Sun Online
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ
މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

އުޙުދު ހަނގުރާމަ - 3

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

ކުރީންވެސް ދެންނެވިފަދައިން އެދުވަހަކީ ހުކުރުދުވަހެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދުވަހުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކަށް ހެއްދެވީ ޖިހާދެވެ. މާތްﷲގެ މަގުގައި ޖިހާދުކުރުމުގެ މޮޅުކަމާއި ޝަހީދުންގެ ދަރަޖަ މަތިވެރިކަން ތަފްޞީލުކޮށް ބަޔާންކުރެއްވިއެވެ. ހަނގުރާމައިގައި ކެތްތެރިވުމާއި ސާބިތުވެތިބުމުގެ ބޭނުންތެރިކަން މަތިމައްޗަށް ހަނދާންކޮށްދެއްވިއެވެ.

އެދުވަހުގެ ޢަޞުރު ވަގުތުވީއިރު މުޖާހިދުންވަނީ ޖަމާވެވަޑައިގެންފައެވެ. ޢަވާލީގެ މުސްލިމުންވެސް ވަނީ ހަނގުރާމަޔަށް ތައްޔާރުވެގެން އައިސްފައެވެ. އިތުރުސާހިބާ ޢަޞުރުނަމާދަށްފަހު ގެކޮޅަށް ވަދެވަޑައިގެންނެވިއިރު އަބޫބަކުރުގެފާނާއި ޢުމަރުގެފާނާ ދެބޭކަލުން އަރިހުގައި ގެންދެވިއެވެ. އެދެބޭކަލުން އިތުރު ސާހިބާގެ އިސްތަށިފުޅުގައި ފަގުޑިކޮޅު އޮޅުއްވައިދެއްވައި ހަނގުރާމައިގެ ހެދުންކޮޅު ތުރުކޮށްދެއްވިއެވެ. ދަގަނޑު ދަހަނާލައްވައި ދެއްވައި ކަނޑިކޮޅު އަޅުއްވައިދެއްވިއެވެ.

ޞަޙާބީންގެ ދަރަޖައި މަތިވެރި ދެބޭކަލުން ކަމުގައިވާ ސަޢުދު ބިން މުޢާޛު އާއި އުސައިދު ބިން ޙުޟައިރު އާ ދެބޭކަލުން (ރަޟިޔަﷲ ޢަންހުމް) އިތުރުސާހިބާ ގަނޑުވަރަށް ވަދެވަޑައިގެންނެވުމުން ޒުވާން ސަހާބީންނަށް ވިސްނައިދެއްވިއެވެ. ނަސީހަތްޕުޅު އެރުއްވިއެވެ. އިތުރުސާހިބާގެ ވިސްނުންފުޅާ ތަފާތު ގޮތަކަށް ޢަމަލުކުރައްވަން އެކަލޭގެފާނަށް މަޖްބޫރު ކުރެއްވީތީ އެކަމާ ފަޑުވިދާޅުވިއެވެ. އިތުރުސާހިބާގެ ޚިޔާލުފުޅާ އެއްގޮތަށް މައްސަލަ ދޫކޮށްލައްވަން ވިސްނައިދެއްވިއެވެ. އެހެންކަމުން ކައުސާހިބާ ހަތިޔާރު އަޅުއްވައިގެން ނިކުމެވަޑައިގެންނެވުމުން ޒުވާން ޞަޙާބީން ދެންނެވިއެވެ. " އޭ މާތްﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ފެނިވަޑައިގެންނެވި ގޮތްކޮޅާ ތަފާތުގޮތަކަށް ވާހަކަ ދައްކައި ބާރުއަޅައި ހެދުނުކަމަށްޓަކައި އަޅުގަނޑުމެން ހިތާމަކުރަމުއެވެ. ކަލޭގެފާނު ހިތްޕުޅާ ހަމަކުރައްވާ ގޮތްކޮޅަކަށް ޢަމަލުކުރައްވާށެވެ. އަޅުގަނޑުމެންނާއިގެން މަދީނާގައި ހުންނަވާށެވެ." އިތުރުސާހިބާ އެބޭކަލުންނަށް ހެޔޮ ދުޢާކުރެއްވުމަށްފަހު ޙަދީޘުކުރެއްވިއެވެ. " ނަބީބޭކަލަކު ހަނގުރާމަޔަކަށް ހަތިޔާރު އެޅުއްވުމަށްފަހު އެހަނގުރާމަޔަކުން ނިކުންނާން ހުރި ނަތީޖާއެއް ނުނިކުންނަނީސް ހަތިޔާރު ބެހެއްޓެވުމަކީ ހުއްދަކަމެއް ނޫނެވެ. އެހެންކަމުން މާތްﷲ ކުރައްވާނެ ނިޔާފުޅަކަށް ރުހިގެން ނިކުންނަމާ ހިނގާށެވެ!"

އިތުރުސާހިބާގެ މިނިންމެވުމަކީ މިދަންނަވާ ވަޙީ ބަސްފުޅާ އެއްގޮތް ނިންމެވުމެކެވެ.

" އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ ﷲ ގެ ޙަޟުރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި،ކަންކަމުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާކުރައްވާށެވެ! ފަހެ (ކަމަކާމެދު) ކަލޭގެފާނު ޢަޒުމުކަނޑަ އަޅުއްވައިފިނަމަ. ފަހެ ކަލޭގެފާނު ﷲ އަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ" (އާލުޢިމްރާނު : 159)

އިސްވެދިޔަ އާޔަތާ ވިދިގެން، މުސްލިމުންނަށް ދެން ހަނދާންކޮށްދެއްވީ އެކަލާނގެ ނަސުރުދެއްވާނަމަ މުސްލިމުން ބަލިކުރެވޭނެ އެއްވެސް ބާރެއް ނުވާކަމެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

" ﷲ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނެ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް ނަސުރުދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި ﷲ އަށް މުއުމިނުން ވަކީލު ކުރާހުށިކަމެވެ!"

އިސްލާމީ ލަޝްކަރު އުޙުދާ ދިމާޔަށް

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރު ތިންބަޔަށް ބައި ކުރައްވައި ތިންބޭކަލަކަށް ދިދަ ދެއްވިއެވެ.

  1. މުހާޖިރުން : މި ޔުނިޓުގެ ދިދަ ދެއްވީ މުޞްޢަބު ބިން ޢުމައިރު ޢަބްދަރީރަޟިޔަﷲ ޢަންހުއަށެވެ.
  2. އައުސުވަންހަ (އަންޞާރިއްޔަ ބޭކަލުން) މި ޔުނިޓުގެ ދިދަ ދެއްވީ އުސައިދު ބިން ޙުޟައިރު ރަޟިޔަﷲ ޢަންހުއަށެވެ.
  3. ޚަޒްރަޖުވަންހަ (އަންޞާރިއްޔަ ބޭކަލުން) މި ޔުނިޓުގެ ދިދަ ދެއްވީ ޙައްބާބު ބިން މުންޛިރު ރަޟިޔަﷲ ޢަންހުއަށެވެ.

އިސްލާމީ ލަޝްކަރުގެ ޢަދަދަކީ އެއްހާސް ހަނގުރާމަވެރީންނެވެ. އޭގެތެރޭގައި ދަގަނޑު ދަހާނާ އެޅުއްވި އެއްސަތޭކަ މުޖާހިދުންނާއި ފަންސާސް އަސްވާރުން ހިމެނެއެވެ. (އަސްވާރުންގެ އަދަދާމެދު މުއައްރިޚުންގެ މެދުގައި ޚިލާފުހުރެއެވެ. ބައެއްބޭކަލުން ވިދާޅުވާގޮތުގައި އުހުދު ހަނގުރާމައިގައި މުސްލިމުންގެ އަތުގައި އެންމެ އަހެއްވެސް ނެތެވެ. އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި އޮތީ އެންމެ ދެ އަހެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަސްކޮޅާއި އަބޫބުރުދާ ރަޟިޔަﷲ ޢަންހުގެ އަސްކޮޅެވެ.) މަދީނާގެ މައްޗަށް އިބްނު އުއްމި މަކްތޫމު ވެރިކުރައްވައި އެކަލޭގެފާނަށް އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ދެއްވިއެވެ.

ހުރިހާ ތައްޔާރީތަކެއް ނިންމެވުމަށްފަހު ލަޝްކަރު ފިރުކިގަތުމަށް އަމުރުކުރެއްވީ 06 ޝައްވާލު 3 ހ. (22 މާޗް 625 މ.) ގައެވެ. އިތުރުސާހިބާ އަސްމަތީގައި އިންނެވިއިރު ކޮނޑުފުޅުގައި ދުނިދަނޑިކޮޅު އަޅުއްވައިލައްވައިފައި އޮތެވެ. އަތްޕުޅުގައި ލޮންސިކޮޅުއޮތެވެ. ސަޢުދު ބިން މުޢާޛު އާއި ސަޢުދުބިން ޢުބާދާ (ރަޟިޔަﷲ ޢަންހުމް) އިތުރުސާހިބާ ކުރިފުޅުމަތީން ދުވެވަޑައިގަންނަވަމުން ވަޑައިގެންނެވިއެވެ. ކަނާތްޕުޅު ފަރާތްޕުޅާއި ވާތްޕުޅު ފަރާތްޕުޅާއި ފަހަތްޕުޅުގައި މުޖާހިދުން ތިއްބެވިއެވެ.

ޘަނިއްޔަތުލް ވަދާޢާ ހަމައަށް ވަޑައިގެންނެވުނު ތަނާ މާވަރުގަދަޔަކަށް ހަތިޔާރު އަޅައިގެން މަދީނާއިން އަންނަ ބަޔަކު ފެނިވަޑައިގެން ޚަބަރު ބެއްލެވިއެވެ. ޞަހާބީން ޖަވާބުއެރުއްވިއެވެ. އެއަންނަނީ ޔަހޫދީންގެ ޖަމާޢަތެކެވެ. ޚަރްޖުވަންހައިގެ ޙަލީފުންނެވެ. އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. "އެބައިމީހުން އަންނަނީ އިސްލާމްވެގެން ހެއްޔެވެ؟" ސަހާބީން ނޫނެކޭ ވިދާޅުވުމުން ޙަދީޘުކުރެއްވިއެވެ. " މުޝްރިކުންނާ ދެކޮޅަށް ކާފަރުންގެ އެހީ ބޭނުންފުޅެއް ނޫނެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައިޚާނިއެވެ ކިޔުނު މަންޒިލާ ހަމައަށް ވަޑައިގެންފައި ލަޝްކަރު މުޢާއިނާކުރެއްވިއެވެ. ހަނގުރާމަޔަށް އެކަށީގެންނުވާ ކަމުގައި ފެނިވަޑައިގެންނެވި ބޭކަލުން މަދީނާއަށް ފޮނުއްވައިލެއްވިއެވެ. އުމުރުފުޅު ހަގުކަމުން އަނބުރާ ފޮނުއްވައިލެއްވި ބޭކަލުންގެ ތެރޭގައި މިދަންނަވާ ބޭބޭކަލުން ހިމެނިވަޑައިގެންނެވިއެވެ. ޢަބްދުﷲ ބިން ޢުމަރު ، އުސާމާބިން ޒައިދު، އުސައިދު ބިން ޡަހީރު، ޒައިދު ބިން ޘާބިތު، ޒައިދު ބިން އަރުޤަމު، ޢަރަބާ ބިން އައުސު، ޢަމްރު ބިން ޙަޒަމް، އަބޫސައީދުލް ޚުދުރީ، ޒައިދު ބިން ޙާރިޘަތުލް އަންޞާރީ (ރަޟިޔަﷲ ޢަންހުމް)

ރާފިޢު ބިން ޚަދީޖު އާއި، ސަމަރަތު ބިން ޖުންދުބާ ދެބޭކަލުންނަކީވެސް (ރަޟިޔަﷲ ޢަންހުމް) އުމުރުފުޅުހަގުކަމުގެ ސަބަބުން އެންމެ ފުރަތަމަ މުޢާއިނާގައި ބާކީ ކުރެއްވި ދެބޭކަލުންނެވެ. ނަމަވެސް ރާފިޢަކީ ދުނިއުއްކެވުމުގެ ވަރަށް ކުޅަދާނަފުޅު މާހިރެއްކަމުގައި ދެންނެވިގެން ރާފިޢަށް ހުއްދަދެއްވިއެވެ. އެކަން އެނގިވަޑައިގެން ސަމަރަތު ވިދާޅުވިއެވެ. "އަހަރެން ރާފިޢަށްވުރެ މާބާރުގަދަވާނެއެވެ. މިހާރު ހިފައިގަތަސް ރާފިޢު ވައްޓައިލާނަމެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދެބޭކަލުން ގެންނަވައި ބަނޑުމުސާރަޔަށް ހިއްޕަވަން އެންގެވިއެވެ. ޙަޤީޤީގަތުގައިވެސް ސަމަރަތުގެ ބާރުފުޅުމާގަދައެވެ. ސަމަރަތު ވަރަށް ފަސޭހަފުޅުކަމާއެކު ރާފިޢު ވައްޓައިލައްވައިފިއެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަލުންނަށްވެސް ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދަ ދެއްވިއެވެ.

އެހައިތަނުން އެދުވަހުގެ އިރުއޮއްސޭން ކައިރިވެއްޖެއެވެ. އެހެންކަމުން އެތާނގައި ލަޝްކަރު މަޑުކުރެއްވިއެވެ. އެރޭގެ މަޣުރިބު ނަމާދާއި އިޝާ ނަމާދުކުރެއްވީ ޝައިޚާނިއެވެ ކިޔުނު މަންޒިލުގައެވެ. އެތާނގައި ރޭގަނޑު ހޭދަކުރައްވަން ނިންމަވައި މުޖާހިދުންގެ ކޭމްޕް ބަލަހައްޓަވާނެ ފަންސާސް ފާރަވެރިން އައްޔަންކުރެއްވިއެވެ. އެބޭކަލުންގެ މައްޗަށް ވެރި ކުރެއްވީ މުޙައްމަދު ބިން މަސްލަމަތުލް އަންޞާރީ ރަޟިޔަﷲ ޢަންހުއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚާއްޞަ ހަށިފާރަވެރިއަކަށް ހަމަޖެއްސެވުމުގެ ޝަރަފުލިބިވަޑައިގެންނެވީ ޛަކްވާން ބިން ޢަބްދުﷲ ބިން ޤައިސު ރަޟިޔަﷲ ޢަންހުއަށެވެ.

ފަޖުރުލުމުގެ ކުޑަތަންކޮޅެއްކުރީން ދަތުރުފުޅު ފެއްޓެވިއެވެ. ޝައުޠެވެ ކިޔުނު މަންޒިލަށް ވަޑައިގެން ފަތިސްނަމާދުކުރެއްވިއެވެ. އޭރު މުސްލިމުންނާއި މުޝްރިކުންގެ ލަޝްކަރަށް އެއްބަޔަކަށް އަނެއް ބަޔަކު ފެނި ހަރަކާތްތައް އޮޅުންފިލާ ހިސާބަށް ވަނީ ކައިރިވެފައެވެ.

މުނާފިޤުންގެ ރައީސު އެހައިތަނުން ބަޣާވާތްކޮށް އެނާގެ ބަސްޤަބޫލުކުރާ ތިންސަތޭކަ އެކުވެރިންނާއިގެން އިސްލާމީ ލަޝްކަރާ ވަކިވެއްޖެއެވެ. އޭނާ ހުށަހެޅި ޢުޒުރަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާގެ ހުށަހެޅުން ޤަބޫލުނުކުރައްވައި ޒުވާނުންގެ ބަސްޤަބޫލުކުރައްވައިގެން މަދީނާއިން ބޭރަށް ނުކުމެ ވަޑައިގެންނެވިކަމެވެ. އޭނާ ބުންޏެވެ. "ކަލޭގެފާނު އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުފުޅެއް ނުކުރެއްވީމުއެވެ. އެހެންވީއިރު އެއްވެސް ކަމަކާ ނުލައި އަޅުގަނޑުމެންގެ ފުރާނަތައް ނުރައްކަލުގެ ތެރެއަށް ވައްޓައިލާންވީ ކީއްކުރަންތޯއެވެ. މިއީ ހަނގުރާމަ އެއްވެސް ނޫނެވެ. މިއަދަކު ހަނގުރާމައެއް ނުހިނގާނެއެވެ. ހަނގުރާމަ ހިނގާނެނަމަ އަޅުގަނޑުމެން ކަލޭގެފާނާ ބައިވެރިވީމުހެވެ."

