މޮރާޓާ ޗެލްސީއަށް ކުޅޭ ފުރަތަމަ މެޗު ބަޔާން މިއުނިކާ ދެކޮޅަށް!

ރެއާލްގެ ކުރީގެ ތަރި އަލްވާރޯ މޮރާޓާ ވަނީ 58 މިލިއަން ޕައުންޑުގެ ފީއަކަށް ޗެލްސީ އާ ގުޅިފައި -- ފޮޓޯ: ގެޓީ

ސިންގަޕޫރުގައި ބާއްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި، ބަޔާން މިއުނިކާއި ޗެލްސީ ވާދަކުރާ މެޗުގައި، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި އަލްވާރޯ މޮރާޓާ ފުރަތަމަ ފަހަރަށް ޗެލްސީން ފެނިގެން ދާނޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގާތްގަނޑަކަށް 58 މިލިއަން ޕައުންޑުގެ ފީއަކަށް އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީއާ ގުޅުނު އުމުރުން 24 އަހަރުގެ ސްޕެއިން ފޯވާޑް މިހާރު ކްލަބާ ގުޅުމަށް ސިންގަޕޫރަށް ދަތުރުފަށާފައިވާ އިރު، އޭނާ އެ ކްލަބާއެކު ފުރަތަމަ ފެނިގެން ދާނީ ޖުލައި 25 ވަނަ ދުވަހު ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި، ޖަރުމަނު ލީގު ޗެމްޕިއަންނުންނާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައެވެ.

މޮރާޓާގެ ޓްރާންސްފަރ ކަންތަކުގައި ރެއާލް މެޑްރިޑާއި ޗެލްސީ އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހުއެވެ. އޭރު އޭނާ ހުރީ ރެއާލާ އެކު ޕްރީސީޒަން މެޗުތަކުގައި ބައިވެރިވުމަށް އެމެރިކާގައެވެ.

ޗެލްސީން އާސެނަލާ ދެކޮޅަށް މާދަމާ ޗައިނާގައި ކުޅޭ ރަހްމަތްތެރިކަމުގެ މެޗުގައި ކުޅެން ބޭނުންވި ނަމަވެސް ވިސާ ހަމަނުޖެހުމުގެ ސަބަބުން މޮރާޓާއަށް ވަނީ އެ މެޗުގައި ބައިވެރިވެވޭގޮތް ނުވެފައެވެ. އެހެންކަމުން ނުރަސްމީ މެޗެއްގައި ނަމަވެސް މޮރާޓާ ޗެލްސީން ފެނިގެންދާ ފުރަތަމަ މެޗަކަށް ދެން ވެގެންދާނީ ބަޔާންއާ ދެކޮޅަށް ސިންގަޕޫރުގައި ކުޅޭ މެޗެވެ.

މޮރާޓާ ވަނީ، އޭނާ ރެއާލްގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ޗެލްސީއާ އެކުވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

ޗެލްސީއާ ގުޅުމަށް ފަހު މޮރާޓާ ބުނީ، އެއީ ''ބެސްޓް ކްލަބު'' ކަމަށާއި އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ދެކޭ ކަމަށެވެ.

ޗެލްސީގައި މޮރާޓާ ބޭނުންކުރާނީ، އެޓީމުން މީގެ ކުރިން ރެކޯޑް ފީއަކަށް ގެނައި ސްޕެނިޝް ފޯވާޑް ފެނާންޑޯ ޓޮރޭޒް ބޭނުންކުރި. 9 ނަންބަރު ޖާޒީއެވެ.

މޮރާޓާގެ މުސާރައަކީީ 58 މިލިއަން ޕައުންޑުކަމުގައި ވީ ނަމަވެސް އިތުރު އިނާޔަތްތަކާއެކު އޭނާއަށް ގާތްގަނޑަކަށް 70 މިލިއަން ޕައުންޑު ޖެހޭނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް