ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭގައި އެޑްމިޓް ކޮށްފި

ކުރީގެ ޕީޖީ މުހުތާޒު މުހުސިން --- ސަންފައިލް ފޮޓޯ

ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ، 17 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު 'ސަން' އަށް ވިދާޅުވީ މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފައި ވަނީ ޑޮކްޓަރީ ފަރުވާއަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މުހުތާޒު އެޑްމިޓް ކޮށްފައި ވަނީ މައި ބަދައިގެ މައްސަލަތަކެއް އުޅޭތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

މީގެ ފަސް މަސް ކުރިން ވެސް މުހުތާޒު އޭޑީކޭގައި އެޑްމިޓް ކުރި އެވެ. އޭރު އެޑްމިޓްކޮށްފައި ވަނީ މައިބަދައިގެ މައްސަލައެއްގައި ޖަހަން ޖެހޭ އިންޖެކްޝަނެއް ޖެހުމަށެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހުތާޒު ވިދާޅުވެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި ޑޮކްޓަރުގެ ލިޔުންތަކުން އެކަން ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ހައިކޯޓުން ކޮށްފައިވާ ހުކުމްގައި އަންގާފައިވާ ގޮތަށް އޭނާގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްނުދާ ކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފަ އެވެ.

މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ 2015 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހުތާޒު މާލެއިން ފުރައިގެން މާމިގިއްޔަށް ގޮސް އެ ރަށު ގާޒީ އަހުމަދު ނިހާނާ ބައްދަލުކޮށް އެ ރަށު ކޯޓު ހުޅުވައިގެންތިބެ ރައީސް ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރަން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް