މާލޭގެ 14 ބިމެއް ދޫކޮށްލައި، ސަރުކާރު ކުންފުނިތަކުން އިންޑަސްޓްރިއަލް ވިލެޖަށް!

އިންޑަސްޓްރިއަލް ވިލެޖުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްޓީސީސީ

މާލޭ ހުޅަނގު ދެކުނު ފަރާތުން ބިމެއް ހިއްކައި މާލޭގެ އެކިއެކި ސިނާއީ މަސައްކަތްތައް އެތަނަށް ބަދަލުކުރުމަށް ހައުސިންގް މިނިސްޓްރީން "މާލޭ އިންޑަސްޓްރިއަލް ވިލެޖް"ގެ ނަމުގައި ބޮޑު މަޝްރޫއެއް ފަށައިގެން ކުރިޔަށް ގެންދެ އެވެ. ހިއްކި ސަރަހައްދު އެއްވަރުކޮށް، ފެނާއި ނަރުދަމާ އަޅައި، މަގު ހަދައި، އަދި މަގުތަކުގައި ތާރުވެސް ވަނީ އަޅައިފަ އެވެ.

ހައުސިންގް މިނިސްޓްރީން ބުނެފައިވާ ގޮތުން، މާލެ ތެރޭގައި ހިންގާ ގަރާޖުތަކާއި ވެއާހައުސްތަކާއި ގުދަންތައް ފަދަ ތަންތަން މާލެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރާނެ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ވެއާހައުސް އިމާރާތްތަކެއް އެޅިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެއީ ގިނަ ފަންގިފިލާތަކަކަށް، މައްޗަށް ނެގިގެންދާނެ ތަންތަނެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝަހީމް

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވި ގޮތުގައި، ވެއާހައުސްތައް އެޅުމުން، މާލެ ތެރޭގައި އެފަދަ ތަންތަން ހިންގުން މަނާކުރެވިގެން ދާނެ އެވެ. އަދި އެ ވެއާހައުސްތަކަށް ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުވާނީ އަމިއްލައަށް ބޭނުންވެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިންސެންޓިވްސް ދީގެން ބަދަލު ކުރާނީ. އެމީހުންވެސް ބޭނުންވެގެން ބަދަލުވާނީ. މާ ރަނގަޅު ތަނަކަށް އެތަން ވާނެ،"

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ވެސް އިންޑަސްޓްރިއަލް ވިލެޖުން ވަނީ ބިން ހަމަޖައްސައިފަ އެވެ. ހައުސިންގް މިނިސްޓަރު ވިދާޅުވީ، އެސްޓީއޯ އިން އެތަނަށް ބަދަލުވުމަށް ޓަކައި، މާލޭގައި ބޭނުންކުރާ އެކިއެކި ކޮށިތައް ހުސްކުރާނެ ކަމަށެވެ.

"ކާޑު ގުދަން ހުސްކުރާނެ. އަމީނީމަގުގައި ވެސް ހުންނާނެ އެސްޓީއޯ އިން ބޭނުންކުރާ ގިނަ ކޮށިތަކެއް. އެ ހުރިހާ ތަނެއް ބަދަލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ހުޅަނގު ދެކުނުން ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިފަދައިން، އެސްޓީއޯ ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ކުންފުނިތަކުން މާލޭގައި ބޭނުންކުރާ ޖުމްލަ 14 ބިމެއް ހުސްވެގެންދާނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ 14 ބިން ހުސްވުމުން، "ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި" އެތަންތަން ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

"ބައެއް ތަންތަނުގައި ޕާކު ހެދިގެންދާނެ. ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހައުސިންގްއަށް، ބިންމަތިން ޖާގަ ލިބޭ ގޮތަށް ހަދައި ޓަވަރުތައް އެޅިގެން ދާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑަސްޓްރިއަލް ވިލެޖުގެ ވެއާހައުސްތައް އަޅައި ނިމޭނެ ކަމަށް އަންދާޒާކުރެވެނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

"އިންޑަސްޓްރިއަލް ވިލެޖުގެ ސަބަބުން އަންނަ އަހަރު މާލެއަށް ބޮޑެތު ބަދަލުތަކެއް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް