ރަފީއިން ލަންކާގައި ބޭއްވި ކޭމްޕް ނިންމާލައިފި

ރަފީ ޖަމިއްޔާއިން ހިންގި އެމްއޭސީސީ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އަންނަން އޮތް ޖީލުގެ ލީޑަރުން އުފެއްދުމަށް އަދުގެ ޒުވާނުން ތަރައްގީކޮށް ބާރުވެރި ކުރުވުމަށް ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ސްރީލަންކާގައި ކުރިޔަށް ގެންދިޔަ ކޯޗިންގް ކޭމްޕު ނިންމާލައިފިއެވެ.

ލަންކާގައި ހުންނަ ކޮލަމްބޯ ލީޑާޝިޕް އެކެޑަމީ (ސީއެލްއޭ)އާ ގުޅިގެން ލަންކާގައި ރަފީ ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގެ ނަމަކީ "ދަ މިލޭނިއަމް ޔޫތް އެމްބެސެޑާސް ކޯޗިން ކޭމްޕް (އެމްއޭސީސީ)"އެވެ.

ރަފީ ޖަމިއްޔާއިން ބުނީ މި ޕްރޮގްރާމުގެ މަގްސަދަކީ ޒުވާނުންނަށް ރޯލް މޮޑެލުންނަށް ވާނެ ރަނގަޅު ލީޑަރުން އުފެއްދުން ކަމަށެވެ. ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އަށަގަންނަންޖެހޭ ހުނަރުތަކާއި، ވަޒީފާގައި އުޅޭއިރު މުހިންމު ނިންމުންތައް ނިންމުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އަދި ލީޑަޝިޕް ފަދަ ކަންކަން މި ޕްރޮގްރާމުގައި ކިޔަވައިދީފައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ އެމްއޭސީސީ ޕްރޮގްރާމުގައި ސްރީލަންކާއާއި ރާއްޖެއިން ނަން މަޝްހޫރު ލީޑަޝިޕް ޓްރޭނަރުންނާއި ކޯޗުން ކިޔަވައިދެއްވި ކަމަށެވެ. އޭގެ ތެރޭގައި ކޮލޮމްބޯ ލީޑަޝިޕް އެކެޑެމީގެ ސީއީއޯ ރިއާޒް ހަސަން، ރާއްޖޭގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރ މަސްއޫދު އަލީ، މޯޓިވޭޝަނަލް ސްޕީކަރ ޑރ. ރިޝާދު ހުސައިން، ޕްރޮފެޝަނަލް ޑިޖިޓަލް މާކެޓިންގްގެ ދާއިރާގެ ޓްރެއިނަރ ދިނޭޝް ޖެބަމިނީ، އަދި ޑިޒައިން ތިންކިންގް ދާއިރާގެ ލީޑަޝިޕް ޓްރެއިނަރު އަހްމަދު އިރުފާން ހިމެނެއެވެ.

ޖުލައި13 އިން 16އަށް ސްރީލަންކާގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ބެސްޓް އޯލް ރައުންޑްގެ ގޮތުގައި ހޮވުނީ އަހްމަދު ޖަނާހެވެ. އޭނާއަށް ވަނީ އެމެރިކާގެ ދަ ލީޑަޝިޕް ސާކަލްގައި ހިންގާ ޓްރެއިނިންގް ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެމެރިކާއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިފައެވެ.

ރަފީ ޖަމިއްޔާއިން ހިންގާ މިލޭނިއަމް ޔޫތު އެމްބެސެޑާސް ޕްރޮގްރާމްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ.

ގޯލްޑް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ސިލްވާ ސްޕޮންސަރުންގެ ގޮތުގައި އެޑްވައިޒަރީ ފާމެއް ކަމަށްވާ އެޑޮކްސީ އަދި ހެޕީ މާކެޓް ހަމަޖައްސާފައިވާއިރު، ބްރޯންޒް ސްޕޮންސަރަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑެވެ.

ކޭމްޕުގެ ބެވްރޭޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. އަދި ޓްރެވަލް ޕާޓްނަރަކަށް ސްރީލަންކަން އެއާލައިންސް ހަމަޖައްސާފައިވާއިރު، މުޅި ކޭމްޕުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ިކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ރަފީ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ މިލޭނިއަމް ޔޫތު އެމްބެސެޑާސް ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 225 ޒުވާނުން ތަމްރީން ކޮށްފައިވެއެވެ.

comment ކޮމެންޓް