އިންޑިއާގެ އާ ރައީސަށް ރައީސް ޔާމީންގެ ތަހުނިޔާ

އިންޑިއާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދު ---

އިންޑިއާގެ ރިޔާސީ އިންތިޚާބު މިއަދު ކާމިޔާބުކުރެއްވި ރަމް ނާތު ކޯވިންދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޔާމީން މިއަދު ފޮނުއްވި މެސެޖެއްގައި، އިންޑިއާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވިކަމަށްވެއެވެ.

އެ މެސެޖުގައި ރައީސް ވަނީ، އިންތިޚާބީ ރައީސް ކޯވިންދުގެ ވެރިކަމުގައި، އިންޑިއާއަށް އިތުރު ފފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ކޯވިންދުގެ ވެރިކަމުގައި ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާމް ނާތު ކޯވިންދަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ، އިންޑިއާގެ ފުރަތަމަ ރައީސެވެ.

ބިހާރު ސްޓޭޓުގެ ގަވަރުނަރުކަމާއި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ މެމްބަރުކަން 12 އަހަރު ދުވަހު ކުރެއްވި ރާމް ނާތު ކޯވިންދު އިންތިޚާބު ކާމިޔާބުކުރެއްވީ، އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސްއިން ކުރިމަތިލެއްވި، އިންޑިއާގެ ލޮކް ސަބާގެ ކުރީގެ ރައީސާ މީރާ ކުމާރާ ވާދަކުރައްވައި، ޖުމްލަ ވޯޓުގެ 65.65 ޕަސަންޓު ވޯޓު ހޯއްދަވައިގެންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދެގެއާއި، ކޮންމެ ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީއެއްގެ ގާނޫނު ހަދާ މަޖިލީހުގައި އިންތިޚާބުވެފައިވާ ޖުމްލަ 4،986 މެމްބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖަކުން ރިޔާސީ އިންތިޚާބުގައި ވޯޓުލީ އިރު، އިންތިޚާބު ކާމިޔާބުކުރެއްވި ބީޖޭޕީގެ ކޯވިންދަށް ލިބިވަޑައިގެންނެވީ 2،930 އިލެކްޓޯރަލް ވޯޓެވެ. މީރާ ކުމާރަށް ލިބިވަޑައިގެންނެވީ 1،844 އިލެކްޓޯރަލް ވޯޓެވެ.

އިންޑިއާގެ މިހާރުގެ ރައީސް އަދި ތަޖުރިބާކާރު ސިޔާސީ ލީޑަރު ޕްރަނާބު މުކަރުޖީގެ ރިޔާސީ ދައުރު ހަމަވާނީ ޖުލައި 25 ވަނަ ދުވަހުއެވެ. އާ ރައީސް ރާމް ނާތު ކޯވިންދު، އިންޑިއާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ ޖުލައި 25 ވަނަ ދުވަހުއެވެ.

comment ކޮމެންޓް