ތަހުގީގަކަށް ފާރިސް ފުލުހުންނާ ހަވާލުކޮށްފި

ފާރިސް ފުލުހުންގެ ލޯންޗުގައި މާލެ ގެންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ތަހުގީގަކަށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު "ސަން" އަށް ވިދާޅުވީ ތަހުގީގަކަށް މިހާރު ފާރިސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އޭނާ ހުންނެވީ ކޮންތަކެއްގައިކަން ނޭނގޭ ކަމަށް ލުގުމާން ވިދާޅުވިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ފާރިސް ގެންދިޔައީ ދޫނިދުއަށެވެ. ޖެހިގެން އައި ދުވަހު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. ފާރިސް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ މއ. ސުނޯރޯސް ގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް އެތަނުން ޕެންޑްރައިވެއް ގެންގޮސްފައެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފައެވެ. ދެން ގެންދިޔައީ އެގޭގެ ސީސީޓީވީގެ ހާޑު ޑިސްކެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފާރިސް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކުރިއިރު، އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ.

comment ކޮމެންޓް