އަނުޝްކާ ފިލްމީ ދާއިރާއަށް ޝައުގުވެރިވީ ކަރީނާގެ 'ގީތު' ކެރެކްޓަރުގެ ސަބަބުން!

ހުނަރުވެރި ބަތަލާ އަނުޝްކާ ޝަރްމާ ފިލްމީ ދާއިރާ އަށް ނުކުތީ، 2007 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ޖަބް ވީ މެޓް' ގައި ކަރީނާ ކަޕޫރު ދައްކުވައިދިން 'ގީތު' ކެރެކްޓަރުގެ ސަބަބުން ކަމަށް އަނުޝްކާ ބުނެފި އެވެ.

ކަރީނާ އަދި ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ 'ޖަބް ވީ މެޓް' އަކީ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ފިލްމެކެވެ.

އަނުޝްކާ ބުނީ އެ ފިލްމުގައި ކަރީނާ އަދާކުރި ރޯލުގެ ސަބަބުން، އޭނާ ވެސް ފިލްމުތަކުގައި މަސައްކަތް ކުރަން ބޭނުންވި ކަމަށެވެ. އަދި 'ޖަބް ވީ މެޓް' ބެލުމަށް ފަހު އުމްތިޔާޒްގެ ފިލްމެއްގައި މަސައްކަތް ކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށް ވެސް އަނުޝްކާ ބުންޏެވެ.

"ގީތު ފެނުމުން އަހަންނަށް ވިސްނުންނީ އަހަރެންވެސް ކުރަން ބޭނުންވާ މަސައްކަތަކީ ފިލްމު ކުޅުން ކަން." އަނުޝްކާ ބުންޏެވެ.

ޝާހުރުކް ޚާން އާއެކު އަނުޝްކާގެ ކުރިއަށް އޮތް ފިލްމު 'ޖަބް ހެރީ މެޓް ސޭޖަލް' އަކީ ވެސް އިމްތިޔާޒްގެ ފިލްމެކެވެ. އަނުޝްކާ ބުނީ އިމްތިޔާޒްގެ ފިލްމެއްގެ އިންތިޒާރުގައި ހުއްޓާ 'ޖަބް ހެރީ މެޓް ސޭޖަލް' ހުށަހެޅުމުން ފިލްމަށް އެއްބަސްވީ ދެވަނަ ފަހަރަށޤ ވިސްނުމަކާވެސް ނުލައި ކަމަށެވެ.

މިއީ އަނުޝްކާ އާއި އިމްތިޔާޒް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ފިލްމުގައި އަނުޝްކާ ފެނިގެންދާނީ ގުޖްރާތީ އަންހެން ކުއްޖެއްގެ ރޯލުންނެވެ. އަދި ޝާހު ފެނިގެންދާނީ ޕަންޖާބު މީހެއްގެ ރޯލުންނެވެ.

މިއީ ޝާހު އާއި އަނުޝްކާ އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމެވެ. 'ޖަބް ހެރީ މެޓް ސޭޖަލް' ރިލީޒް ކުރާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

comment ކޮމެންޓް