އަމިއްލަ ގިނަ ކުންފުނިތަކަކުން މުވައްޒިފުންގެ ޕެންޝަން ފައިސާއެއް ނުދައްކާ: ޕެންޝަން އޮފީސް

ގައުމީ ޕެންޝަން ސްކީމް، މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުން މުވައްޒިފުންގެ ޕެންޝަން ފައިސާ ދައްކަމުން ނުދާކަމަށް ޕެޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އަމިއްލަ 3700 ފަރާތަކުން ޕެންޝަން ސްކީމްގައި ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސެން މަނިކު ވިދާޅުވީ އެ އެފަރާތްތަކުގެ ތެރެއިން މުވައްޒިފުންގެ ޕެންޝަނަށް ފައިސާ ދައްކަމުން އަންނަނީ 1200 ކުންފުންޏަކުން ކަމަށެވެ.

"އެބޭފުޅުންނަށް އެކި ދަތިތަކެއް ހުރީމައާ އެއްކޮށް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެބޭފުޅުންނަށް ފައިސާ ނުދެއްކިގެން އުޅެނީ. އެއީ މުވައްޒިފުން މިކޮޅުގައި އެންރޯލް ނުކުރައްވައި ނޫނީ މުވައްޒިފުން ނެތް ކުންފުނިތަށް ކަމަށް މިބަލަނީ. އެހެންވެ އެ އަދަދަށް ބަލާފައި އަޅުގަނޑުމެންނަށް އަދި އެއްޗެއް ދަންނަވަން ދަތި،" މަނިކު ވިދާޅުވި އެވެ.

ގާނޫނު ބުނާގޮތުން ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން އަމިއްލަ ކުންފުނިތަކުން މިދިޔަ މޭމަހުން ފެށިގެން ކޮންމެ މުވައްޒިފެއްގެ މުސާރައިން ހަތް ޕަސެންޓް އަދި ހަމަ އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޕެންޝަނަށް ފައިސާ ދައްކަން ޖެހެ އެވެ.

މަނިކު ވިދާޅުވީ ފައިސާ ނުދައްކައި ކުންފުނިތަކުގެ ތެރޭގައި "ލިލީ ގުރޫޕް" ފަދަ ބޮޑެތި ކުންފުނިތައް ވެސް އުޅޭ ކަމަށާއި އެފަދަ ފަރާތްތަކާއި މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުރިހާ ރިސޯޓަކުންވެސް ފައިސާ ދައްކަމުން އަންނަނީ. ނަމަވެސް ލިލީ ގުރޫޕުގެ ދެ ރިސޯޓުން މެއި އަދި ޖޫން މަހުގެ އެއްވެސް ފައިސާއެއް ނުލިބޭ. އެބޭފުޅުންނާއި މަޝްވަރާކޮށް ގެން އެކަމަށް ހައްލެއް ހޯދަން މަސައްކަތް މިކުރަނީ. އެބޭފުޅުން ވެސް އެކަން ކުރައްވަންޖެހޭނެ،" މަނިކު ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ފާހަގަ ކުރާ ދެ ރިސޯޓަކީ ލިލީ ބީޗާއި އައިލެންޑް ހައިޑަވޭ އެވެ.

ޕެންޝަން ފައިސާ ނުދައްކައި ކުންފުނިތަކާއި މެދު ގާނޫނީ ފިޔަވަޅެއް އަޅަން އަދި ޕެންޝަން އޮފީހުން ނިންމާފައި ނުވާކަމަށް ވެސް މިއަދު ވަނީ ބުނެފަ އެވެ.

މަހަކު 50 މިލިއަން ރުފިޔާ ވަންނަ ސްކީމްގައި މިހާރުވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި އެކު 70000 މުވައްޒިފުން ޕެންޝަން ސްކީމަށް ފައިސާ ދައްކާއިރު ބާކީ ތިބި މުވައްޒިފުން ވެސް ޕެންޝަން ސްކީމްގައި ބައިވެރިވުމަށް މުވައްޒިފުން އިސް ނަގައިގެން ކުންފުނިތަކަށް ބާރުއަޅަންޖެހޭ ކަމަށް މަނިކު ވިދާޅުވި އެވެ.

"މުވައްޒިފުންގެ ހައްގެއް އެއީ. އެބޭފުޅުން އެބަޖެހޭ އެކަމަށް ބާރުއަޅުއްވަން ވަޒީފާ ދެއްވައި ފަރާތަކަށް ބާރު އަޅުއްވައިގެން އެ ހައްގު ހޯއްދަވަން. އެކަމަށް މަސައްކަތް ކުރައްވަން،" މަނިކު ވިދާޅުވި އެވެ.
ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު