ގާނޫނީ ވެރިކަމަށް ސިފައިން އަބަދުވެސް ކިޔަމަންވާނެ: އެމްއެންޑީއެފް

ގާނޫނީ ވެރިކަމަށް ސިފައިން އަބަދުވެސް ކިޔަަމަންވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރަކާ ގުޅިގެން އެކަން ދޮގު ކުރައްވައި އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ސިފައިން އަބަދުވެސް ތިބޭނީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި ކަމަށެވެ.

"ދިވެހި ސިފައިން އަބަދުވެސް ދެމި ތިބޭނީ، މާތްވެގެންވާ އިސްލާމް ދީނާ ދިވެހި ރާއްޖޭގެ މިނިވަންކަމާ، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އަދި ގާނޫނީ ވެރިކަމަށް ކިޔަމަންތެރިކަން އަދާކުރުމާއެކު ވެރިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގައި،" ޒަކަރިއްޔާ މަންސޫރު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ބައެއް ބޭފުޅުން މިނިވަން ކޮށްދިނުމަށް އެދި ދިވެހި ސިފައިންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވި ކަމަށް ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ނޫން ކަމަށާއި، ސިފައިންގެ ތެރޭގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

" ސިފައިންގެ ތެރެއިން އެއްވެސް ބަޔަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަކަށް މިފަދަ ކަމަކަށްއެދި ސިޓީ ފޮނުވާފަކާއެއް ނުވާނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިފައިން ތިބޭނީ ރައްޔިތުންނަށް ރައްކާތެރިކަމާ ރައްޔިތުންގެ ހިމާޔަތާއި ސުލްހަ މަސަލަސްކަން ގާއިމްކޮށްދޭ ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ސުލްހަ ގާއިމް ކުރުމުގައި ފުލުހުންގެ ފަރާތުން އެހީއަކަށް އެދިއްްޖެ ނަމަ ގާނޫނުތަކާ އެއްގޮތަށް އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ހަގީގަތާ ޚިލާފު ވާހަކަތައް އެއްވެސް މީހަކު ނުފެތުރުމަށް އެދި އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް