ރިލީޒް ކުރުމުގެ ކުރިން އަކްޝޭގެ 'ޓޮެއިލެޓް' ވެސް ލީކު ކޮށްލައިފި

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' ރިލީޒް ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންޓަނެޓުގައި އެ ފިލްމު ލީކުކޮށްލައިފި އެވެ.

މިއީ ބޮލީވުޑް ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޝާހިދު ކަޕޫރުގެ ފިލްމު 'އުޅްތާ ޕަންޖާބް'، ސަލްމާން ޚާންގެ 'ސުލްތާން'، ރަޖްނީކާޏްތުގެ 'ކަބާލީ' އަދި 'ބާހޫބަލީ 2' ވެސް ވަނީ ރިލީޒް ކުރުމުގެ ކުރިން ލީކު ކޮށްލައިފަ އެވެ.

ފިލްމު ލީކު ކޮށްލި ނަމަވެސް، އިންޑިއާގެ ކްރައިމް ބްރާންޗުން އެޅި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުން ގިނަ ބަޔަކަށް ފިލްމު ފެނި ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން މައްސަލަ ވަނީ ހަމައަކަށް އަޅުވާފަ އެވެ.

ފިލްމު ލީކު ކޮށްލާފައި ވަނީ އެއީ ކޮޕީ ފިލްމެއް ކަމަށް ބުނެ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ބުރަ މަސައްކަތުން އުފައްދާ ފިލްމުތައް ލީކު ކުރުމާ ދެކޮޅަށް ބޮލީވުޑްގެ ގިނަ ފަންނާނުން އަންނަނީ އަޑު އުފުލަމުންނެވެ. އަދި ލީކު ކޮށްލި ނަމަވެސް، ސިނަމާ އަށް ގޮސް ފިލްމު ބެލުމަށް ރައްޔިތުންގެ ފަރާތުން ގިނަ ފަންނާނުން ވަނީ އެދިފަ އެވެ.

'ޓޮއިލެޓް' އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ.

ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށް، އަކްޝޭ ކުމާރު އަދި ބޫމީ ޕެދްނޭކަރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ރިލީޒް ކުރާނީ އޯގަސްޓު 11 ވަނަ ދުވަހު އެވެ.

comment ކޮމެންޓް