އެހެންކަންކަން ހުއްޓުވޭ އިރު ގޭންގްތައް ނުހުއްޓުވި!

މާރާމާރީއެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަނީ-- ސަން ފައިލް ފޮޓޯ

ދޭތެރެ ދޭތެރެއިން މީހަކު މަރާލަ އެވެ. ނޫނީ ޒަހަމްކޮށްލަ އެވެ. ކަންވީގޮތް ބަލާއިރު އޮންނަނީ އަންހެން ކުއްޖެއްގެ މައްސަލަ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަޖެހިފަ އެވެ. މާރާމާރީ ހިންގުމާއި ޖަރީމާތަކުގެ އިސްކޮށް ތިބީ އުމުރުން ހަގު ކުދިންނެވެ. މިފަހަކުން ވެސް އަނެއްކާ މިވަނީ އެކަންތައް ފަށައިފަ އެވެ.

މާލޭގައި 20 އަށް ވުރެ ގިނަ ގޭންގު އޮންނަ އިރު މިހާރު ހަރަކާތްތެރި ކަމަށް ބެލެވެނީ ހައެއްކަ ގޭންގެވެ. އެ ގޭންގުތަކުގައި 12 އަހަރާއި 18 އަހަރާ ދެމެދުގެ ގިނަ ކުދިން އުޅޭ ކަމަށް ފުލުހުން ބުނެ އެވެ. އެ އަދަދު ހާހުން ގުނާލެވެ އެވެ. މިފަހަކަށް އައިސް ހިންގާ މާރާމާރީތަކުގައި ވެސް އިސްކޮށް ތިބީ އުމުރުން ހަގު "މުޖުރިމުން"ނެވެ.

މާލޭގައި މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ކިޔުންތެރިއެއް

ނުހުއްޓުވެނީ ކީއްވެ؟

މާރާމާރީތައް ކުރިއާ އަޅާބަލާ އިރު ކޮންޓުރޯލް ކުރެވިފައިވާ އިރު އެފަދަ ޖަރީމާތައް ހިންގާ މީހުން ހައްޔަރުކޮށް ޝަރީއަތްތައް ވެސް ވަނީ ހިންގަން ފަށައިފަ އެވެ. ނަމަވެސް ކުރިން ފާހަގަ ކުރިގޮތަށް ދޭތެރެ ދޭތެރެއިން މިކަން އެބަ ހިނގަ އެވެ. ސުވާލަކީ މިކަން ކޮންޓުރޯލް ނުކުރެވިގެން މިއުޅެނީ ކީއްވެގެންތޯ އެވެ؟

ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގޭންގްކުށްތައް ހުއްޓުވުމަށް ގާނޫނީ އިތުރު ބާރުތަކެއް ބޭނުންވެ އެވެ. މިހާރު ގާނޫނު އޮތްގޮތުން ގޭންގުކުށްތައް ހިންގުމުގެ ކުރިން މީހުން ހައްޔަރުކުރުމަށާއި އެމީހުންގެ ތަންތަން ބަލައި ފާސް ކުރަން ދަތިތަކެއް ކުރިމަތިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިސާލަކަށް ބަލައިފާސްކުރަން އަމުރު ހޯދާއިރު ނޭނގޭނެ ދެއްތޯ ކިތައް ވަޅިކަމެއް އެތާއޮތިއްޔެއް، އެހެން ޗެކްކުރާ އިރު މާރާމާރީ ހިންގަން ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މަރުތޭލެއް ފެނިދާނެ، އެހިސާބުން އެމަރު ތެޔޮ ނަގައިފިއްޔާ އެބަވޭ އިޖުރާއީ މައްސަލައަކަށް. އެއީ މަރުތޭލަކީ ގާނޫނުން މަނާއެއްޗަކަށް ނުވާތީ، އެކަމަކު އެއީ މާރާމާރީ ހިނގަން ބޭނުންކޮށްފާނެ އެއްޗެއްކަމަށް އެވަގުތު އެބެލެންޏާ ނެގެންވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހަމައެހެންމެ ކުށުގެ ވެށިން ހައްޔަރުކުރާ މީހުނާ ހިލާފަށް ކުށްކުރަން އުޅޭތީ އިންޓެލިޖެންސް މައުލޫމާތު ލިބި ހައްޔަރު ކުރާމީހުން ކޯޓުން ދޫކޮށްލާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މީހުން ބަލައި ފާސްކުރުން ފަދަ ކަންކަމުގައި ފުލުހުންނަށް ހަރުކަށި އުސޫލްތަކެއް ހުރިނަމަވެސް ފުލުހުން އެކަށޭނަ މަސައްކަތްތަކެއްކޮށްފި ނަމަ ގޭންގުތައް ކޮންޓުރޯލް ކުރެވޭނެ ކަމަށް ގަބޫލް ކުރާކަމަށެވެ.

ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި ޝަހީދު އަލީހިނގުމާއި މަޖީދީމަގާ ގުޅުނު ހިސާބު ފުލުހުން ބަންދުކޮށްފައި ---- ސަން ފޮޓޯ: މުހައްމަދު ސިމާއު

"މިހާރު ވާގޮތަކީ ސަވައިލަންސްއާއި އިންޓެލްވެސް ބޮޑަށް ފޯކަސް މިއޮންނަނީ ސިޔާސީ މީހުންނަށް. އޭގެ ބަދަލުގައި ގޭންގުތަކަށް އަމާޒުކޮށްގެން އެކަންކަން ކުރީމަ ހުއްޓުވޭނެ. ނުހުއްޓުވި މިވަނީ އެކަށޭނަ މަސައްކަތް ނުކުރާތީ،" ސިރާޖު ވިދާޅުވި އެވެ.

އަމާންކަން ގާއިމް ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން އަބަދު ވެސް އިސްކަންދެނީ އަމާންކަން ގާއިމްކޮށްދިނުމަށް ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާގެ ގިނަ ވަސީލަތްތަކެއް އަބަދުވެސް، 24 ގަޑިއިރު މަގުމަތީގެ އަމާންކަން ގާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އެންގޭޖް ކުރެވެމުން ދޭ،" ޝިފާން ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރާއި 2015 ވަނަ އަހަރާ އަޅާބަލާ އިރު މި އަހަރު ނުރައްކާތެރި ކުށްތައްކުރާ މިންވަރު 11 ޕަސެންޓް ދަށްވެފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝަރީއަތްތައް ބަރަވެލި ދުވެލީގައި؟

ފަހުގެ ތާރީހެއްގައި ހިންގި ގޭންގް މައްސަލަތަކުގެ ތެރެއިން އެތައް މައްސަލައެއްގެ ޝަރީއަތް ނުނިމިވާ އިރު މުޖުރިމުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން މިމުޖުތަމައުގެ ތެރޭގައި އެބައުޅެ އެވެ. ބޮޑެތި ޖަރީމާތަކުގެ ހަގީގަތެއް ނޭނގެ އެވެ. އެތައް ބަޔަކަށް ރަހުމު ކުޑަ އަނިޔާތައް ދީފައިވާ އަދި ދެމުންދާ އެތައް ބަޔަކު އެބައުޅެ އެވެ. ބިރެއް ނެތި މަސްތުވާތަކެތި ވިއްކައި އެދަނީ މުއްސަނދިވަމުންނެވެ. ޖީލަކަށް ފަހު ޖީލެއް އެދަނީ ނައްތާލަމުންނެވެ.

ސަލާމަތީ ބާރުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖުރިމުންނަށް ހުކުމް ނުކުރެވި ގިނަ ދުވަސްވުމެވެ. ހަމައެއާ އެކު ތަފާތު ސަބަބުތައް ދައްކައި ކޯޓްތަކުން މުޖުރިމުން ސަލާމަތްވަމުން އަންނަ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.

