45 ރަށެއްގައި ބޯފެނުގެ ނިޒާމް ގާއިމްކުރަން 13.6 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ 45 ރަށެއްގައި ސާފު ބޯފެން ރައްކާކުރުމުގެ އެކަށީގެންވާ ނިޒާމެއް ގާއިމްކުރުމަށް 13.6 މިލިއަން ރުފިޔާ އަށް ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ 45 ރަށެއްގައި ސާފު ބޯފެން ރައްކާކުރުމުގެ އެކަށީގެންވާ ނިޒާމެއް ގާއިމްކުރުމަށް 13.6 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ރަށްރަށުގެ ސާފު ބޯފެން ގާއިމް ކުރުމުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން މިއަދު ސޮއިކުރި އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ޝާހް ކޮންސަލްޓަންޓްސްއިން އެ 45 ރަށުގެ ފެނުގެ ނިޒާމް ޑިޒައިންކޮށް ގިނަވަގެނެް ހަ މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އެ މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ސާފު ބޯފެން ރައްކާކުރުމުގެ ނިޒާމް ގާއިމްކުރާ ރަށްތަކަކީ ހއ. އުތީމު، ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. އުލިގަމު، ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހދ. ފިނޭ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ހިރިމަރަދޫ، ށ. ފޭދޫ، ށ. ނަރުދޫ، ށ. ފީވަށް، ށ. ޅައިމަގު، ށ. ނޫމަރާ، ށ. ބިލެތްފަހި، ށ. ފުނަދޫ، ނ. މަގޫދޫ، ނ. ހެނބަދޫ، ނ. ޅޮހީ، އއ. ހިމަންދޫ، އއ. ބޮޑުފުޅަދޫ، އއ. މަތިވެރި، އދ. ކުނބުރުދޫ، އދ. ދިގުރަށް، މ. ރަތްމަންދޫ، މ. ވޭވަށް، މ. ނާލާފުށި، ދ. ބަނޑިދޫ، ދ. މީދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ތ. އޮމަދޫ، ތ. ކަނޑޫދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި، ގއ. ނިލަންދޫ، ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ނަޑެއްލާ، ގދ. ހޯޑެއްދޫ، ގދ. ފިޔޯރީ، ގދ. ރަތަފަންދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ.

comment ކޮމެންޓް