މާވެލްސް ދަ ޑިފެންޑާޒް: ކުޑަ ސްކްރީނުގައި 'އެވެންޖާޒް'

ދަ ޑިފެންޑާޒްގެ ޓީޒާ ޕޯސްޓާ --- ފޮޓޯ: ސްކްރީންރާންޓް

މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އަކީ މިހާރު މަދުބަޔަކަށް ނޫނީ އެނގޭނެ އެއްޗެކެވެ. ދެހާސް އަށް ވަނަ އަހަރުގެ 'އަޔަން މޭން' ރިލީޒްކުރި ހިސާބަކީ އެމްސީޔޫގެ ފެށުމެވެ.

ސުޕަހީރޯއިންގެ އެތައް ބައިވަރު ފިލްމުތަކެއް ބޮޑު ސްކްރީނަށް އެމްސީޔޫގެ ދަށުން އައިސްފައިވާ އިރު އެޔުނިވާސް ވަރަށް ބޮޑު ބައެއްވަނީ ކުޑަ ސްކްރީންގެ ޒަރީއާއިން ބެލުންތެރިންނާ ހަމައަށް ފޯރައިފަ އެވެ. މަޝްހޫރު ވީޑިއޯ ސްޓްރީމިންގް ހިދުމަތްކަމަށްވާ ނެޓްފްލިކްސްއާ އެކު ޖޮއިންޓް ޕްރޮޑަކްޝަން ވެންޗާގެ ދަށުން މާވެލް އެންމެ ފުރަތަމަ ނެރުނީ 'މާވެލްސް ޑެއާޑެވިލް' އެވެ.

ދަ ޑިފެންޑާޒްގެ ޕްރޮމޯ ޕޯސްޓަރް --- ފޮޓޯ: އެމްޕަޔާރް

އެމްސީޔޫގެ ސުޕަހީރޯ ފިލްމުތަކުގައި ހެއްވާާ މަޖާ ކަންތައްތަކާ އެކު 'ލައިޓް މޫޑެއް' ގެނެސްދީފައިވިޔަސް ނެޓްފްލިކްސްގެ ޒަރީއާއިން ނިކުތް ޑެއާޑެވިލް މިއާ މުޅިން ތަފާތެވެ. ޑެއާޑެވިލް ގެ މޫޑު ވަރަށް 'ޑާކް' އަދި ސީރިއަސް އެވެ. ބެލުންތެރިންނަށް މިގޮތަށް އެސީރީޒް ހުށައަޅައިދިނީތީ ވަރަށް ކަމުދިޔައެވެ.

އެއަށް ފަހު ދެންފެނިގެން ދިޔައީ މާވެލް-ނެޓްފްލިކްސްގެ ދެވަނަ ސީރީޒް 'ޖެސިކާ ޖޯންސް' ރިލީޒްކުރިތަނެވެ. މިއީ ސައިކޮލޮޖިކަލް ތްރިލާ ކެޓަގަރީއަށް ފެތޭ ސީރިޒްއެކެވެ. މިހާ ހިސާބުން ދެން އިވެންް ފެށި އަޑަކީ 'އެވެންޖާޒް' ފަދަ ޓީމެއް މާވެލް-ނެޓްފްލިކްސްގެ ދުނިޔެއިން ފެނިގެންދާނެ ވާހަކަ އެވެ.

އާދެ 'މާވެލްސް ދަ ޑިފެންޑާޒް'ގެ ވާހަކަ އެވެ. މި ސީރީޒް ފެށުމުގެ ކުރިން ޑިފެންޑާޒް ޓީމުގެ މެމްބަރުން ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފަ އެވެ. އެގޮތުން ލޫކް ކޭޖް އަދި ދި އަޔަން ފިސްޓް ވެސް ވަނީ ބެލުންތެރިންނާ ހަމަޔަށް އައިސްފަ އެވެ. މިއީ މާވެލް އިން 'ދި އެވެންޖާޒް' ނެރުމަށް ވެސް ބޭނުންކުރި އުކުޅެވެ.

މާވެލް އިން ބޮޑު ސްކްރީނަށް މިއަހަރު މިހާ ހިސާބަށް ދެ ފިލްމު ގެނެސްދީފައިވާ އިރު ބާކީ އަދި އެއް ފިލްމު އެބައޮތެވެ. އެއީ މާވެލް ގެ މިއަހަރުގެ އެންމެ އުއްމީދީ ފިލްމު 'ތޯރް: ރަގްނަރޮކް' އެވެ.

ނަމަވެސް ސުޕަހީރޯ ލިސްޓުގައި މި އަހަރަށް ނިކުންނަން ހުރި މިއީ ހަމައެކަނި ޕްރޮޑަކްޓެއް ނޫނެވެ. 'ތޯރް: ރަގްނަރޮކް' އަންނަން އަދި ތިން ވަރަކަށް މަސްދުވަސް އެބައޮތެވެ. ނަމަވެސް މާވެލްގެ 'ކުޑަ ސްކްރީނުގެ އެވެންޖާޒް' އަންނަ އޯގަސްޓް މަހުގެ 18 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރެވެން ހުންނާނެ އެވެ. އާދެ މި ދަންނަވަނީ 'ދަ ޑިފެންޑާޒް' ވާހަކަ އެވެ.

މިއީ މާވެލް-ނެޓްފްލިކްސްގެ ސީރީޒްތަކަށް ލޯބިކުރާ އެންމެންނަށް ވެސް އުފާވެރި ހަބަރަކުން ނޫނީ ނުވާނެ އެވެ. މެޓް މާޑޮކް ނުވަތަ ޑެއާޑެވިލް، ލޫކް ކޭޖް، ޖެސިކާ ޖޯންސް އިން ޑެނީ ރޭންޑް ނުވަތަ އަޔަން ފިސްޓް އެއް ޓީމަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ.

މިސީރީޒްގެ މިހާތަނަށް ދެ ޓްރެއިލާއެއް ރިލީޒްކުރެވިފައިވާ އިރު، މިސީރީޒް އިން ޑެއާޑެވިލްގެ ދެވަނަ ސީޒަންގައި ޖޮން ބާރންތަލް ކުޅުނު ޕަނިޝާވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް