ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 23ގައި

ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފް އަދި ސީއީއޯ އެންޑްރޫ ހީލީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އޮންނާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، 23 އޯގަސްޓު ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ އެ ބޭންކުގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ގުޅޭ ތަފްސީލުތައް ކައިރި މުސްތަގުބަލެއްގައި ހާމަކުރަމުންދާނެ ކަމަށެވެ.

ސަރުކާރުގެ 50.80 ޕަސަންޓު ހިއްސާއާއި، އާންމު ރައްޔިތުންގެ 33.73 ޕަސަންޓު ހިއްސާ ހިމެނޭ ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުގެ ފައިދާ، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 61 ޕަސަންޓު އިތުރުކޮށްފައެވެ.

ބޭންކުން ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ބީއެމްއެލްއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

ބީއެމްއެލްއިން ނިންމާފައިވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 107،638،400 ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 20 ރުފިޔާގެ ޑިވިޑެންޑެކެވެ.

comment ކޮމެންޓް