އައިފާ އެވޯޑުގައި ދަންގަލް ބައިވެރިކޮށްފައެއް ނުވޭ!

ނިމިގެން ދިޔަ 18 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑަށް، މިދިޔަ އަހަރު ރިލީޒް ކުރި އާމިރު ޚާންގެ ފިލްމު 'ދަންގާލް' ނޮމިނޭޓް ވެފައި ނުވަނީ އެވޯޑުގައި ފިލްމު ބައިވެރިކޮށްފައި ނުވާތީ ކަމަށް އެވޯޑު އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.

އެވޯޑުގެ އެއްވެސް ކެޓަގަރީ އަކަށް ދަންގާލް ނޮމިނޭޓް ނުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެވޯޑު ހަފްލާ ނިމުމުން، އެވޯޑުގެ ސައްހަކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން އެވޯޑު އިންތިޒާމް ކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެވޯޑުގައި ފިލްމުތައް ބައިވެރިކުރުމަށް އެދި އެ ފަރާތުން ހުރިހާ ޕްރޮޑަކްޝަން ހައުސްތަކަށް ފޯމު ފޮނުވާފައި ވާނޭ ކަމަށާއި، އެވޯޑަށް ނޮމިނޭޓް ވާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތައް ކަމަށެވެ.

"އެވޯޑުގައި ދަންގަލް ބައިވެރިކުރަން ހުށަހަޅާފައެއް ނުވޭ. ދަންގަލް އަކީ ހުރިހާ ރެކޯޑެއް އާކޮށްފައިވާ ފިލްމެއް. އެހެންކަމުން އެވޯޑުގައި ދަންގަލް ބައިވެރި ކުރުން ވެގެންދާނީ ލިބޭ އުފަލަކަށް. ފިލްމުގައި އާމިރު ޚާން އާއި އެހެން ފަންނާނުންގެ ފަރާތުން ފެނިގެން ދިޔައީ ތައުރީފު ހައްގު މަސައްކަތްތަކެއް. އެކަމަކު ހިތާމައަކީ، އެވޯޑަށް ދަންގަލްގެ ނަން ހުށަހަޅާފައި ނުވާކަން،" ބަޔާނުގައިވެ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓުކޮށްފައިވާ ދަންގަލް އަކީ މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ހިންދީ ފިލްމެވެ.

އައިފާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުންނަށް ހޮވިފައި ވަނީ ފިލްމު 'އުޅްތާ ޕަންޖާބް' އިން އާލިއާ ބަޓް އަދި ޝާހިދު ކަޕޫރު އެވެ. އެންމެ މޮޅު ފިލްމަކަށް ހޮވިފައި ވަނީ 'ނީރްޖާ' އެވެ.

comment ކޮމެންޓް