ރަޝިއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެމެރިކާ ކޮންގްރެސްއިން އެއްބަސްވުމަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ޖީ20 ސަމިޓްގެ ތެރެއިން ބައްދަލު ކުރައްވަނީ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖުލައި 23): އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ބިލުގައި ހިމަނާނެ ކަންތައްތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ހާމަކޮށްފި އެވެ.

މަޖިލިސް މެމްބަރު ސްޓެނީ ހޯޔާ ވިދާޅުވި ގޮތުގައި ކޮންގްރެސްއިން އަންނަ މަސް ނިމުމުގެ ކުރިން ފާސް ކުރާނެ ކަަމަށް ބެލެވޭ އެ ބިލުގައި ރަޝިއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، އީރާނާއި އުތުރު ކޮރެއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ހިމަނާފައިވެ އެވެ.

އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވުމާއި، ކްރައިމިއާއަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ހެދުމާއި، ޔޫކްރެއިންގެ އިރުމަތީގައި އަސްކަރީ ހަރަކާތްތައް ހިންގުން ހިމެނެ އެވެ.

ނަމަވެސް އެބިލަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވަނީ އޭގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގާނޫނު ހަދާ މަޖިލީހާ ދެމެދު ދެބަސްވުން އުފެދިދާނެތީ އެވެ. ރައީސް ޓްރަމްޕަކީ ރިޔާސީ ކެމްޕެއިން ފެއްޓެވި އިރުވެސް ރަޝިއާއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ.

އެހެންކަމުން ރަޝިއާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ބެހޭ ބިލުގައި ގާނޫނު ހަދާ މަޖިލީހުން ވަނީ ހާއްސާ މާއްދާއެއް ހިމަނާފަ އެވެ. އޭގައިވާ ގޮތުން، ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއް އުވާލަން ޓްރަމްޕް ބޭނުންފުޅުވާނަމަ އެއާ ބެހޭ ރިޕޯޓެއް ގާނޫނު ހަދާ މަޖިލީހަށް ފޮނުވަން ވާނެ އެވެ. އަދި އެފިޔަވަޅު އުވާލެވެނީ ގާނޫނު ހަދާ މަޖިލީހުން އެއްބަސްވުމުންނެވެ.

މީގެ އިތުރުން އެބިލަކީ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ލީޑަރުން ހިމެނޭ ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީން ހަދާފައިވާ ބިލެއް ކަމުން ޓްރަމްޕް އެ ބިލު ވީޓޯ ކުރެއްވުމަކީ ނާދިރު ކަމެކެވެ. އެއީ އޭގެ ސަބަބުން ޑިމޮކްރެޓުންގެ އިތުރުން ރިޕަބްލިކަން މެމްބަރުންގެ ނުރުހުންވެސް ޓްރަމްޕަށް އަމާޒުވެ، ރަޝިއާއިން ބޭނުންވާ ގޮތަށް ޓްރަމްޕް އަމަލު ކުރައްވާ ކަމުގެ ތުހުމަތުތައް ފެންމަތިވާނެތީ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް