އަގްސާ މިސްކިތުގެ ސަލާމަތީ ފިޔަވަޅުތައް ބަދަލު ކުރަން ތައްޔާރު: އިސްރާއީލު

ފަލަސްތީނުން ދަނީ އިސްރާއީލުން އެޅި ސަލާމަތީ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުން -- ފޮޓޯ/ އީޕީއޭ

ގުދުސް (ޖުލައި 23): ގުދުސްގައި ހުންނަ އަގްސާ މިސްކިތުގައި އިސްރާއީލުން އެޅި ސަލާމަތީ ފިޔަވަޅުތަކަށް ބަދަލު ގެންނަން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ ތެރޭގައި އިސްރާއީލުން އަގްސާ މިސްކިތް ބަންދު ކުރުމަށްފަހު މިސްކިތް ހުޅުވި އިރު އެ ގައުމުން ވަނީ މިސްކިތުގެ ބޭރުގައި މެޓަލް ޑިޓެކްޓަރުތައް ހަރުކޮށްފަ އެވެ. އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ނުރުހުންފާޅުކޮށް މުޒާހަރަ ކުރަން ފަށާފަ އެވެ.

އެހެންކަމުން އެމެޓަލް ޑިޓެކްޓަރުތަކުގެ ބަދަލުގައި މުސްލިމުން ބޭނުންވާ ފަދަ ސަލާމަތީ ފިޔަވަޅުތައް އަޅަން އިސްރާއީލުން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ޔޮއަވް މޯޑެކައި ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަން އުރުދުން އާއި އިތުރު އަރަބި ގައުމުތަކުން ވެސް އެ މައްސަލައަށް އެހެން ހައްލެއް ހުށަހަަޅާނެ ކަމަށް. އަދި އެއީ އިލެކްޓްރޯނިކް ނުވަތަ ސަައިބާ ނުވަތަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރުން ކަމަށްވީ ނަމަވެސް އިސްރާއީލުން އޮތީ މި މައްސަލަ ހައްލު ކުރުމަށް ތައްޔާރަށް. އަޅުގަނޑުމެން ބޭނުންވަނީ ސިޔާސީ ނުވަތަ ދީނީ ހައްލެއް ނޫން. ބޭނުންވަނީ ސަލާމަތީ ހައްލެއް،" މޯޑެކައި ވިދާޅުވި އެވެ.

އިސްރާއީލުން އަގްސާ މިސްކިތަށް ވެރިވެގަތުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މުޒާހަރާތަކުގައި އެ ގައުމުގެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް