'ޕީޕްލީ ލައިވް'ގެ އެކްޓަރު ކެންސަރު ބަލީގައި، އެހީތެރިކަމަށް އެދި ސަލާން ޖަހަނީ!

'ޕީޕްލީ ލައިވް' އަދި 'ޕާން ސިންގ ތޯމަރް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބޮލީވުޑް އެކްޓަރު ސިތާރާމް ޕަންޗަލް ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން އެބަދެ އެވެ.

ސިތާރާމް އަށް ޖެހިފައި ވަނީ ފުއްޕާމޭ އަދި ފުރަމޭގެ ކެންސަރެވެ. ޚަބަރުތައް ބުނާގޮތުން ސިތާރާމް މިހާރު ވަނީ ކެންސަރު ބަލީގެ ފަހު ސްޓޭޖުގައެވެ.

ބަލި ބޮޑުވުމުގެ ސަބަބުން ފާއިތުވި އަހަރެއްހާ ދުވަހު ސިތާރާމް އަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އޭނާ މިހާރު އަންނަނީ ފޭސްބުކް މެދުވެރިކޮށް، ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.

ޑައިރެކްޓަރު އަޝްވިނީ ޗައުދަރީ ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ސިތާރާމްގެ ފޮޓޯ ޝެއާކޮށް، އެހީތެރިކަމަށް އެދިފައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިތާރާމްގެ އަންހެނުން ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ސިތާރާމް އެއްކޮށް ކެއުން ހުއްޓާލާފައިވާ ކަމަށެވެ. ބަނޑަށް ތަދުވެ، ހޮޑުލެވޭތީ އެއްވެސް އެއްޗެއް ނުކެވޭ ކަމަށާއި، މިހާރު ސިތާރާމްގެ ބަރުދަނުގައި ހުރީ 30 ކިލޯ ކަމަށް ވެސް އަންހެނުން ވަނީ ބުނެފަ އެވެ.

ސިތާރާމް އަކީ 'ޖޮލީ އެލްއެލްބީ 2' ގައި އަކްޝޭ ކުމާރުގެ ކޯ ސްޓާރެވެ. އެ ފިލްމުގައި އޭނާ މަސައްކަތް ކުރީ ފަރުވާ އަށްފަހު ހާލު ކުޑަކޮށް ރަނގަޅުވުމުންނެވެ.

ޚަބަރުތައް ބުނާގޮތުން، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ފަރާތުން ސިތާރާމް އަށް މިހާރު އެހީތެރިކަން ލިބެން ވަނީ ފަށައިފައެވެ.

comment ކޮމެންޓް