ތިން ވަނަ ފަހަރަށް ކިޑްނީ ބަދަލު ކުރަންޖެހިފައި

އަބްދުއްރަހުމާން: އޭނާ ތައްޔާރުވެފައިވަނީ ތިން ވަނަ ފަހަރަށް ކިޑްނީ ބަދަލުކުރަން-- ފޮޓޯ: އާއިލާ

މީގެ ނުވަ އަހަރު ކުރިއެވެ. ރޯޔަލް އައިލެންޑް ރިސޯޓުގެ އެސިސްޓް އެފްއެންބީ މެނޭޖަރަކަށް ހުރި ޅ. ހިންނަވަރު، އުޝާ، 39، އަބްދުއްރަހުމާން މުހައްމަދަށް އާދަޔާ ޚިލާފް ކަންތައްތަކެއްވާންފެށިއެވެ. އެގޮތުން ބޯ އެނބުރުމާއި ހޮޑުލަވާފައިހުރުން އާންމުކަމަކަށްވިއެވެ. އެހެންކަމުން 2008 ވަނަ އަހަރުގެ ޖެނުއަރީމަހު ފަރުވާއަށް މާލެއައުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކުރީއެވެ. އެއަށްފަހު ޑޮކްޓަރުން ދިނީ ހިތާމަވެރި ހަބަރެކެވެ.

" އޭގެ ކުރިން ނޭނގޭ ކަމެއް، އެނގުނު އިރު ހުރީ ދެ ކިޑްނީވެސް ފެއިލްވެފައި،" އެހިތާމަވެރި ހާދިސާ ކިޔައިދެމުން އަބްދުއްރަހުމާން ބުންޏެވެ.

ޑޮކްޓަރުންގެ ލަފާގެމަތިން އޭނާ ޑައިލިސިސް ހަދަން ފެށިއެވެ. އަދި ހައެއްކަ މަސް ފަހުން ޕާކިސްތާނު ހޮސްޕިޓަލަކުން ކިޑްނީ ބަދަލުކުރިއެވެ. އޭރަކީ އާސަންދައިގެ ހިދުމަތް ނުލިބޭ ދުވަސްވަރަކަށް ވުމާއެކު 45000 ޑޮލަރު (578250 ރުފިޔާ) ހަރަދުވިއިރު އެތައް ބައެއްގެ އެހީތެރިކަން ލިބުނުކަމަށް އޭނާ ބުންޏެވެ.

އަބްދުއްރަހުމާން: އޭނާ ތައްޔާރުވެފައިވަނީ ތިން ވަނަ ފަހަރަށް ކިޑްނީ ބަދަލުކުރަން-- ފޮޓޯ: އާއިލާ

އޭގެ ފަހުން އޭނާގެ ހާލަތު އެއްކޮށް ރަނގަޅުވެ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދު ލިބި މަސައްކަތް ފެށިއެވެ. އަނބިމީހާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ފެށިއެވެ. ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ނަސީބު ލިބުން ވީ ވަގުތީ ކަމަކަށެވެ. ކިޑްނީ ބަދަލުކުރިތާ ފަސްވަރަކަށް އަހަރު ފަހުން 2013 ވަނަ ފަހަރު އަނެއްކާވެސް އެ އުނދަގޫތަކާ ކުރިމަތިލާންޖެހުނެވެ.

"ރެގިއުލާކުރަން ޓެސްޓް ކުރަމުން ދިޔައީ. ހަ މަހުން ކަހަލަ ގޮތަކަށް. އެހެން ޓެސްޓްތައް ހެދިިއިރު އެނގުނީ ގޯސްކަން. ޓްރާންސްޕުލާންޓް ކުރި ކިޑްނީ މައްސަލަ ޖެހުނީ،" އޭނާ ބުންޏެވެ.

ދެވަނަ ޓްރާންސްޕްލާންޓް ވީ ނާކާމިޔާބު

އަނެއްކާވެސް އޭނާ މަސައްކަތް ކުރީ ކިޑްނީ ބަދަލުކުރުމަށެވެ. ކިޑްނީ ދޭނެ އެކުވެރިއެއް ހޯދައި 2014 ވަނަ އަހަރު ލަންކާ ހޮސްޕިޓަލުން އޭނާ ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދައިފައެވެ. އެފަހަރު އާސަންދަ ލިބުނުއިރު އަތުން 35000 ޑޮލަރު (539700ރުފިޔާ) ހަރަދުވިއެވެ. ނަމަވެސް އެ ޓްރާންސްޕްލާންޓް ކާމިޔާބެއް ނުވިއެވެ.

"ޓްރާންސްޕުލާންޓް ކުރުމުން މައްސަަލަ ޖެހުނީ. ބޮޑަށް ލަފާކުރެވެނީ ދިމާނުވީކަމަށް. ދެން ޖެހުނީ ރިމޫވްކުރަން ފުރާނައަށް ގެއްލުންވާތީ،" އަބްދުއްރަހުމާން ބުންޏެވެ.

އޭގެ ފަހުން އޭނާ އުޅެމުންދަނީ ޑައިލިސިސް ހަދައިގެންނެވެ. އެގޮތުން ހަފްތާއަކު ތިން ދުވަހު ޑައިލިސިސް ހަދަން ޖެހެއެވެ. އުންމީދު ކަނޑައެއްނުލައެވެ. އެގޮތުން އަނެއްކާވެސް މިވަނީ ކިޑްނީ ބަދަލު ކުުމުގެ މަސައްކަތް ފަށާފައެެވެ.

އަބްދުލް ރަހުމާން ބުނުގޮތުގައި ކިޑްނީ ބަދަލުރުމަށް އާސަންދަ ލިބުނު ނަމަވެސް އެކިއެކި ހަރަދުތަކާއެކު 35000 ޑޮލަރާއި 40000 ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކިޑްނީ ދޭނެ މީހަކާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކަށް އޭނާ އެދެއެވެ.

އެހީތެރިވުމަށް:

އަބްދުއްރަހުމާނަށް ގުޅުމަށް: 7908441

ބީއެމްއެލް އެކައުންޓް ނަމްބަރު: ‎ 7703223755101އަބްދުއްރަހުމާން

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް