ސިޔާސީ ދާއިރާއާ އާއިލާ އެއްވުމަކީ ނިމުމެއް ނެތް ހިތްދަތިކަމެއް: ދުންޔާ

ޕީޕީއެމް ގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ހަފްލާގައި ޕީޕީއެމްގެ ދުންޔާ (މ)، ބައްޕާފުޅު ރައީސް މައުމޫން (ކ) އަދި ކޮއްކޮ ފާރިސް (ވ) އާ އެކު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ދާއިރާއާ އާއިލާ އެކުވުމަކީ ނިމުމެއް ނެތް ހިތްދަތިކަމެއްގެ ގޮތުގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ސިފަކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވާ ދަނޑިވަޅުގައި، ފާރިސްގެ ދޮށީ ދައްތަ ދުންޔާ މިއަދު ވަނީ، މިދުވަސްވަރަކީ ހިތާމަވެރި، އުނދަގޫ ދުވަސްވަރެއް ކަމަށް ވިދާޅުވެފައެވެ.

ދުންޔާ ފޭސްބުކްގައި މިއަދު ލިޔުއްވި ގޮތުގައި، ފާރިސް ހައްޔަރުކުރުމަކީ އޭނާއަށް ހިތާމަހުރި ކަމެއް ކަމަށާއި، މި ހާދިސާއިން ހަނދާންވަނީ 2011 ވަނަ އަހަރު އޭނާގެ އެންމެ ހަގު ކޮއްކޮ މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކުރި ކުރުން ކަމަށެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ދުންޔާ ފޭސްބުކްގައި ވިދާޅުވީ، ސިޔާސީ ކަންކަމާއި އާއިލާ އެކުވުމަކީ ނިމުމެއްނެތް ހިތްދަތިކަމެއްގެ ކަމަށެވެ.

އަދި މި ދަތި ދަނޑިވަޅުގައި އޭނާގެ މައިންބަފައިންނާއި ކޮއްކޮމެން އަދި އާއިލާއަށްވެސް ހިތްވަރު ދެއްވުން އެދި ދުއާކުރައްވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ކޮއްކޮ ފާރިސް ހައްޔަރުކުރި ދުވަހު ދުންޔާ ވަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ހިތްހަމަނުޖެހުންވެސް ފާޅުކުރައްވައިފައެވެ. އަދި ލޭގެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ، މާނަފުން ޓްވީޓެއްވެސް ދުންޔާ އެދުވަހު ކުރެއްވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުން ދުންޔާ ވަކިވެވަައިގެންނެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. ހަ މަސް ދުވަހު ސަރުކާރާ ދުރުގައި ހުންނެވުމަށްފަހު ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ.

comment ކޮމެންޓް