މުސްލިމުން އޭނާއަށް ވިސްނައިދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް ޢަބްދުﷲ ބިން އުބައްޔު އޭނާގެ ގޮތް ދުލެއްނުކުރިއެވެ. މިނާޒުކު މަރްޙަލާގައި މުނާފިޤުން ވަކިވެގެން ދާން ފެށުމުން އަންސާރިއްޔަ ބޭކަލުންގެ ބޮޑުންކުރެ ޢަބްދުﷲ ބިން ޙަރާމް ރަޟިޔަﷲ ޢަންހު އެބައިމީހުންގެ ފަސްފަހަތުން އެތައް ހިސާބަކަށް ވަޑައިގެން ވިސްނައިދެއްވައި ނަސޭހަތްދެއްވިއެވެ. އެކަމަކު މުނާފިޤުން އެކަލޭގެފާނުގެ ބަސްފުޅުޤަބޫލެއްނުކުރިއެވެ.

މިކަމާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.

" އަދި މުނާފިޤުވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އެދުވަހު) އެއުރެންނަށް އެންގެވިއެވެ. ﷲގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު ދުޝްމިނުންގެ ކިބައިން) ދިފާޢުކުރަން ތިޔަބައިމީހުން އަންނާށެވެ، އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެދުވަހު އެއުރެން އިމާންކަމަށްވުރެ ކާފިރުކަމާ ގާތްކަން ބޮޑެވެ. އެއުރެންގެ ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާކަންތައް އެންމެ މޮޅަށްދެނެވޮޑިގެން ވަނީ މާތްﷲ އެވެ."

ކީރިތި ޤުރުއާނުގެ އިސްވެދިޔަ އާޔަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން މުނާފިޤުންގެ މިބަޣާވަތުގެ ސަބަބަކީ އެބައިމީހުން ފާޅުކުރި ސަބަބެއްނޫނެވެ. އެބައިމީހުން ވަކިވީ މުނާފިޤުންގެ ރައީސުގެ ލަފާ ޤަބޫލުނުކުރެއްވެވުމުގެ ސަބަބުން ކަމުގައިވާނަމަ އެބައިމީހުން މަދީނާއިން ޝައުޠާ ހަމައަށް އައުމުގެ ބޭނުމެއްނެތެވެ. ޙަޤީޤަތުގައި އެބައިމީހުންގެ މަޤްސަދަކީ ދުޝްމިނުންނަށް ފެންނަ ހިސާބަށް އައިސް އިސްލާމީ ލަޝްކަރުގެ ތިންބައިކުޅައެއްބައި ލަޝްކާރާ ވަކިވެގެންދާ މަންޒަރު ދުޝްމިނުންނަށް ދައްކައިލުމެވެ. މުޝްރިކުންނަށް ހިތްވަރުދީ އެމީހުންގެ ޢަޒުމު ވަރުގަދަކުރުވުމެވެ. އަނެއްކޮޅުން މުސްލިމުންގެ ތެރޭގައި މާޔޫސްކަން އުފައްދައި ހިތްވަރު ދެރަކުރުވުމެވެ. މުސްލިމުންގެ ސަފުތައް ރޫޅާލައި ބައިބައިކުރުމެވެ. ޢަބްދުﷲ ބިން އުބައްޔު ހީކޮށްގެންހުރީ އޭނާ އެގޮތަށް ކަންތައް ކޮށްލުމުން އޭނާއާއި އޭނާގެ އެކުވެރީންގެ ޒަޢާމަތަށް މަގުފަހިވާނެކަމުގައެވެ. ނަމަވެސްމާތް ﷲ އޭނާގެ އެރޭވުން ކަމުފޮޅާގޮތެއް މެދުވެރިއެއްނުކުރެއްވިއެވެ.

މުނާފިޤުންގެ މިޣަދަރުވެރިކަމުގެ އަސަރު މުސްލިމުންގެ އެހެން ދެ ޖަމާޢަތަކަށްބެސް ފޯރިއެވެ. އެއީ، އައުސުވަންހައިގެ މީހުންކުރެ ބަނޫޙާރިޘަތު ވަންހައާއި، ޚަޒްރަޖުވަންހައިގެ މީހުންކުރެ ބަނޫ ސަލަމަތު ވަންހައިގެ މީހުންނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.