އަވަސް ނޫހުން ކޯޓުކަވަރުކުރާ ނޫސްވެރިޔާ ނާޒިމް ހަސަން ބުނި ގޮތުގައި ޝަރުއީ ދާއިރާގައި ގޭންގުކުށްތަކާއި މަސްތުވާތަކެތި ފަދަ މައްސަލަތަކުގެ ޝަރީއަތްތައް ވަރަށް ލަސްކަން ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް ހެކިބަސް ނެގުމާ ހިސާބުން އެމައްސަލަތައް ބެލުން ވަރަށް ލަސްވާކަމަށް ނާޒިމް ބުންޏެވެ.

"ތުހުމަތު ކުރެވޭ މީހާ ވެސް އެދޭ މައްސަލަ އަވަސް ކޮށްދިނުމަށް، އަދި ދެން ޝަރީއަތެއް އޮންނާނީ ކޮން ދުވަހަކުންތޯ އެހުމުން ގާޒީ ވިދާޅުވޭ ވީހާއަވަހަކަށް ޝެޑިއުލް ކުރާނަމޭ. ނަމަވެސް އޭގެ ދެތިން މަސް ފަހުން ނޫނީ އަނެއް އަޑު އެހުން ނުބާއްވާ، ހަގީގަތުގައި ތިފަދަ މައްސަލަތުގެ ޝަރީއަތް ދާލެއް ވަރަށް ލަސް،" ނާޒިމް ބުންޏެވެ.

ކްރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެތުހުމަތުތަކާ އެކު، ރާއްޖޭގެ ކޯޓުތަކުން ބާރު ސުޕީޑުގައި ކުރިއަށްދަނީ ސިޔާސީ ފަރާތްތަކަށް ތުހުމަތުކޮށް ބަލަމުން އަންނަ ތަފާތު މައްސަލަތައްކަމަށް ބުނެ ކިޔަމުން އަންނަ ފާޑު ކިއުންތައް ގިނަ އެވެ. ހާއްސަކޮށް މިފަހަކަށް އައިސް ސިޔާސީ މީހުންގެ މައްސަލަތައް ބެލި ހުކުމްތައް ކުރާއިރު މީގެ އެތައް އަހަރެއްގެ ކުރިން ހުށައަޅާފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަ ނުނިމޭކަން ފާހަގަ ކުރެވެ އެވެ.

ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެއްވެސް މައްސަލައެއް ބެލުން ލަސްކުރުމަކީ ކޯޓުން ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ. މަދަނީ މައްސަލަތަކާ ހިލާފަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިޖުރާތްތައް ތަފާތުވުމާއި ދޭން ޖެހޭ ފުރުސަތުތައް ހުރުމުން ބައެއް ފަހަރު މައްސަލަތައް ކެންސަލްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަވަސް ފިޔަވަޅުތަކެއް ބޭނުން

މަދުބަޔަކު ކުރަމުން އަންނަ ކުށްތަކެއްގެ ސަބަބުން މުޅި ރާއްޖެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ އިރު މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ގޭންގު ހަރަކާތްތައް ހުއްޓުވުމަށް އެފަދަ ކުށްތައް ކުރަން މަސައްކަތްކުރާ ފަރާތްތައް ހިފައި ހައްޔަރުކުރުމާއި އެމީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރުމަށް ފަސޭހަ ގޮތްތަކެއް ފުލުހުންނަށް ހަމަޖައްސައިދޭން ޖެހެ އެވެ.

ކުށްވެރިންގެ ގައިގައި ޓެގް އަޅުވައިގެން އެމީހުން މޮނީޓާކުރި ދުވަސްވަރު އޭގެ ނަތީޖާ ރަނގަޅު ކަމަށާއި އެކަން ކުރުން އެއީ ގޭންގުކުށްތައް ކުރާ ފަރާތްތައް މޮނީޓާކޮށް ބެލެހެއްޓުމަށް ފަސޭހަ ގޮތެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީގައި ޒަހަމްވި މީހާގެ ގައިން އޮހޮރުނުލޭ ބިންމަތީގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ކުށްވެރިންގެ ގައިގައި ޓެގް އެޅުވުމުން އެމީހުން ރޭގަނޑު ބޭރުގައި އުޅުމަށް ހާއްސަ ވަގުތުތަކެއް އަދި އަމަލުކުރަން ޖެހޭ ވަކި ގޮތްތަކެއް ހުރެ އެވެ. އެ އުސޫލާ ހިލާފުވެއްޖެ ނަމަ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވެ އެވެ.

