ތަހުގީގަށް ބަޔާން ނެގުމަށްފަހު އާޒިމް އާއި އަލީ ޒާހިރު ދޫކޮށްލައިފި

އަލީ ޒާހިރު އަދި އަލީ އާޒިމް

އިއްޔެ ހަވީރު އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ކުރިއަށްދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، ތަހުގީގަށް ބަޔާން ނެގުމަށްފަހު ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއްވުމުގެ ތެރެއިންނެވެ. އަލީ ޒާހިރު ހައްޔަރުކުރީ އެމްޑީޕީ ހަރުގޭގެ އެތެރެއަށްވާގޮތަށް ހަރުގޭގެ މައި ދޮރު ކުރިމަތީގައި މައިކުން ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް 533 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ތުހުމަތުތަކަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލު ފުލުހުން ވަނީ އެ ދެ ބޭފުޅުންނަށް ދިން ލިޔުމުގައި ހިމަނާފައެވެ. އެ ލިޔުމުގައިވާގޮތުން ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އިއްޔެ ހަވީރު އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދަށް އެއްވެ އާންމު ޓްރެފިކަށް ދަތިވާގޮތަށް ހަރަކާތްތެރިވެ މުޒާހަރާކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އާޒިމް އާއި އަލީ ޒާހިރު ދޫކޮށްލީ ގަޑިއަކަށްވުރެ ގިނައިރު ފުލުހުންގެ އިދާރާގައި ބޭތިއްބުމަށްފަހުއެވެ.

comment ކޮމެންޓް