ނޭމާ "އުފުރައިލެވޭނީ" އެފްއެފްޕީ ގަވައިދުތައްވެސް މުގުރާލައިފައި: ބާސާ

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ - ފޮޓޯ: ގެޓީ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ، އެހެން ކްލަބަކުން ގެންދާނަމަ އެ ކްލަބަކުން ޔޫއެފާ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ)އާ ޚިލާފުވާނޭ ކަމަށް ބާސާގެ ޕްރެޒިޑެންޓް ޖޯޒެޕް މަރިއާ ބާޓޮމެއު ވިދާޅުވެއްޖެއެވެ.

މިހާރު ހުޅުވިފައިވާ ޓްރާންސްފަރ ވިންޑޯގެ ތެރޭގައި، ފްރާންސްގެ މުއްސަނދި ކްލަބް ޕީއެސްޖީން ދަނީ ދުނިޔޭގެ ރެކޯޑް އަގަކަށް، އެ ކްލަބަށް ނޭމާ ގެންދަން މަސައްކަތްކުރަމުންނެވެ.

އެގޮތުން ބާސާއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން ރޫޅައިލުމަށް ބޭނުންވާ 222 މިލިއަން ޔޫރޯ ހުށަހަޅަށް ޕީއެސްޖީން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭޕީއަށް ދެއްވި އިންޓަވިއުއެއްގައި ބާޓޮމެއު ވިދާޅުވީ، ބާސާއާ ދެކޮޅަށް ޕީއެސްޖީން ގަދަކަމުން ނޭމާ ގެންދަން ބޭނުންނަމަ، ޔޫއެފާގެ އެފްއެފްޕީ ގަވާއިދުތައް މުގުރައިލުން ނޫންގޮތެއް ނޯންނާނޭ ކަމަށެވެ.

"ނޭމާ ވަނީ އަހަރެމެންނާއެކު އިތުރު ހަތަރު އަހަރު ދުވަހު މަޑުކުރުމަށް އެއްބަސްވުމެއް ހަދާފައި. އަހަރެމެން ހުރިހާ ކަމެއް ރާވާފައި ވަނީ އޭނާ ހިމެނޭގޮތަށް،" ޕީއެސްޖީއަށް އިންޒާރުދެމުން ބާސާގެ ޕްރެޒިޑެންޓް ވިދާޅުވިއެވެ.

"އޭނާއަކީ އަހަރެމެން ޓީމުގެ 'ބައެއް'. މެސީ، ސުއަރޭޒް ހިމެނޭގޮތަށް ނޭމާއަކީ އަހަރެމެންގެ ޓީމުގެ އެޓޭކިން ލައިންގެ ބައެއް."

ބާޓޮމެއު ވިދާޅުވީ، ނޭމާއާއެކު ބާސާއިން ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަން، ނިމުމަކަށް ގެނައުމަށް ޕީއެސްޖީން ބޭނުންނަމަ ފައިނޭންޝަން ފެއަރ ޕްލޭ ގަވައިދުތަކާ ދެކޮޅަށް ދާންވީ ކަމަށާއި އެނޫން އިތުރު އެއްވެސް ގޮތެއް ނޯންނާނޭ ކަމަށެވެ.

ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ހުނަރުވެރި ފޯވާޑް ވަނީ، ބާސާއަށް މިހާތަނަށް 186 މެޗު ކުޅެ 105 ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނޭމާ ވަނީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސާއާއެކު ސޮއިކޮށްފައެވެ. އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް އޭނާއަށް ބާސާ ދޫކޮށްލެވޭނީ 2021 ވަނަ އަހަރުއެވެ.

comment ކޮމެންޓް