ވިލި މުއައްސަސާ ކަޕްގެ ފައިނަލަށް ހައުސިންއާއި މޯލްޑިވް ގޭސް

ވިލި މުއައްސަސާ ކަޕްގެ ސެމީގައި މޯލްޑިވް ގޭސްއާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ޕެނަލްޓީ ޖަހައިގެން ހައުސިން މޮޅުވީ 5-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ ފައިނަލަށް ޓީމް ހައުސިންއާއި މޯލްޑިވް ގޭސް ދަތުރުކޮށްފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހައުސިންއާއި މޯލްޑިވް ގޭސްއިން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ރޭ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ މައްޗަށް ގޭސްއިން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 5-7 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 5-5 ލަނޑުން އެއްވަރުވެފައެވެ. ސިފައިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު އަލީ ކާމިޔާބުކޮށްދިންއިރު، މުހައްމަދު އާރިޝް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.

ވިލި މުއައްސަސާ ކަޕްގެ ސެމީގައި މޯލްޑިވް ގޭސްއާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ޕެނަލްޓީ ޖަހައިގެން ހައުސިން މޮޅުވީ 5-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

މޯލްޑިވް ގޭސްއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރަޝީދު (އައްމަޑޭ) ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، އަލީ ނާޒްއާއި ހަސަން ޝިފާއު، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސިފައިންގެ ދެ ޕެނަލްޓީ ވެސް ނާކާމިޔާބުވިއިރު، ގޭސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލީ ނާޒްއާއި އައްމަޑޭއެވެ.

ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ޓީމް އެމްޓީސީސީގެ މައްޗަށް ހައުސިން ޓީމުން ކުރި ހޯދީ 8-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހައުސިން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ޝައުޔާ ކާމިޔާބުކޮށްދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އަފްޒަލާއި މުހައްމަދު މައުރޫފް، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ހައުސިންގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު މައުސޫމް މުހައްމަދެވެ. އެމްޓީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ނަޒީހު އަދި އަހްމަދު އައިހަމްއެވެ.

ވިލި މުއައްސަސާ ކަޕްގެ ސެމީގައި ހައުސިންއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގެ ފައިނަލްގައި މޯލްޑިވް ގޭސްއާއި ހައުސިން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30ގައެވެ. މި ދެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. 'ގްރޫޕް ބީ'ގައި ކުޅުނު އެ މެޗުގައި ހައުސިނުން ވަނީ ގޭސްގެ މައްޗަށް ކުރި ހޯދައިފައެވެ. މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ހައުސިން ބަލިވެފައެއް ނުވެއެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ވިލި މުއައްސަސާ ކަޕްގެ ސެމީގައި ހައުސިންއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހައުސިން މޮޅުވީ 8-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް