ވާދަވެރި ނިއުރޭޑިއަންޓް ރޮއްވާލައި މާޒިޔާއިން މާލޭ ލީގު ކާމިޔާބުކޮށްފި!

މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮސްކީ މާލޭ ލީގުގެ ޝީލްޑް ހިފައިގެން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގައި މިރޭ ކުޅުނު ފަހު މެޗުގައި ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ލަނޑުގެ ތަފާތުން މާޒިޔާއިން މުބާރާތް ކާމިޔާބުކޮށްފިއެވެ.

މި ދެޓީމް މިރޭ ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.

މާޒިޔާއަށް ލީގު ކަށަވަރުވީ ދެވަނައިގައި އޮތް ގްރީން ސްޓްރީޓަށް ވުރެ އެއް ގޯލް އިތުރަށް ކާމިޔާބުކޮށްފައިވާތީއެވެ. އެ ދެޓީމަށްވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ. މުބާރާތުގައި ނިއުއަށްލިބުނީ ތިންވަނަ މަގާމެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑުނެގީ ނިއުއިންނެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ގިނަ ދުވަސްތަކެއް ވަންދެން ގަލޮޅު ދަނޑުން ނުފެނި ހުރުމަށްފަހު މިރޭ ނިއުރޭޑިއަންޓްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ)އެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ތެރެއިން: ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މި މެޗަށްފަހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެވަނަ މިނެޓުގައި ނިއުއަށް އޮއްޕޮ ލީޑު ހޯދައިދިނީ ސެންޓޭ ނަގައިދިން ހުރަހަކުންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެ ނަތީޖާއާއެކުއެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު މެޗުގެ 58 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނިއުގެ ހާފްގެ ތެރެއިން އަސައްކޮއަށް ކުރި ފައުލާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް ލިބިފައިވާއިރު ކޮވަސެވިޗް ނަގައިދިން ހިލޭ ޖެހުމަކުން މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަމްދާން އަލީ (އެންޑީ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އެ ނަތީޖާއާއެކު މެޗު ވަނީ ނިމިގެންގޮސްފައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ތެރެއިން: ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މި މެޗަށްފަހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭގެ މެޗަށް ފަހު މާޒިޔާއަށް ލީގުގެ އެއްވަނަ ލިބިފައިވާއިރު ލީގުގެ އެޓީމް ވަނީ ޕްރިމިއާލީގަށް ކޮލިފައިވެފައެވެ.

މާޒިޔާގެ އިތުރުން ދެން ޕްރިމިއާ ލީގަށް ކޮލިފައިވެފައިވަނީ ދެވަނައަށް ދިޔަ ގްރީން ސްޓްރީޓާއި ތިންވަނަ ނިއުރޭޑިއަންޓް އަދި ހަތަރުވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބެވެ. މީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ކަމަށްވާ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫ އަދި އއ. މާޅޮހަށް ވެސް ވަނީ ޕްރިމިއަރ ލީގުން ޖާގަ ލިބިފައެވެ.

މިފަހަރުގެ މާލޭ ލީގުގެ ފަސްވަނަ އަކީ އީގަލްސްއެވެ. ހަވަނައަށް ވިކްޓަރީ ދިޔައިރު ވެލެންސިއާއަށް ލިބުނީ ހަތްވަނައެވެ. އެންމެ ފުލުގައި އޮވެ މުބާރާތް ނިންމާލީ ޔުނައިޓެޑް ވިކްޓަރީއިންނެވެ.

comment ކޮމެންޓް