ޖަޕާނުގެ ސައިންސާއި ޓެކްނޮލޮޖީ ޕްރޮގްރާމަކަށް ދިވެހި ފަސް ދަރިވަރުން ފުރަނީ

"ސަކޫރާ އޭޝިއާ ޔޫތު އެކްސްޗޭންޖު ޕްރޮގްރާމް އިން ސައިންސް"ގައި ބައިވެރިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައްދަލުރައްވަނީ-- ފޮޓޯ: އެމްއޯއީ

ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައިންސާ ޓެކްނޮލޮޖީގެ ޕްރޮގްރާމެއްގައި ރާއްޖޭގެ ފަސްދަރިވަރުން ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

"ސަކޫރާ އޭޝިއާ ޔޫތު އެކްސްޗޭންޖު ޕްރޮގްރާމް އިން ސައިންސް" ނަމުގައި ބާއްވަމުން އަންނަ މިޕްރޮގްރާމަކީ ޖަޕާނުގެ ސައިންސްް އެންޑް ޓެކްނޮލަޖީ އެޖެންސީގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ މިއަދު ބައްދަލު ކުރައްވައިފައެވެ.

އެބައްދަލުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެޕްރޮގްރާމްގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އޭޝިޔާގެ ތަފާތު ގައުމުތަކުގެ ދަރިވަރުންނާ އެކު މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު، ރާއްޖެއިން ބައިވެރިވާ ދަރިވަރުންނަށް ލިބޭނެއެވެ. އަދި އެ ޕްރޮގްރާމުން ލިބޭ މައުލުމާތުތަކާއި ތަޖުރިބާ ހެޔޮގޮތުގައި ބޭނުން ކުރުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

އެއް ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ފަސް ދަރިވަރަކާއި އޮފިޝަލެއް ޖަޕާނަށް ދާގޮތަށް ހަމަޖެހިފައިވެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކާއި، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރަކާއި، ސީއެޗްއެސްއީގެ ދެ ދަރިވަރަކާއި އަދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރެއް ހިމެނެއެވެ.

އެ ޕްރޮގްރާމް އިންތިޒާމުކޮށްފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ކަލްޗަރ، ސްޕޯޓްސް، ސައިންސް އެންޑް ޓެކްނޮލޮޖީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޖަޕާން ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުންނެވެ.

comment ކޮމެންޓް