ދެން ޕާކިންގ ސިސްޓަމް ގާއިމުކުރާނީ ހީނާމާގެއާއި ގާކޮށީގައި

ވެލާނާގެ ކައިރީގައި ބެހެއްޓި ކާރު ޕާކިންގް ސިސްޓަމު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއާ ހަވާލުކޮށްގެން ހައުސިންގ މިނިސްޓްރީން މާލޭގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ގާއިމުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ފެށިތާ އަށް މަސް ފަހުން، މި ޖުލައި މަހުގެ ކުރީކޮޅު ވަނީ އެ ސިސްޓަމް ގާއިމުކޮށް ނިންމައި، އޭގެ ބޭނުންވެސް ކުރަން ފަށައިފައެވެ.

ވެލާނާގެ ކައިރީގައި ބެހެއްޓި މި ޕާކިން ސިސްޓަމަކީ ކާރު ޕާކިން ސިސްޓަމެކެވެ. އޭގައި 10 ކާރު އެއްފަހަރާ ޕާކު ކުރެވޭނެއެވެ.

މާލޭގައި އުޅަނދުފަހަރު ޕާކުކުރުމަށް ޖާގަ އެންމެ ދަތި އެއް ސަރަހައްދުގައި ޕާކިން ސިސްޓަމެއް ގާއިމުކޮށް ނިންމާފައިވާ އިރު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، އިތުރު ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފުރަތަމަ ސިސްޓަމް މިހާރު ގާއިމުކޮށްފައިވާ އިރު، ދެވަނަ އަދި ތިންވަނަަ ޕާކިން ސިސްޓަމް ގާއިމުކުރާނީ މަޖީދީމަގުގައި ހުންނަ ހީނާމާގޭ ބިމުގައި ކަމަށެވެ.

"ހީނާމާގޭގައި ބަހައްޓާނީ ސައިކަލު ސިސްޓަމަކާ ކާރު ސިސްޓަމެއް. އެއީ 100 ސައިކަލާއި 10 ކާރު ޕާކުކުރެވޭނެ ޖާގަ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭގެ އިތުރުން، ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓު އިމާރާތާ ޖެހިގެން އޮންނަ ބިމުގައިވެސް ތިން ޕާކިން ސިސްޓަމް ބަހައްޓާނެ ކަމަށެވެ. އެތަނުގައި ބަހައްޓަނީ ދެ ސައިކަލު ސިސްޓަމާއި އެއް ކާރު ސިސްޓަމެވެ.

ވެލާނާގޭ ކައިރީގައި ސައިކަލު ޕާކިން ސިސްޓަމެއްވެސް ބަައްޓާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިތުރު ސަރަހައްދުތަކުގައި އަޅުގަނޑުމެން ފައުންޑޭޝަން އެޅުމުގެ ކަންތަކާ އެކުގައި، މިއަހަރު ނިމެންވާއިރަށް 10 ސައިކަލު ސިސްޓަމާއި 10 ކާރު ސިސްޓަމް ބަހައްޓާނެ. އެ ސިސްޓަމްތަކާ ގުޅޭ ހުރިހާ އެއްޗެއް ހުރީ މާލެ ގެނެސްފައި،" ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕާކިން ސިސްޓަމްތައް ގާއިމުކުރާނެ ތަންތަން ކަނޑައަޅަނީ، އެންމެ ބޮޑަށް އުޅަނދުފަހަރު ތޮއްޖެހޭ ދިމަދިމާލަށް ބަލާފައި ކަމަށެވެ.

"އަމާޒުކުރަނީ ވީހާވެސް ބޮޑަކަށް ތޮއްޖެހުން ބޮޑު ދިމަދިމާލަށް މިކަން ހައްލުކުރެވޭނެ ގޮތެއް ވޭތޯ. ތޮއްޖެހުން ބޮޑުވިޔަސް ޖާގަ ނެތިއްޔާ [މިތަކެތި] ނުބެހެއްޓޭނެ. ޖާގަ ހުރި، އަދި ތޮއްޖެހުން ފިލުވޭނެ ސަރަހައްދުތަކުގައި ބަހައްޓާނީ،" މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް