް އޮފް ފައިނޭންސް އަހްމަދު ރަމީޒް އަދި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޝާމް އެވެ.

އެ މުބާރާތުގެ ޗެމްޕިއަން ގޭސްއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހެޅި 10،000 ރުފިޔާ ހަވާލުކޮށްދިން އިރު، ރަނަރަޕް ހައުސިނަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހެޅި 5000 ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޓީމް އެމްޓީސީސީ އެވެ.

ވިލި މުއައްސަސާ ކަޕްގެ ފައިނަލުގައި މޯލްޑިވް ގޭސްއާއި ހައުސިން ކުޅުނު މެޗުގެ ތެރެއިން: ޕެނަލްޓީގައި އެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއިން --- ފޮޓޯ/ އެންޓޮމް

ވިލި މުއައްސަސާ ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހައުސިންގެ މުހައްމަދު އަފްޒަލާއި އެ ޓީމުގެ މުހައްމަދު މައުރޫފާއި ގޭސްގެ އަހްމަދު ރަޝީދު (އައްމަޑޭ)އާއި އެމްޓީސީސީގެ އަހްމަދު އައިހަމް އަދި ދިވެހި ސިފައިންގެ ކްލަބުގެ މުހައްމަދު އަލީ އެވެ.

މި މުބާރާތް އިތުރަށް ފޯރިގަދަ މުބާރާތެއްގެ ގޮތުގައި އަންނަ އަހަރު ވެސް ބާއްވާނެކަން އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކްލަބު އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. މި އަހަރުގެ މުބާރާތުގައި ވާދަކޮށްފައި ވަނީ ޖުމްލަ ނުވަ ޓީމެވެ.

ނިމިގެންދިޔަ ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސް އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާ އެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމް އެވެ.

comment ކޮމެންޓް