ޑރ. ޑީޑީގެ އިންޓަވިއު:
"ފާޑުކިޔާ މީހުން ފާޑުކިޔަން ތިބޭ! ޑރ. އިބްރާހިމް ދީދީއަށް ކަހިރުވަކެކޭވެސް ހީނުވާނެ!"

ފިޝަރީޒު މިނިސްޓަރުކަން ގަބޫލު ކުރެއްވި ނަމަވެސް ޕާޓީގެ ރައީސް ކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރެއްވުމުގައި ވެވަޑައިގެންނެވި އެއްވެސް ވައުދަކުން ޒައްރެއްގެ މިންވަރު ވެސް އުނި ނުރައްވާނެ ކަމަށާއި ސާބިތު ކަމާއެކު ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ދެމިހުންނަވައި ދެ މަގާމުގެ ވާޖިބާއި މަސްއޫލިއްޔަތު އުފުއްލަވާނެ ކަމަށް އާ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޑރ. އިބްރީމް ދީދީ )ޑރ. ޑީޑީ( މިރޭ ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އެމަނިކުފާނަށް މިނިސްޓަރުކަން ދެއްވުމުން ފާޑު ކިޔާ މީހުންގެ ފާޑު ކިޔުން އަމާޒުވަނީ އޭނާއަށް ނޫން ކަމަށެވެ.

"އަޅުގަނޑު، އިބުރާހިމް ދީދީ މިދަންނަވަނީ މިހުރީ ސާބިތު ކަމާއެކުއޭ. ޕާޓީގެ ރައީސް ޒިންމާ ނެގުމުގައި ދޭން އަޅުގަނޑު ވައުދުވެފައިވާ ވަގުތުން ޒައްރެއްގެ މިންވަރެއް ވެސް އުނި ނުކުރާނަމޭ. ހަޖަމު ނުކުރެއްވިގެން އުޅުއްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ކަހިރުވަކެކޭ ވެސް ހީ ނުވެއޭ. މިއަދު މީ އަޅުގަނޑު ވަޒީރުކަމާ ހަވާލުވި ފުރަތަމަ ދުވަސް މިއަދު ވެސް އަޅުގަނޑު އޮންނާނީ ޕާޓީގެ ރައީސް ކަަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނަމޫނާ ދައްކާފައި، އަދި އަޅުގަނޑާ ހަވާލު ކުރެއްވި މިނިސްޓްރީގެ ޒިންމާތައް ވެސް ބަރާބަރަށް އަޅުގަނޑަށް އުފުލޭނެ، އެކަން ކުރެވޭނެތީ ހަވާލުވީ، މިއަދު ވެސް އުފުލިން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ ސެކްރެޓޭރިއަޓްގެ އެއްވެސް މުވައްޒަފަކާ ނުލައި ޕާޓީ އޮފީހުގައި އަދާ ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް މިއަދުވެސް ކުރައްވާފައިވާނެ ކަމަށާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރަން ޖެހިވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ މިއަދު ވެސް ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ.

"އިދާރީ އެއްވެސް މުވައްޒަފަކާ ނުލައި ހުރިހާ ކަމެއް ކުރީ، ހުރިހާ ވަގުތެއް ދިނީ. ގުޅުއްވާ އައްސަވަ ބައްލަވާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން. ތެދަށް މިދަންނަވަނީ އިދާރީ މުވައްޒަފުންނާ ނުލައޭ ހުރިހާ ކަމެއް އަޅުގަނޑު ކުރަނީ،" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މަގާމެއް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ ރައީސާ އެގްރިކަލްޗަރު މިނިސްޓަރުކަން ހަވާލު ކުރެއްވުމަކީ ޕާޓީއަށް ލިބޭ ކުރި އެރުމެއް ކަމަށެވެ.

"ދެން ކޮން ވާހަކައެއްތޯ މިދައްކަނީ. އަޅުގަނޑަށް އެނގޭ ހަޖަމު ނުކުރެއްވިގެން އުޅެނީ ކޮން ބަޔަކަށް ކަންވެސް... އަޅުގަނޑު މިހުރީ އަޅުގަނޑުވީ ވައުދުތަކުގައި ހިފަހައްޓައިގެން، އެކަން ދުލެއް ނުކުރާނަން،" ޑީޑީ ވިދާޅުވި އެވެ.

ކުރިން މަޖިލީހުގެ ރުހުން ލިބިވަޑައި ނުގަތުމުން "ޑިފެކްޓޯ" ވަޒީރަކަށް ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވައިގެން ހުންނަވައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމުން އަލުން ފިޝަރީޒް މިނިސްޓަރުކަން ދެއްވެވީ ޕާޓީގެ ރައީސް ކަމުން އެއް ފަރާތް ކުރުމަށް ކަމަށް ވެދާނެތޯ ދެންނެވުމުން ޑރ. ޑީޑީ ވިދާޅުވީ "އެ އިހުސާސް ނުކުރެއްވޭ" ކަމަށެވެ. އަދި ވިދާޅުވީ އެއީ ވެދާނެ ގޮތެއް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެއަށް ވުރެ ބޮޑަށް ޕާޓީގެ މެންބަރުންގެ ތާއީދު އެބައޮތް ކަމަށެވެ.

ރައްޔިތުންތުންގެ މަޖިލީހުގައި ޑރ. ޑީޑީއަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވެ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދެއްކެވި ވާހަކަފުޅަށް ވެސް ޑރ. ޑީޑީ. ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ ރުހުމާ ބެހޭ ގޮތުން ތަސްމީން ވިދާޅުވި ވާހަކަތަކީ ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި މިނިވަން މެންބަރުންނާއި ޒެޑްފެކްޝަނުން އޭނާއަށް ތާއީދުކޮށް ރުހުންދެއްވާނެ ކަމަށާއި ރުހުމާ ދޭތެރޭގައި ޔަގީކަން ބޮޑު ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީ މަސައްކަތްތަކާބެހޭ ގޮތުން ވިދާޅުވީ އޭނާ ވަޒީރުކަމުން ވަކިވަޑައިގަތް އިރު ރޭވިފައި ހުރި ބޮޑެތި މަޝްރޫތައް ނުހިނގައި މަޑުޖެހިފައި ހުރި ކަމަށާއި އެ މަޝްރޫތައް އަލުން ވިލަރެސް ކުރައްވާ ބާރަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖޭ މަސްކަނޑުތައް ހަތަރު ސަރަހައްދަކަށް ބަހާލައި ހުޅުވައިލުމަށް ރޭއްވެވި ޕްރޮޖެކްޓް ވަރަށް ސްޕީޑްގައި ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު