އިސްރާއީލުން ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުކޮށްލައި 400 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައިފި

އިސްރާއީލުން ޝަހީދުކޮށްލި ފަަލަސްތީނުގެ ޒުވާނަކު ގެންދަނީ

ހިފާފައިވާ ގުދްސު (ޖުލައި 22): މާތްވެގެންވާ މަސްޖިދުލްއަގްސާއަށް މުސްލިމުން ވަނުން މަނާކުރުމަށް އިސްރާއީލުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ހުކުރުދުވަހު މުޒާހަރާކުރި ފަލަސްތީނުގެ މުޖާހިދުންނާ ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުކޮށްލައި ހަތަރު ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މި ޖަރީމާ ހިންގާފައިވަނީ އިސްރާއީލު ވެރިވެގެންފައިވާ މަސްޖިދުލްއަގްސާގެ މުގައްދަސް ބިނާގެ ވަށައިގެން ވާ ސަރަހައްދުގައެވެ. ފަލަސްތީނުގެ އާންމުން އިސްރާއީލުގެ ސިފައިންނާ ކުރިމަތިލީ މަސްޖިދުލްއަގްސާއަށް ވަނުމަށް އިސްރާއީލުން ބަހައްޓާފައިވާ އިލެކްޓްރޯނިކް ގޭޓްތަކުން ނޫންގޮތަކަށް އެތަނުގެ ހަރަމްފުޅަށް ވަނުން އިސްރާއީލުން މަނާކޮށްފައިވާތީއެވެ.

އިސްރާއީލުންވަނީ އެސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ. މިއާއެކު މަސްޖިދުލްއަގްސާގައި އިއްޔެގެ ހުކުރުނަމާދު ކުރުން އިސްރާއީލުން މަނާކުރުމުން ހުކުރު ނަމާދުކުރީ އެމިސްކިތާ ދުރުގައިވާ މަގުތަކުގައެވެ. ފަލަސްތީނު ރައްޔިތުންގެ މުޒާހަރާކުރީ ދަތިކަމަކާނުލައި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ވަނުމުގެ ފުރްސަތު ހޯދުމުގެ ގޮތުންނެވެ. އެމިސްކިތަށް ވެރިވެގަތުމާއި ބަންގި ގޮވުން ހުއްޓުވުމާއި އަޅުކަން ކުރުމުގެ ފުރްސަތު ނުދިނުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ މުޅިން ޚިލާފު ކަމެކެވެ. ނަމަވެސް އިސްރާއީލު ގެންދަނީ ދުނިޔޭގެ ދޮޅު ބިލިޔަން މުސްލިމުންނަށާއި އދ. އަށް ގޮންޖަހައި ފަލަސްތީނާ ބެހޭގޮތުން އދ. ން ފާސްކޮށްފައިވާ ގަރާރުތަކަށް އަމަލުކުރުމަށް ދެކޮޅު ހަދަމުންނެވެ.

ދެ ދުވަސް ވަންދެން މަސްޖިދުލްއަގްސާ ބަންދުކޮށްފައި ބޭއްވުމަށް ފަހު މީގެ ދިހަވަރަކަށް ދުވަސްކުރިން އިސްރާއީލުން އެތަން އަލުން ހުޅުވިއިރު އެމުގައްދަސް ބިނާއަށް ވަނުމަށް އިސްރާއީލުން ވަނީ އަދަޔާ ޚިލާފު ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މީގެ ތެރޭގައި މަސްޖިދުލްއަގްސާގައި އަޅުކަން ކުރުމަށް ދާ މީހުން ބަލައި ފާސްކުރާ އިލެކްޓްރޯނިކް ގޭޓްތައް އެތަނުގެ ގެބޭރުގައާއި އެތެރޭގައި ބަހައްޓައި އެގޭޓްތައް ހުރަސްކޮށްގެންނޫނީ އެތަނަށް ނުވަދެވޭގޮތް ހެދުން ހިމެނެއެވެ.

ގުދްސުގެ އަވްގާފާއި އިސްލާމީ ކަންތައްތަކާބެހޭ އިދާރާއިން ވަނީ އިސްރާއީލުން އަޅާފައިވާ މިފިޔަވަޅުތައް ކުށްވެރިކޮށް އިސްރާއީލުން ބަހައްޓާފައިވާ އިލެކްޓްރޯނިކް ގޭޓްތައް ހުރަސްނުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިކަމާގުޅިގެން އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ އާންމުންނާ ދެމެދު ގުދްސުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް