"ލިންކިން ޕާކް"ގެ ލީޑް ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން މަރުވެއްޖެ

ލިންކިން ޕާކްގެ ލީޑް ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން --- ފޮޓޯ: ޔޫޕީއޭ

ދެހާސް ވަނަ ވަނަ އަހަރު އެމީހުންގެ ފުރަތަމަ އަލްބަމް "ހައިބްރިޑް ތިއޮރީ" އިން ދުނިޔޭގެ މަގުބޫލުކަން ހޯދި ކުރީގެ އެންޔޫ މެޓަލް އަދި މިހާރު އޮލްޓަނޭޓިވް ރޮކް ބޭންޑް "ލިންކިން ޕާކް" ގެ ލީޑް ލަވަކިޔުންތެރިޔާ މަރުވެއްޖެއެވެ.

ޗެސްޓާ ބެނިންގްޓަން، 41، މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖްލީސްގެ ޕަލޯސް ވަރްޑެސް އެސްޓޭޓްސްގައި ހުންނަ އޭނާގެެ ގެއިން އިއްޔެ ހެނދުނު 9 ޖަހާކަން ހާއިރުއެވެ.

ލޮސް އެންޖްލީސް ކައުންޓީ ކޮރޮނާޒް އޮފީހުގެ ޗީފް އޮފް އޮޕަރޭޝަންސް ބްރާޔަން އެލިއާސް ބުނިގޮތުގައި ޗެސްޓާގެ މަރުގެ މައްސަލަ މިހާރު ގެންދަނީ ތަހުގީގުކުރަމުން ކަމަށާއި އޭނާ އަމިއްލައަށް މަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށެވެ.

ޗެސްޓާ ބެނިންގްޓަން އަކީ ރޮކް މިއުޒިކުގެެ ދުނިޔޭގައި އޭނާގެ ތޫނު އަޑާއި އަސަރުން ފުރިގެންވާ ލަވަތަކެއް އޭނާގެ ކޮންމެ އަލްބަމެއްގައި ވެސް ހިމަނާ ފަންނާނެކެވެ.

މަޝްހޫރު މިއުޒިކް މެގަޒިންއެއް ކަމަށްވާ 'ހިޓް ޕްރޭޑާ'ގައި ޗެސްޓާވަނީ ދުނިޔޭގެ އެންމެ ވަރުގަދަ 100 މެޓަލް މިއުޒިޝަނުންގެ ލިސްޓުން 46 ވަނަ ޖާގަ ހޯދާފައެވެ. މީގެ އިތުރުން ބެނިންގްޓަންއަކީ އެންޔޫ މެޓަލް މުޅި ދުނިޔެއަށް މަޝްހޫރުކޮށްދިން އެންމެ މުހިންމު އެއް މޭސްތިރިޔާކަމަށް ރޮކް އަދި މެޓަލް މިއުޒިކްގެ އެންމެހާ ފަންނާނުންވެސް އެއްބަސްވެއެވެ.

ކެލިފޯނިއާއަށް ނިސްބަތްވާ 'ލިންކިން ޕާކް' އާ 1999 ވަނަ އަހަރު ގުޅުމަށްފަހު ބެނިންގްޓަން ވަނީ އެބޭންޑާއެކު ހަތް އަލްބަމެއް ނެރެފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެބޭންޑްގެ ދެވަނަ ސްޓޫޑިއޯ އަލްބަމް 'މީޓިއޯރާ' އެވެ. މިއަލްބަމްގެ މިހާތަނަށް 27 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު މިއަލްބަމަށް ޕްލެޓިނަމް ޓައިޓަލް ވަނީ ލިބިފައެވެ.

ބެނިންގްޓަން އެންމެ ފަހުން އޭނާގެ ބޭންޑު 'ލިންކިން ޕާކް' އާއެކު އެންމެ ފަހުން ނެރުނީ މިއަހަރު ރިލީޒްކުރި އަލްބަމް 'ވަން މޯ ލައިޓް' އެވެ.

އުމުރުން 41 އަހަރުވެފައިވާ ބެނިންގްޓަންގެެ އަންބަކާއި ހަ ދަރިން ދުނިޔޭގައި ތިބިއިރު އޭނާއަކީ މިއަހަރުގެ ކުރީކޮޅު މަރުވި 'އޯޑިއޯސްލޭވް ގެ ލީޑް ލަވަކިޔުންތެރިޔާ ކްރިސް ކޯނެލްގެ ވަރަށް ގާތް ރަހްމަތްތެރިއެއްވެސް މެއެވެ.

ލިންކިން ޕާކްގެ ރެޕާ އަދި 'ސެކަންޑް-އިން-ކޮމާންޑް' މައިކް ޝިނޮޑާވަނީ ބެނިންގްޓަންގެ ކުއްލިމަރުގެ ސަބަބުން ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އަދި ސިހުމެއް ލިބުނު ކަމަށް ބުނެ ޓްވީޓްކޮށްފައެވެ. މީގެ އިތުރުން މިއީ ހަގީގަތެއް ކަމަށާއި ބެނިންގްޓަންގެ އާއިލާއިން އޭނާގެ މަރާ ގުޅިގެން ރަސްމީ ބަޔާނެއް ނެރޭނެކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިނގިރޭސި ލަވައިގެ ދުނިޔޭގެ އެތަށްބަޔަކު ދަނީ ބެނިންގްޓަންގެ މަރުގެ ހިތާމަ ފާޅުކުރަމުންނެވެ.

comment ކޮމެންޓް