މޯލްޑިވް ގޭހުން އައިޖީއެމްއެޗްގައި އޮކްސިޖަން ޕްލާންޓެއް ގާއިމްކޮށްފި

މޯލްޑިވް ގޭހުން އައިޖީއެމްއެޗްގައި ގާއިމް ކުރި އޮކްސިޖެން ޕްލާންޓު -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވް ގޭހުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އޮކްސީޖަން ޕްލާންޓެއް ގާއިމްކޮށްފިއެވެ.

އެ އޮކްސިޖަން ޕްލާންޓު ހޮސްޕިޓަލުގައި ގާއިމްކޮށް މިއަދު ވަނީ ޚިދުމަތް ދޭން ފަށައިފައެވެ.

މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓުގެ ޚިދުމަތް ފައްޓަވައިދެއްވީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އައިޖީއެމްއެޗްގައި އެކުންފުނީގެ އޮކްސިޖަން ޕްލާންޓު ގާއިމް ކުރެވުމުން ތިލަފުށިން އޮކްސިޖަން ސިލިންޑަރު ގެނެސް ބޭނުން ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ޕްލާންޓުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި އެ ޕްލާންޓުން އައިޖީއެމްއެޗްގައި ބޭނުން ކުރާ އޮކްސިޖަންގެ ދެ ގުނައަށް އޮކްސިޖަން އުފައްދައި ސަޕްލައި ކުރެވޭނެ ކަމަށާއި، އައިޖީއެމްއެޗް ތަރައްގީވަމުން އަންނަ އިރު ކުރިއަށް އޮތްތަނުގައިވެސް އެ ޕްލާންޓު މެދުވެރިކޮށް ދަތިކަމެއް ނެތި މުޅި ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވް ގޭހުގެ ޗީފް އިންޖިނޭރު، މުހައްމަދު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗަށް ބޭނުން ވަނީ 93 އިން ފެށިގެން 95 ބީޓީއާ ދެމެދުގެ މިންވަރެއްގެ އޮކްސިޖަން ކަމަށެވެ. އަދި އޮކްސިޖަން ޕްލާންޓަކީ 95 ބީޓީގެ ޕްލާންޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސީދާ އައިޖީއެމްއެޗްގަ އަޅާފަ އިންނަ ޕައިޕްލައިން އަބަދުވެސް ގުޅިފަ އިންނާނީ. މީގަ އުފައްދާ އޮކްސިޖަން ޑައިރެކްޓުކޮށް ދާނީ އައިޖީއެމްއެޗް ހޮސްޕިޓަލަށ،ް ހޮސްޕިޓަލުން އެޕޭޝަންޓަކު އޮންނަ ދިމާލަކުން އޮކްސިޖަން ލިބިގެންދާނެ،" މުހައްމަދު ވިދާޅުވިއެވެ.

އެ ޕްލާންޓުން ހޮސްޕިޓަލަށް އޮކްސިޖަން ފޮނުވުމަށްޓަކައި މިހާރު ވަނީ ހޮޅި ލައިން އަޅައި މުޅި ހޮސްޕިޓަލާ ގުޅުވާފައެވެ.

comment ކޮމެންޓް