ކުއްޖާގެ މައްޗަށް ބެލެނިވެރިންގެ ބާރު ފޯރުވެން ޖެހެ އެވެ. ކުއްޖާ ކުށެއްކުރީމަ ނޫނީ ޒަހަމްވީމާ އެ ކުއްޖާގެ ރަނގަޅު ވާހަކަ ދައްކަން ތިބޭ ބަޔަކަށް ބެލެނިވެރިން ނުވެ ކުއްޖާއަށް ހެޔޮ މަގު ބުނެދޭ ބަޔަކަށް މައިންބަފައިން ވާން ޖެހެ އެވެ.

މީގެ ކުރިން ވަނީ ކުށަށް އަރައިގަންނަ ކުދިންތަކެއް އިސްލާހު ކުރުމަށް ފޭދޫފިނޮޅަށް ގެންގޮސް ވަކި އުސޫލެއްގެ ދަށުން އެ ކުދިން ތަމްރީނުކޮށްފަ އެވެ. ގަޑިއަށް ނަމާދު ކުރުމާއި ކިޔެވުމުގެ ހަރަކާތްތައް ހިނގައި އެ ކުދިން އިސްލާހުކޮށްފައިވެ އެވެ. ނަމަވެސް ކުދިންނަށް 18 އަހަރު ފުރި އެ ކުދިން އަނެއްކާ ބެލެނިވެރިންނާ ހަވާލުކުރާ ހިސާބުން ދަނީ ކުށަށް އަރައިގަންނަމުންނެވެ.

"އުމުރު ހަމަވީމަ އެކޮޅުގައި ނުވެއް ބަހައްޓަން، އެފަދަ ބައެއް ކުދިން އަނބުރާ ގެނައުމުން އަނެއްކާ ވެސް އެބަހުރި ބޮޑެތި ކުށްތަކަށް އަރައިގެންފައި،" ޑޮމެސްޓިކް ވައިލެންސް އިންވެސްޓިގޭޝަން ޔުނިޓް (ޑީވީއައިޔޫ)ގައި އިސްކޮށް އުޅުއްވާ ސްޓާފް ސާޖެންޓް ޖަލީލު ކުރިން ވިދާޅުވި އެވެ.

ކުށްކުރާ އުމުރު މިހާރު ހަގުވަމުން އަންނަ އިރު އެކުދިން އިސްހާލުކޮށް އަލުން މުޖުތަމައުއަށް ގެނައުމަށް އެކަށޭނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފަ އެވެ.

ކޮންމެ އަކަސް ގޭންގުކުށްތައް ނުހުއްޓުވި ހިނގާބިނގާވެ އުޅުމާއި މުދާ ރައްކާތެރި ކުރުމުގެ ބިރުހީވެފައިވާ އިރު މިކަންކަން ހުއްޓުވުމަށް އެކަށޭނަ މަސައްކަތްތަކެއް މިހާރުން މިހާރަށް މިވަނީ ކުރަންޖެހިފަ އެވެ. މުޖުރިމުންނަށް އަދަބުތައް ދިނުން އަވަސް ކުރަންޖެހެ އެވެ. ހަމައެކަނި އަދަބުދީގެން ނުތިބެ އެމީހުންނަށް ހެޔޮ މަގު ބުނެދީ އަނބުރާ މުޖުތަމައުއަށް ނެރުމަށް ވެސް މަސައްކަތްތަކެއް ކުރަން މިވަނީ މަޖުބޫރުވެފަ އެވެ. ސިޔާސީ މީހުން އެތައް ގޮތަކަށް ހުއްޓުވޭ އިރު ގޭންގްތައް ނުހުއްޓުވެންވީ ސަބަބެއް ނެތެވެ.

comment ކޮމެންޓް