ގައުމަށްޓަކައި މި ދެބެން ވަމުންދާ ގުރުބާނީ ތަފާތު، ތައުރީފް ހައްގު!

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ދެބެން، ޒާހިރާ (ކ) އާއި ޒާހިޔާ (ވ) -- ފޭސްބުކް ފޮޓޯ

" ބައެއްފަހަރު ބޭރުގައި ކުޅޭ މެޗުތަކަށް ގޮސް އެބަޖެހޭ އެތައް ގަޑިއިރެއް ވަންދެން ދުއްވަން، ކުޅޭ ސްޓޭޑިއަމަށް ދާން. ސެކިއުރިޓީއެއް ނޯވޭ. ބައެއް މުބާރާތްތަކަށް ދާއިރު އެ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ކަންކަން ހަމަނުޖައްސާ ހުންނާތީ ބައެއްފަހަރު ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ، އެކަމަކު އެފްއޭއެމްގެ ސަޕޯޓު ލިބޭތީ ސަވައިވް ވަނީ. މިއީ އަސްލު ބޮޑު ޗެލެންޖްއެއް،"

މިއީ ބައެއްފަހަރު ރާއްޖޭގެ ގައުމީ އަންހެން ޓީމްތައް ރާއްޖޭން ބޭރުގައި ކުރާ ތަޖްރިބާތަކެވެ. މެޗުތައް ކުޅެން ގޮސް އެ ޓީމްތައް މިފަދަ ތަޖްރިބާތަކެއް ކުރާން ޖެހޭ ސަބަބަކީ އެއްގޮތަކަށްވެސް ގައުމީ ފުޓްބޯޅަ އިދާރާއިން އިންތިޒާމްތައް ހަމަޖައްސައި ނުދޭތީއެއް ނޫނެވެ. އަސްލުވާ ގޮތަކީ މުބާރާތް ބާއްވާ ގައުމު ތަކުން، ބޭރުން އަންނަ ޓީމުތަކާ މެދު ކަންކުރާ ގޮތް ގޯހީއެވެ.

ޒާހިޔާ އާއި ޒާހިރާ ޑީއެސްސީ އާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗެއްގެ ތެރޭން -- ފޮޓޯ: އެފްއޭއެމް

އިސްވެ ފާހަގަކޮށްލި އިބާރާތަކީ ރާއްޖޭގެ ގައުމީ އަންހެން ޓީމުގައި މުހިންމު ރޯލެއް އަދާކުރާ ދެބެންގެ ތެރެއިން ދޮށްޓަށް ހުންނަ ފާތިމަތު ޒާހިރާ އޭނާ ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އެކު މިހާތަނަށް ކުރި ދިގު ދަތުރުތަކުގެ ކުޑަ ހަނދާނެކެވެ. އަންހެނަކަށްވެ ހުރެ އޭނާ ގައުމަށްޓަކައި އުފުލަމުންދާ ބޮޑު ބުރައިގެ ކުޑަ މިންވަރެކެވެ. ލ. ގަމަށް ނިސްބަތްވާ އާއިލާއެއްގައި ތިބި ނުވަ އަންހެން ކުދީންގެ ތެރެއިން ޒާހިރާއާއި އޭނާގެ ކޮއްކޮ އައިމިނަތު ޒާހިޔާ އަކީވެސް ގައުމީ ޓީމަށް ކުޅެމުން އަންނަ މުހިއްމު ދެ ކުޅުންތެރީންނެވެ.

"މަންމަގެ މި ތިބެނީ 9 އަންހެން ކުދީން. އޭގެތެރެއިން އަހަރަމެން ދެމީހުން މި ފުޓްބޯޅަ ކުޅެނީ ގައުމީ ފެންވަރުގައި. ބައެއް ފަހަރު ދެ މީހުން އެއްކޮށް މެޗެއް ކުޅެން ދިޔައިމަ މަންމައަށް އުޅޭނެ ނިދިވެސް ނައިސްގެން. މަންމަ ދޫކޮށްލާފަ މާލެ އައިސް މިއުޅެނީވެސް ފުޓްބޯޅަ ކުޅެން،" 2010 ވަނަ އަހަރުން ފެށިގެން ގައުމީ އަންހެން ޓީމަށް ކުޅެމުން އަންނަ، ގައުމީ ޓީމުގެ ވައިސް ކެޕްޓަން ޒާހިޔާ ވާހަކަ ފެށީ މިހެންނެވެ.

ދިވެހި ސިފައިންގެ ކްލަބުގެ ޑިފެންޑަރު ޒާހިޔާ (ކ)، ޕޮލިސް ކްލަބުގެ ޑިފެންޑަރު ޒާހިރާ (ވ) -- ފޭސްބުކް ފޮޓޯ

ޒާހިރާ ބުނި ގޮތުގައި އެ ދެބެން އެންމެ ކުޑައިރުއްސުރެވެސް ފުޓްބޯޅައަށް ނިކަން ފޯރި ހުރެއެވެ. ގޭގެ ދޮރު ކަނި ގޯލަކަށް ހަދައިގެން ދެމީހުން ވާދައަށް ކުޅުނު ދުވަސްތައް އެ ދެބެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެންމެ ކުޑައިރުންސުރެ ފުޓްބޯޅައަށް ހުރި ފޯރިއާއެކު ދެބެންވެސް ބޭނުންވީ ބޮޑުވެގެންވެސް ހަމަ އެގޮތުގައި ކުރިއަށްދާށެވެ.

