މިރުޒާ: ނުކުޅެދުނަސް، ކުޅިވަރުގައި ކުޅެދޭ ''ހީރޯއެއް''!

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

އުފެދުމުގައި މީހެއްގެ ގައިގައި އުނިކަމެއް، ނޫނީ ނުކުޅެދުންތެރިކަމެއް ހުރެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެ މީހަކީ ނާގާބިލް ނުވަތަ މުޖުތަމައުގައި ބޭކާރުވެގެންދާ މީހަކަށް ނުވާނެއެވެ. ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ވެސް ކާމިޔާބު މީހަކަށް ވެވިދާނެއެވެ. އެގޮތުން އެފަދަ މީސްމީހުން މިހާރު ވެސް ދަނީ އެ މީހުންނަކީ މުޖުތަމައުގައި ބޭނުންހިފޭ ބައެއްކަން ސާބިތުކޮށްދެމުންނެވެ.

ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް އެހީތެރިކަމެއް ބޭނުންވި ނަމަވެސް، ހަގީގަތަކީ އެމީހުންގެ ކިބައިގައި ތަފާތު ހުނަރުތަކެއް ހުންނަ ކަމެވެ. އެގޮތުން މިހާރު ވިލިމާލޭގައި މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އަސްލު 'ހީރޯ'އަކީ ވެސް އެފަދަ ޒުވާނެކެވެ.

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

ގދ. ގައްދުއަށް އުފަން އުމުރުން 23 އަހަރުގެ ޒުވާން މިރުޒާ މުނީރަކީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާގެ މަސައްކަތުގެ އެހީތެރިޔާއަކީ ފުރޮޅުލީ ގޮނޑިއެކެވެ. މިރުޒާ ދިރިއުޅެމުންދަނީ ވިލިމާލޭގައެވެ. ވިލިމާލޭގައި ދިރިއުޅޭ އަދި ވިލިމާލެއަށް އާންމުކޮށް ދަތުރުކޮށް އުޅޭ މީހުންނަށް އޭނާއަކީ އާންމުކޮށް ފެންނަ އުޖާލާ މޫނެކެވެ.

މިރުޒާ ކުޅިވަރުގެ ތެރެއަށް!

އެމްޓީސީސީ ވިލިމާލެ ޔުނިޓުގައި މަސައްކަތްކުރާ މިރުޒާ މިހާރު ދަނީ ވަރަށް ޒިންމާ ބޮޑު މަސައްކަތެއް ވެސް ކުރަމުންނެވެ. ކުޅިވަރު ކުޅުމުގައި އަމަލީގޮތުން ބައިވެރިނުވެވުނު ކަމުގައިވިޔަސް، ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރަކީ އޭނާއެވެ. ގިނަ މެޗުތަކެއް ކުޅޭ އެ މުބާރާތުގެ ކޮންމެ މެޗެއްގެ ވެސް މެޗު ކޮމިޝަނަރުގެ ދައުރު އޭނާ އަދާކުރަމުންދަނީ ވަރަށް ފުރިހަމަކަމާއި އިންސާފުވެރިކަމާއެކުއެވެ.

'ސަން ސްޕޯޓްސް'އަށް ދިން އިންޓަވިއުއެއްގައި މިރުޒާ ބުނީ، މުބާރާތުގެ މެޗު ކޮމިޝަނަރުގެ ދައުރު އަދާކުރުމުގެ ފުރުސަތު އޭނާއަށް ލިބުނީ ކުއްލި ގޮތަކަށް ކަމަށާއި އެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

"މި ފުރުސަތު ލިބުމުން އަޅުގަނޑު ވަރަށް ބޮޑަށް ސަޕްރައިޒްވި. ނަމަވެސް އަޅުގަނޑު އެއްވެސް ޖެހިލުމެއްނެތި އެ މަސްއޫލިއްޔަތާ ހަވާލުވިން. މި ފުރުސަތަކީ މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖިނާ އަޅުގަނޑަށް ދެއްވި ފުރުސަތެއް. އަޅުގަނޑު މިދަނީ ވީހާ ވެސް ރަނގަޅަކަށް މި މަސައްކަތް ކުރަމުން. ވަރަށް ޝައުގުވެރިވޭ،" އޭނާ ބުންޏެވެ.

އާންމުކޮށް ބޮޑެތި މުބާރާތްތަކުގައި އެކި މެޗުތަކުގައި ކޮމިޝަނަރުގެ ދައުރު އަދާކުރާނީ އެކި މީހުންނެވެ. ނަމަވެސް ވިލި މުއައްސަސާ ކަޕްގެ ހުރިހާ މެޗެއްގެ ވެސް މެޗު ކޮމިޝަނަރުގެ ދައުރު ފޫހިކަމެއް ނެތި މިރުޒާ ދަނީ އަދާކުރަމުންނެވެ.

މިރުޒާއާ ގުޅޭގޮތުން މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އަހްމަދު ޖިނާހު (ޖިނާ) ބުނިގޮތުގައި، މިރުޒާގެ އެންމެ ރަނގަޅު އެއް ސިފައަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ކޮންމެ ރެއަކު ވެސް މެޗުތައް ފެށުމުގެ ކުރިން ހާޒިރުވާން އަންގާ ގަޑިއަށް މިރުޒާ ހާޒިރުވެއެވެ. އެންމެ ކުރިން ހާޒިރުވާ މީހަކީ ވެސް މިރުޒާއެވެ.

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

އެމްޓީސީސީގައި މިރުޒާގެ މަސައްކަތްތައް ހުންނަގޮތް!

އެމްޓީސީސީގެ ވަޒީފާއަށް މިރުޒާ ނުކުތްތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. މިރުޒާ އެންމެ ފުރަތަމަ އެމްޓީސީސީ ވިލިމާލެ ޔުނިޓްގެ ވަޒީފާއަށް ނުކުތީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ގިނަ ބަޔަކަށް އެމީހަކު ވަޒީފާއަކަށް ނުކުތް ތާރީހު ހަނދާން ނެތުނުކަމުގައިވިޔަސް، މިރުޒާއަށް އެއްވެސް ޖެހިލުމެއްނެތި އެ ދުވަހަކީ ކޮބައިކަން ބުނަން އެނގެއެވެ.

"މިރުޒާއަކީ ވަޒީފާއަށް ފަރުވާތެރި، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކުވައިދޭ މުވައްޒަފެއް. ސާވިސް ލެވެލް އަޕް ކުރުމަށާއި ޓީމް ވޯކް ރަނގަޅުކުރަން އޮޕަރޭޝަން ޓީމަށް މިރުޒާ ވަރަށް ގިނަ ހިޔާލު ހުށަހަޅާކަން ވެސް އޮފިސަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ފާހަގަކޮށްލަން،" މިރުޒާއާއެކު މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ޖިނާ ބުންޏެވެ.

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

މިރުޒާގެގެ ހަޔާތުގައި މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބަޔަކީ ވިލިމާލޭ ޔުނިޓްގެ މެނޭޖަރު މުޖާޒް މުހައްމަދު (މުޖާ)އާއި އެ ޔުނިޓްގެ މުވައްޒަފުންކަން އޭނާ ފާހަގަކުރެއެވެ. މިރުޒާ ވަނީ އެމްޓީސީސީ ވިލިމާލޭ ޔުނިޓްގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ.

މިރުޒާގެ މެސެޖު!

އުފެދުމުގައި ނުކުޅެދުންތެރިކަން ހުރުމަކީ މުޖުތަމައުގައި ބާކީވާންޖެހޭ ސަބަބެއް ކަމުގައި މިރުޒާއެއް ވެސް ނުދެކެއެވެ. މިރުޒާވެސް ބޭނުންވަނީ ފުރުސަތެވެ. ހަމަ އެގޮތަށް އެފަދަ އެހެން ފަރާތްތަކަށް ވެސް ބޭނުންވާނީ ފުރުސަތާއި އެހީތެރިކަން ކަމުގައި އޭނާ ދެކެވެ.

"އަޅުގަނޑުމެންނަކީ ވެސް މުޖުތަމައުގައި ބޭނުން ހިފޭނެ ބައެއް. އަޅުގަނޑުމެންނަށް ބޭނުންވަނީ ފުރުސަތު. އަޅުގަނޑުމެންގެ ކިބައިގައި ވެސް ގާބިލްކަމެއް ހުންނާނެ. އަޅުގަނޑުމެންނަކީ މުޖުތަމައުގައި ބާކީ ވެގެންދާނެ ބައެއް ނޫން. ކޮންމެ މީހެއްގެ ގައިގައި ވެސް ހުނަރުތަކެއް ހުންނާނެ. އަޅުގަނޑު ކުރިން ދެކުނީ އަޅުގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް. ނަމަވެސް މިހާރު އަޅުގަނޑު ދެކެނީ ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށް،" މިރުޒާ ބުންޏެވެ.

ވިލި މުއައްސަސާ ކަޕްގެ މެޗު ކޮމިޝަނަރު މިރުޒާ: އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، މިރުޒާއަކީ ހުނަރުތަކެއް ހުރި ޒުވާނެއް --- ފޮޓޯ/ އެންޓޮމް

މީހަކަށް ކަމެއް ކުރެވޭނީ ވަކި ސިފައެއް ނޫނީ ވަކި ގޮތަކަށް ހުރެގެންނެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް މުޖުތަމައުގެ ތެރެއަށް ނުކުމެ، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހުންނާނެއެވެ. މިއީ މިރުޒާ އެންމެންނަށް ވެސް ދޭން ބޭނުންވާ މެސެޖެވެ.

މިރުޒާއެކޭ އެއްގޮތަށް އެހެން މީހުންނަށް ވެސް އެ ފުރުސަތު ދޭން އެބަޖެހެއެވެ. އެމީހުންގެ ކިބައިގައި ހުންނަ ހުނަރުތަކުގެ ބޭނުން ހިފޭނެއެވެ. އެފަދަ މީހުންވެސް ކޮންމެވެސް މަސައްކަތެއްކޮށް، ދިރިއުޅުމުގައި އުންމީދެއް ހޯދައި ކާމިޔާބާ ހަމައަށް ވާސިލުވާން ބޭނުންވާނެއެވެ. ކުޅިވަރުގައި އަމަލީގޮތުން ބައިވެރިނުވެވުނު ކަމުގައިވިޔަސް، ކުޅިވަރު މުބާރާތްތަކުގައި މިރުޒާއެކޭ އެއްގޮތަށް އެފަދަ އެހެން ފަރާތްތަކަށް ވެސް ކުޅިވަރަށް ހިދުމަތްތަކެއް ކޮށްދެވިދާނެއެވެ.

comment ކޮމެންޓް