މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލުކޮށްފި

މަޖިލީހުގެ ރައީސް މަސީހު (ކ) އަދި މަޖިލީހުގެ ނައިބު ރައީސް މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފި އެވެ.

އެ މައްސަލަ ބާތިލުކުރިކަން މަޖިލީހުގެ މެމްބަރުންނަށް އަންގާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމް މި މަހުގެ 13 ވަނަ ދުވަހު ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"....ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ އަދަދު އުނިވެފައި ވާތީ މިހާރު އެ މައްސަލަ ބާތިލުވެފައިވާ ވާހަކަ ދެންނެވީމެވެ،" މޫސާ މަނިކު މެމްބަރުންނަށް ފޮނުއްވި ސިޓީގައިވެ އެވެ.

comment ކޮމެންޓް