އެންމެ ފުރަތަމަ ރަށުގައި މެޗެއް ކުޅުނު ތަން ފެނިގެން ގައުމީ އަންހެން ޓީމަށް ކުޅެން ފުރުޞަތު ލިބުނީ. އޭރު އޯލެވެލް ހަދަނީ. ދެން އޯލެވެލް ހަމަ ނިންމާލިގޮތަށް މާލެއައީ، ޒާހިޔާ

" އެންމެ ފުރަތަމަ ރަށުގައި މެޗެއް ކުޅުނު ތަން ފެނިގެން ގައުމީ އަންހެން ޓީމަށް ކުޅެން ފުރުޞަތު ލިބުނީ. އޭރު އޯލެވެލް ހަދަނީ. ދެން އޯލެވެލް ހަމަ ނިންމާލިގޮތަށް މާލެއައީ،" ޒާހިޔާ ކިޔައިދިނެވެ.

ޒާހިޔާގެ ދައްތަ ޒާހިރާ ގައުމީ ޓީމާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭރުވެސް ޒާހިޔާ އަކީ ގައުމީ ޓީމުގެ މުހިންމު މަގާމެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެ ދެމީހުން ކުޅެމުން އަންނަނީ ގައުމީ ޓީމުގެ ފަހަތަށެވެ. ޒާހިޔާއަކީ ގައުމީ ޓީމުގެ ސެންޓަރ ބެކެވެ. އަދި ޒާހިރާ އަކީ ގައުމީ ޓީމުގެ ލެފްޓް ބެކެވެ.

މި ދެބެން ގައުމީ ޓީމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ދެކުޅުންތެރިންވަނީ ގައުމީ ޓީމުގެ ހުރިހާ މަގާމަކަށްވެސް ކުޅެފައެވެ. ކޯޗު އަންގާ ކޮންމެ އެންގުމަކަށްވެސް ދެބެން ދެނީ އިޖާބީ ޖަވާބެކެވެ. ދުވަހަކުވެސް ނޫނެކޭ ނުބުނެއެވެ. ގައުމީ ޓީމަށް ކުޅެނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

" އަސްލު މިކަން މިކުރަނީ އާއިލާވެސް ދޫކޮށްލާފައި. ހުރިހާ ކަމަކަށް ވުރެ މުހިންމު ވަނީ ގައުމީ ޓީމް. ގައުމަށް ރީތި ނަމެއް ހޯދަން އަބަދުވެސް މަސައްކަތް ކުރަން. މިހާތަނަށްވެސް މި އާދެވުނީ ގައުމަށް ކަމެއް ކޮށްދޭން ހިތުގަ އޮތް އަޒުމެެއްގެ ސަބަބުން،" ޖަވާޒީ ހަޔާތެއް ފަށައިގެން އުޅޭ ޒާހިރާ ކިޔާދިނެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމް -- ފޭސްބުކް ފޮޓޯ

އަސްލު ދެ އަންހެން ކުދިންނަށް ވެތިބެ އަހަރަމެން ދެބެން މި ކުރާ މަސައްކަތަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް. އަންހެން ކުދިންނަށް ވީތީ އެންމެ މަތީ ފަންތީގައި ނުކުޅެވިދާނެ ކަމަށް ބައެއް މީހުން ބުނޭ. ނަމަވެސް މިއަދު ސާބިތުކޮށްދެވިއްޖެ އެކަން ވެދާނެކަން. ހުރިހާވެސް ޝުކުރެއް އޮތީ މަންމައަށް. މިއީ މަންމަ އާއި ކޯޗުން އަަހަރަމެންނަށް ކުރި އިތުބާރު، ޒާހިޔާ، ޒާހިރާ

ޒާހިޔާ ގައުމީ ދިފާއި ބާރުގައި ވަޒީފާ އަދާކުރަމުންދާއިރު ޒާހިރާ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައެވެ. އެ ދެކުޅުންތެރިންގެ އެންމެ ބޮޑު ހިތް ްހަމަޖެހުމަކީ ދުވަހުގެ ކޮންމެ ވަގުތެއްވެސް ގައުމީ ހިދުމަތުގައި ހޭދަކުރެވޭތީ އެވެ.

ޒާހިރާ އަދި ޒާހިޔާ ގައުމީ ޓީމަށް ކުޅެމުން އަންނައިރު އެ ދެބެންގެ އެންމެ ބޮޑު ހިތްވަރަކީ އެ ދެބެންގެ މަންމައެވެ. މަންމައާ އާއިލާ، އެ ދެކުޅުންތެރިންނަނަށް ދެމުންދާ ހިތްވަރާ އެހީތެރިކަމަކީ އެ ދެކުޅުންތެރިން ސާބިތުކަމާއެކީ ކުރިއަށް ދިޔުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

" އަސްލު ދެ އަންހެން ކުދިންނަށް ވެތިބެ އަހަރަމެން ދެބެން މި ކުރާ މަސައްކަތަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް. އަންހެން ކުދިންނަށް ވީތީ އެންމެ މަތީ ފަންތީގައި ނުކުޅެވިދާނެ ކަމަށް ބައެއް މީހުން ބުނޭ. ނަމަވެސް މިއަދު ސާބިތުކޮށްދެވިއްޖެ އެކަން ވެދާނެކަން. ހުރިހާވެސް ޝުކުރެއް އޮތީ މަންމައަށް. މިއީ މަންމަ އަދި ކޯޗުން އަަހަރަމެންނަށް ކުރި އިތުބާރު،" ދެބެންގެ ވާހަ ނިންމާލީ މިހެންނެވެ.

comment ކޮމެންޓް